Roadha Mihaaru

އެފްއޭއެމްގެ މަގާމުން ޒުހޫރު ވަކިކޮށް، ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ އަދަދު މަދުކޮށްފި

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަޒު ޒުހޫރު ވަކިކޮށްފި އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ޒުހޫރު ވަކިކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

13 ފެބުރުއަރީ 2025

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަޒު ޒުހޫރު ވަކިކޮށްފި އެވެ.

އެފްއޭއެމަށް ފީފާއިން މިދިޔަ އޯގަސްޓް މަހު އައްޔަން ކުރި ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން އެފްއޭއެމްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިއަދުގެ ނިޔަލަށް ހުންނެވި ޒުހޫރަށް މަގާމު ގެއްލުނީ އެ ކޮމިޓީގެ މެންބަރުންގެ އަދަދު ދަށް ކުރަން ފީފާއިން ނިންމުމުންނެވެ.

ކުރިން ފަސް މެންބަރުން އައްޔަން ކުރި ކޮމިޓީގެ އަދަދު ތިނަކަށް ދަށް ކުރުމަށް ފީފާއިން ވަނީ ނިންމައިފަ އެވެ.

ފީފާއިން އެ ނިންމުން ނިންމުމުގެ ކުރިން، އެ ކޮމިޓީގެ މެންބަރުކަމުން ފައިނޭންސް އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އަހްމަދު އަލީ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފީފާއިން ނިންމީ، ޒުހޫރުގެ ކޮންޓްރެކްޓް އުވާލުމަށެވެ.

މިކަމާ ގުޅިގެން ޒުހޫރުގެ ބަހެއް ހޯދަން ކުރި މަސައްކަތް އޭނާ ފޯނު ނުނަންގަވާތީ، ކާމިޔާބެއް ނުވި އެވެ.

އެފްއޭއެމްގައި މިވަގުތު ޗެއާޕާސަންއެއް ނެތެވެ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ތިން ބޭފުޅުންނަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒާއި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.

މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގި އެވެ. ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް އިސްތިއުފާ ދިނީ ވެސް މި މަހު އެވެ.