Roadha Mihaaru

ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ސައޫދީއަށް ގެންދިއުމުގެ ބައެއް ދަތުރުތައް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނާއި ގައުމީ އެއާލައިނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 ފެބުރުއަރީ 2025

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ސައޫދީއަށް ގެންދިއުމުގެ ބައެއް ދަތުރުތައް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނާއި ގައުމީ އެއާލައިނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.

އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެެދުވެފައިވާ އެއްބަސްވުމުގެ ދަށުން އެ ގައުމަކަށް ލިބިފައިވާ ކޯޓާގެ 50 ޕަސެންޓް މީހުން އުފުލަންޖެހެނީ ގައުމީ އެއާލައިނުގައި ކަމަށެވެ. އެކަމަކު ރާއްޖެއިން މީހުން ހައްޖަށް ދާތާ އެތައް އަހަރެއްވީއިރު މިހާތަނަށް ވެސް ދިވެހިން ހައްޖަށް ގެންދިޔައީ އެކި ގައުމުތަކުގެ އެއާލައިންތަކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންނަށް އެ ނަސީބު ނުލިބި މިދިޔައީ ގިނަ އަހަރުތަކެއް،"

ޝަހީމް ވިދާޅުވީ މިއަހަރު ހައްޖާޖީންގެ 50 ޕަސެންޓް ގައުމީ އެއާލައިނުގައި އުފުލި ނަމަވެސް މުސްތަގުބަލުގައި ހުރިހާ ހައްޖާޖީން ވެސް ގައުމީ އެއާލައިނުގައި ގެންދިއުމަކީ އުއްމީދެއް ކަމަށެވެ.

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ މީހުން ގައުމީ އެއާލައިނުގައި ގެންދިއުމަަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިނިސްޓަރު ވިދާޅުވީ އަހަރުތަކެއް ފަހުން ދިވެހި ހައްޖާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ގައުމީ އެއާލައިނަށް އާ ބޮޑު ކުރިއެރުމުން ކަމަށެވެ. އެހެން ގައުމުތަކުގައި ހައްޖުވެރިން، އެ ބައެއްގެ ގައުމީ އެއާލައިނުގައި ދަތުރުކުރިޔަސް މިދިޔަ އަހަރާ ހަމައަށް ދިވެހިންނަށް އެފުރުސަތު ލިބިފައި ނެތުމުން، ކޮންމެ އަހަރަކު ވެސް މީހުން ގެންދަނީ ބޭރުގެ ފްލައިޓުތައް ޗާޓަރުކޮށްގެންނެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު މިދިޔަ ޖެނުއަރީ މަހު ވަނީ ރާއްޖެ ގެނެސް ދަތުރުތައް ފަށައިފަ އެވެ. އެއީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. ދިގު ދަތުރުތައް ކުރުމުގެ ގާބިލްކަން ހުރި އެ ބޯޓުގައި ޓްރާންސިޓު ނުކޮށް، ދަތުރު ކުރެވޭނެ އެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.