Roadha Mihaaru

ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓު ނެރުނު ދެ ތަނެއްގެ ރަޖިސްޓްރީ ބާތިލުކޮށް ދައުވާކުރަނީ

ދެ ބޮންޑެޑްވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓަށް ވީނުވީއެއް ނޭނގުނު މައްސަލާގައި އެ ތަންތަނުން ކަސްޓަމްސް އަށް ދައްކަން ޖެހޭ 67 މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ކަސްޓަމްސް އިން ހުށަހަޅައިފި އެވެ.

ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ނެރުމުން ދައުވާކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ފެބުރުއަރީ 2025

ދެ ބޮންޑެޑްވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓަށް ވީނުވީއެއް ނޭނގުނު މައްސަލާގައި އެ ތަންތަނުން ކަސްޓަމްސް އަށް ދައްކަން ޖެހޭ 67 މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ކަސްޓަމްސް އިން ހުށަހަޅައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ މައްސަލާގައި ހިމެނެނީ އެގްޒޯޓިކް އެންޓަޕްރައިޒަސް އާއި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ކަމަށެވެ.

އޭގެ ތެރެއިން ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ އެގްޒޯޓިކުން ބޮންޑެޑް ވެއާ ހައުސް، ކަސްޓަމްސް އިން ޗެކުކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ ކެމަލް ޔެލޯ ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ރެޑް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓު (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ހިލާފަށް އެ ތަނުން ހުރީ ނެރެފައި ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.

އެތަނުގެ އިތުރުން، އެސްޖީއެމް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ތަން ޗެކްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑުގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ހިލާފަށް އެތަނުން ނެރެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެހެންވެ، އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ އިދާރާ އިން ބުނީ އެ. ދެ މައްސަލާގައި ދެ ބޮންޑެޑްވެއާހައުސްގެ ރަޖިސްޓަރީ މިހާރު ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި އެ ތަނުގައި ހިމެނޭ މުދަލަށް އެގްޒޯޓިކް ކުންފުނިން ކަސްޓަމްސް އަށް ދައްކަންޖެހޭ 47.2 މިލިއަން ރުފިޔާ އާއި އެސްޖީއެމް އިން ދައްކަންޖެހޭ 20.7 މިލިއަން ރުފިޔާ ޝަރީއަތް މެދުވެރިކޮށް، ހޯދުމަށް އެ ދެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ގޭގޭގައި ހަދާފައިވާ ބޮންޑެޑް ވެއާހައުސްތަކުގައި ދެ ތަޅު ހަރުކޮށްފައި ހުންނައިރު އޭގެ ތެރެއިން އެއް ތަޅުދަނޑި ކަސްޓަމްސްގައި އަދި އަނެއް ތަޅުދަނޑި އޮންނަނީ އެ ބޮންޑެޑް ވެއާހައުސްއަކަށް ޒިންމާވާން ޖެހޭ ފަރާތެއްގެ ހަވާލުގައި އެވެ.

މި މައްސަލަ ފެންމަތިވުމުން ކަސްޓަމްސް އިން ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކުރުމާ އެކު ބޮންޑެޑްވެއާހައުސްތަކުގައި ދުންފަތުގެ ބާވަތްތައް ބެހެއްޓުން މަނާކޮށް، ކަސްޓަމްސްގެ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ.