Roadha Mihaaru

ފުޓްބޯޅަ ސީޒަން ފަށަން އަނެއްކާވެސް އާ ތާރީހެއް: މިފަހަރު އޭޕްރީލް އަށެއް

ރާއްޖޭގެ ސީނިއާ ފުޓްބޯޅައިގެ ރަސްމީ ކްލަބް މުބާރާތްތައް މެދުކެނޑިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވެސް ވެފައިވަނިކޮށް، ފުޓްބޯޅަ ސީޒަން ފަށަން އޭޕްރީލް މަހަށް ލަސް ކުރުމަށް ކްލަބްތަކާ އެކު އެފްއޭއެމުން އެއްބަސްވެއްޖެ އެވެ.

ފުޓްބޯޅަ ސީޒަން ފަށާ އާ ތާރީހަކީ އޭޕްރީލް އަށެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

23 ފެބުރުއަރީ 2025

ރާއްޖޭގެ ސީނިއާ ފުޓްބޯޅައިގެ ރަސްމީ ކްލަބް މުބާރާތްތައް މެދުކެނޑިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވެސް ވެފައިވަނިކޮށް، ފުޓްބޯޅަ ސީޒަން ފަށަން އޭޕްރީލް މަހަށް ލަސް ކުރުމަށް ކްލަބްތަކާ އެކު އެފްއޭއެމުން އެއްބަސްވެއްޖެ އެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ކުޅޭނީ އޭޕްރީލް އަށެއްގަ އެވެ. އޭގެ އެއް ދުވަސް ފަހު އޭޕްރީލް 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށާނެ އެވެ.

މި މަހު ފަހުކޮޅު ފުޓްބޯޅަ ސީޒަން ފެށުމަށް ވެސް އެފްއޭއެމުން ކުރިން ނުރަސްމީކޮށް ނިންމި އެވެ. އެ އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު އެ މަގާމުގައި ހުންނެވި އިރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ފުޓްބޯޅަ ސީޒަން މި މަހު ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ އަދަދު ތިނަކަށް މަދުކޮށް ޒުހޫރު މަގާމުން ވަކިކޮށްފަ އެވެ. އޭގެ ކުރިން އެ ކޮމިޓީގެ މެންބަރު އަހްމަދު އަލީ އަމިއްލައަށް އިސްތިއުފާ ދިނެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު ރާފިއު، ދިވެހި ލީގުގައި ވާދަކުރާ ކްލަބްތަކުގެ އޮފިޝަލުންނާ ބައްދަލު ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު ރާފިއު، ދިވެހި ލީގުގައި ވާދަކުރާ ކްލަބްތަކުގެ އޮފިޝަލުންނާ ބައްދަލު ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ނޯމަލައިޒޭޝަން ކޮމިޓީގެ މިހާރުގެ ޗެއާމަން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒާއި އެ ކޮމިޓީގެ އެހެން މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ދިވެހި ލީގުގެ ކްލަބްތަކުގެ އިސްވެރިންނާ މިދިޔަ ހުކުރު ދުވަހު ބައްދަލު ކުރައްވައިފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން ސޯޝަލް މީޑީއާގައި އާންމު ކުރި ޕޯސްޓްގައި ބުނެފައި ވަނީ ކްލަބްތަކާ އެކު މިސްޓަރު ރާފިއު މަޝްވަރާ ކުރެއްވީ ފުޓްބޯޅަ ސީޒަން ފެށުމާ ބެހޭގޮތުންނެވެ. މިދިޔަ އާދިއްތަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ވަނީ އެ 10 ކްލަބަށް، (ކޮންމެ ކްލަބަކަށް 500،000ރ. ގެ މަގުން) ފަސް މިލިއަން ރުފިޔާ ޖަމާކޮށްފަ އެވެ.

އެކަމަކު އަދި ވެސް ގިނަ ކްލަބްތައް އޮތީ ދަރަނީގަ އެވެ. އާ ސީޒަނަށް ތައްޔާރުވާން ޕްރީ ސީޒަން ތަމްރީނުތައް ފެށީ ވެސް މާޒިޔާއިންނެވެ.

ބުރު ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ދަނީ ޓްރާންސްފާ މާކެޓްގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންނެވެ. އެކަމަކު އެ ދެ ކްލަބުން ވެސް އަދި މިހާތަނަށް ޕްރެކްޓިހެއް ނުފަށަ އެވެ. އަނެއް ހަތް ކްލަބްގެ މާ ބޮޑު ހަރަކާތެއް ސީނިއާ ފުޓްބޯޅައިގައި ނެތެވެ.

ކްލަބް ފުޓްބޯޅައިގެ ހަރަކާތެއް ނެތް ނަމަވެސް، ކުރިއަށް އޮތް މާޗް މަހަކީ ގައުމީ ޓީމަށް މުހިންމު މަހެކެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ބުރު ރާއްޖޭން ފަށާނީ 25 މާޗްގަ އެވެ. ފުރަތަމަ މެޗުގައި ރާއްޖޭން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ފިލިޕީންސްގަ އެވެ.

އެ މެޗަށް ތައްޔާރުވުމުގެ ގޮތުން މާޗް 19 ގައި އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭން އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ.