Roadha Mihaaru

ވިސިލްބްލޯ ކުރި މީހަކު ވަޒީފާއިން ވަކި ކުރުމުން ޕޯސްޓު ނުވަލައްކަ ރުފިޔާއިން ޖޫރިމަނާ

ވިސިލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ އަމުރަށް ކިޔަމަން ނުވުމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ޕޯސްޓް އޮފީސް) ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ވިސިލްބްލޯވަރަކު ވަޒީފާއިން ކަނޑާލުމުން ޕޯސްޓު ޖޫރިމަނާ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

20 ފެބުރުއަރީ 2025

ވިސިލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ އަމުރަށް ކިޔަމަން ނުވުމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ޕޯސްޓް އޮފީސް) ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ޕޯސްޓް އޮފީސް އެ އަދަދުން ޖޫރިމަނާ ކުރީ އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންތަކެއް ވިސިލްބްލޯ ކުރި މީހަކު ވަޒީފާއިން ވަކި ކުރުމުންނެވެ.

ވިސިލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރާ ގާނޫނުގެ ދަށުން އުފައްދާފައިވާ ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް، އެ ޔުނިޓުން ވަކި އިދާރާއަކަށް ކުރާ އަމުރަކަށް ތަބާ ނުވެއްޖެ ނަމަ، އެއް މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު އޮވެ އެވެ. އެ ގާނޫނުގެ ދަށުން އެ ޔުނިޓު އުފެއްދީ 2019 ވަނަ އަހަރު އެވެ.

މިއީ އެ ޔުނިޓުން ދައުލަތުގެ ހިއްސާވާ އިދާރާއެއް އެ ގޮތަށް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ދަށުން ހިންގާ ވިސިލްބްލޯވާ ޔުނިޓުން ޕޯސްޓަށް އެދުނީ، ބިޒްނަސް ޑިވަލޮޕްމެންޓް އެންޑް މާކެޓިން ޑިޕާޓްމެންޓުގެ ބައެއް މުވައްޒަފުންނާ މެދު ފިޔަވަޅުތަކެއް އަޅާކަން އެނގި އެކަން އެ އިދާރާއަށް ހުށަހަޅާފައިވާތީ، ކޮރަޕްޝަންގެ މައްސަލައާ މެދު ގޮތެއް ނިމެންދެން އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅެއް ނޭޅުމަށެވެ.

ނަމަވެސް، އެ ޔުނިޓުން ކުރި ފުރަތަމަ އަމުރާ ހިލާފަށް ޕޯސްޓުން ވަނީ އެތަނުގައި މަސައްކަތް ކުރި މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފަ އެވެ.

އެކަމާ ގުޅިގެން އެ ޔުނިޓުން ވަނީ ވަޒީފާއިން ވަކި ކުރަން ނިންމި ނިންމުން ބަދަލު ކުރުމަށް ޕޯސްޓުގައި އެދިފަ އެވެ. ނަމަވެސް، އެ އަމުރަށް ވެސް ކިޔަމަން ނުވުމުން ވަނީ އެ ކުންފުނި ޖޫރިމަނާކޮށްފަ އެވެ.

ޕޯސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިވަގުތު އަންނަނީ އެ ކުންފުންޏާ ގުޅޭ ހަ މައްސަލައެއް ބަލަމުންނެވެ.