އުމުރުން 28 އަހަރުގެ ފާތިމާ ނިސްބަތްވަނީ ރާއްޖޭގެ ދެކުނުގެ ރަށަކަށެވެ. ލޯތްބާއި އަޅާލުމާ އެކު ބޮޑުވިޔަސް، އެ އުފާވެރި ހަނދާންތަކުގައި މިހާރު ޖެހިފައިވަނީ ދާއިމީ ލަކުނެކެވެ. އަމިއްލަ އެއްވެސް ބާރެއް އަދި އިހްތިޔާރެއް ނެތި ފާތިމާގެ ޖިންސީ ގުނަވަނުން ތުނި ފަށަލައެއް ކަފާލީ ވަރަށް ތުއްތު އިރެވެ. ދަރިފުޅުގެ ހަށިގަނޑަށް މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އޭރު އޭނާގެ މައިންބަފައިންނަކަށް ވެސް ނޭނގެ އެވެ.
25 ފެބުރުއަރީ 2025
އުމުރުން 28 އަހަރުގެ ފާތިމާ ނިސްބަތްވަނީ ރާއްޖޭގެ ދެކުނުގެ ރަށަކަށެވެ. ލޯތްބާއި އަޅާލުމާ އެކު ބޮޑުވިޔަސް، އެ އުފާވެރި ހަނދާންތަކުގައި މިހާރު ޖެހިފައިވަނީ ދާއިމީ ލަކުނެކެވެ. އަމިއްލަ އެއްވެސް ބާރެއް އަދި އިހްތިޔާރެއް ނެތި ފާތިމާގެ ޖިންސީ ގުނަވަނުން ތުނި ފަށަލައެއް ކަފާލީ ވަރަށް ތުއްތު އިރެވެ. ދަރިފުޅުގެ ހަށިގަނޑަށް މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން އޭރު އޭނާގެ މައިންބަފައިންނަކަށް ވެސް ނޭނގެ އެވެ.
ފާތިމާ ބުނީ އެއީ ގޯސްކަމެއް ކަން، އެންމެ ފުރަތަމަ ރޭކާލީ އޭނާގެ އުމުރުން 16 ނުވަތަ 17 އަހަރުގައި ކަމަށެވެ.
"އޭރު އެނގުނީ ކޮންމެވެސް 'ޕްރޮސީޖާ'އެއް ހަދާފައި ހުރި ކަން. ކަން ވީގޮތް ރަނގަޅަށް ސާފުވީ އޭގެ މާފަހުން 2023 ވަނަ އަހަރުގައި. މި ޕްރޮސީޖާގެ ތަފްސީލެއް ނުވަތަ މިއިން ކުރިމަތިވެދާނެ ގެއްލުންތަކެއް އަހަރެންގެ އާއިލާއަކަށް ނޭނގޭ. މިއީ އަހަންނަށް އެއްވެސް ވަރަކަށް އެނގުމަކާ ނުލައި އަދި ރުހުމެއް ވެސް ނެތި ވީ ކަމެއް،" ރިޕޯޓުގައި ފާތިމާގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.
އަންހެނުން ހިތާނުކުރުމުގެ ވާހަކައަކީ އަހަރެމެންގެ ތެރޭގައި ފާޅުގައި މާބޮޑަށް ދެއްކެވޭ ވާހަކައެއް ނޫނެވެ. ނަމަވެސް މިއަދު އާއްމުކުރި "ދަ ޓައިމް އިސް ނައު: އެންޑް ފީމޭލް ޖެނިޓަލް މިއުޓިލޭޝަން/ކަޓިން" ގެ 2025 ވަނަ އަހަރުގެ ގްލޯބަލް ރިޕޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިފަދަ އަނިޔާ ލިބިފައިވާ މީހުންގެ ތެރޭގައި ފާތިމާގެ މި ތަޖުރިބާ ވެސް ވަނީ ޝާއިއުކޮށްފަ އެވެ.
މިއީ 1992 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރަމުން އަންނަ 'އީކުއަލިޓީ ނައު'، ޔޫރަޕުގެ 16 ގައުމަކުން 39 އޯގަނައިޒޭޝަން ހިމެނޭ 'ދި އެންޑް އެފްޖީއެމް ޔޫރަޕިއަން ނެޓްވޯކް' އަދި އެމެރިކާގެ 'ދި ޔޫ.އެސް އެންޑް އެފްޖީއެމް/ސީ ނެޓްވޯކް' ނަމަކަށް ކިޔާ ބައިނަލްއަގުވާމީ ނެޓްވޯކަކުން ގުޅިގެން ތައްޔާރު ކޮށްފައިވާ، އަންހެނުން ހިތާނުކުރުމާ ގުޅޭ މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބާއި ދުނިޔޭގެ ހާލަތު އަންގައިދޭ ރިޕޯޓެވެ.
ޔުނިސެފުން 2024 ވަނަ އަހަރު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ހިތާނު ކޮށްފައިވާ އަންހެނުންގެ އަދަދު ވަނީ 230 މިލިއަނަށް އަރައިފަ އެވެ. މީގެ ތެރެއިން 80 މިލިއަން އަންހެނުންނާއި އަންހެން ކުދިން ނިސްބަތްވަނީ އޭޝިއާގެ ގައުމުތަކަށެވެ. މިއީ ޖުމްލަ 94 ގައުމަކުން ލިބިފައިވާ ރަސްމީ ތަފާސްހިސާބުތަކެވެ. މީގެ ތެރޭގައި ހިމެނެނީ އޭޝިއާގެ 12 ގައުމެވެ.
ފީމޭލް ޖެނިޓަލް މިއުޓިލޭޝަން/ކަޓިން (އެފްޖީއެމް/ސީ) މުޅިން އަލަށް ފެނުނު ގައުމުތަކުގެ ތެރޭގައި އަޒަރު ބައިޖާން، ކެމްބޯޑިއާ އަދި ވިއެޓްނާމް ހިމެނެ އެވެ.
މި ރިޕޯޓުގައި ހިމެނެނީ ރާއްޖޭގެ ފާތިމާގެ ވާހަކަ އެކަނި ކަމުގައިވިޔަސް މިއީ ރާއްޖޭގައި ހިނގާ ކަމެއް ކަން ރިޕޯޓްތަކުން ފެންނަން އެބައޮތެވެ. ސަރުކާރުން ހަދާފައިވާ ސާވޭއަކާ ހަވާލާދީ ޔުނިސެފުން ބުނެފައި ވަނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނު ކޮށްފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން 2016 ގައި ކުރިއަށްގެންދިޔަ ޑިމޮގްރަފިކް ހެލްތު ސާރވޭ(ޑީއެޗްއެސް) އިން އެނގޭ ގޮތުން އުމުރުން 15 އަހަރާއި 49 އަހަރާއި ދެމެދުގެ 12.9 ޕަސެންޓް އަންހެނުންނާއި އަންހެން ކުދިން ވަނީ ހިތާނުކޮށްފަ އެވެ.
ދަ ޓައިމް އިސް ނައު: އެންޑް ފީމޭލް ޖެނިޓަލް މިއުޓިލޭޝަން/ކަޓިން" ގެ 2025 ވަނަ އަހަރުގެ ގްލޯބަލް ރިޕޯޓުގައިވާ ކުރެހުމެއް -- އިލަސްޓްރޭޝަން: އީކުއަލިޓީ ނައު އަދި ދި އަރްވާނީ އާޓް ޕްރޮޖެކްޓް
ފާތިމާގެ އާއިލާ ފަދައިން ރާއްޖޭގައި ގިނައީ އެފްޖީއެމް/ސީ އާ ގުޅޭ ސައްހަ މައުލޫމާތު ނޭނގި ތިބެ މިކަން ކޮށްފައިވާ އަދި ކުރަމުންދާ އާއިލާތަކެވެ. ޑީއެޗްއެސް އިން ހާމަވާގޮތުން ފާއިތުވި 50 އަހަރުގެ ތެރޭގައި މި އާދަ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެއީ، ހިތާނުކޮށްފައިވާ އަންހެނުންގެ ތެރޭގައި ގިނައީ އުމުރުން 45-49 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވާތީ އެވެ.
މި ދިރާސާގެ ފަހުން އަދި މިހާތަނަށް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފާސްހިސާބެއް ރަސްމީކޮށް ހޯދައިފައެއް ނުވެ އެވެ. ނަމަވެސް 2016ގެ ޑީއެޗްއެސްގެ ބައެއް ހޯދުންތައް އިތުރަށް އެނަލައިޒް ކުރުމަށް ފަހު ސެޕްޓެމްބަރު 2022 ގައި ވަނީ ޑީއެޗްއެސް ވޯކިން ޕޭޕަރެއް އެކުލަވާލައިފަ އެވެ. މި ޕޭޕަރުން ވަނީ ރާއްޖޭގެ ހާލަތާ ގުޅޭ އިތުރު ބައެއް ތަފްސީލުތައް ވެސް ހޯދައިފަ އެވެ.
ރާއްޖޭގައި އާންމުކޮށް އަންހެނުން ހިތާނުކުރަނީ ކުއްޖާގެ އުމުރުން ފަސް އަހަރު ވުމުގެ ކުރިންނެވެ. އަންހެނުން ހިތާނު ކުރާއިރު އާންމު ގޮތެއްގައި ފެންނަަނީ ތަފާތު ހަތަރު ގޮތަކަށް މިކަން ކުރާ ތަނެވެ. އަދި ރާއްޖޭގައި ގިނައީ މީގެ ހަތަރު ވަނަ ބާވަތެވެ. އެއީ ސިއްހީ އެއްވެސް ސަބަބެއް ނެތި 'ހިތާނުކުރުމުގެ' ނަމުގައި އަންހެނުންނާއި ކުދިންގެ ޖިންސީ ގުނަވަނަށް އެއްޗެއް ހަރާ، ނުވަތަ ތޮރުފުމެވެ. އާންމުކޮށް މިކަން ކުރަނީ ތިނޯހެއް ހަރައިގެންނާއި ރޭޒަރު ތިލަ އަކުން ކަފައިގެން ނުވަތަ ހަން ފަށަލަ ކަނޑައިގެން ވެސް މިކަން ކުރެ އެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި އަންހެނުން ހިތާނުކުރުމަކީ ދީނީ އަދި ސަގާފީ ގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ލިބުމުގެ ސަބަބުން އަށަގަނެފައިވާ ނުބައި އާދަ އެކެވެ. އަދި މި އަނިޔާ ލިބިފައިވާ މީހުންގެ 65.9 ޕަސެންޓް މީހުން މިއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލުކުރެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި އެފްޖީއެމްއިން ސިއްހީ އެއްވެސް ފައިދާއެއް ނެތެވެ. އެކަމަކު، އޭގެ ސަބަބުން އަންހެން ކުދިންނާއި އަންހެނުންނަށް އެތައް ގޮތަކުން އަނިޔާ ލިބެ އެވެ. އެގޮތުން، އަންހެނާގެ ހަށިގަނޑުގެ ގުދުރަތީ ފަންކްޝަންތަކަށް އަސަރުކުރެ އެވެ. އަދި، ނޯމަލް ޖެނިޓަލް ޓިޝޫތައް ހަލާކުވެ ޕީރިއަޑްގެ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމަށް ވެސް ގެއްލުންވެ އެވެ.
މީގެ އިތުރުން އެފްޖީއެމްގެ ސަބަބުން ވިހެއުމުގައި ވެސް އުނދަގޫތަކެއް ދިމާވެ އެވެ. މިގޮތުން ނުވިހި ގިނައިރުވުމާއި ސިޒޭރިއަން ހަދަންޖެހުމުގެ ފުރުސަތު ބޮޑުވުމާއި، ވިހެއުމުގެ ތެރޭގައި އެހެނިހެން ކޮމްޕިލިކޭޝަންސްތަކާއި ކުރިމަތިލާންޖެހުން ހިމެނެ ކަމަށް ޑަބްލިއުއެޗްއޯގެ ރިޕޯޓްތަކުގައިވެ އެވެ.
ހިތާނުކުރާ ވަގުތު، އިންތިހާއަށް ލޭ ބޭރުވެ ބައެއް ގައުމުތަކުގައި އަންހެން ކުދިން މަރުވާ ނިސްބަތް ވެސް މައްޗެވެ.
ފާތިމާ ބުނި ގޮތުގައި އޭނާ ހިތާނުކުރީ ޑޮކްޓަރެކެވެ. ޔުނިސެފްގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުން ވެސް އެނގޭ ގޮތުން މި ފަހުން ހިތާނުކުރާ އަންހެންކުދިންގެ 66 ޕަސެންޓަކީ ޑޮކްޓަރެއް ނުވަތަ އެފަދަ ސިއްހީ އެހީތެރިއަކު ލައްވައި މިކަން ކުރާ ފަހަރުތަކެވެ.
ޖިސްމާނީ އަނިޔާއެކޭ އެއްގޮތަށް އެފްޖީއެމްގެ ސަބަބުން އަންހެނުންނަށް މި ދެވެނީ ދާއިމަށް ހުންނަ ނަފްސާނީ އަނިޔާއެއް ވެސް މެ އެވެ.
ފާތިމާ ފަދައިން މި އަނިޔާ ލިބުނު އެތަށް ބަޔަކު މިއަދު ވެސް ތިބީ މި ވާހަކަ ދައްކަން ކިތަންމެ ބޭނުންވިޔަސް ނުކެރިފަ އެވެ.
"މިއީ މާ އާންމުކޮށް ދައްކާ ވާހަކައެއް ނޫން. ސަގާފީ އަދި ސިޔާސީގޮތުން ސެންސިޓިވް ކަމަކަށް ވާއިރު މިކަން ގިނަ ފަހަރު ކުރަނީ ދީނީ ކަމެކޭ ބުނެ. މިއީ މިކަން ހުއްޓުވަން އެންމެ އުނދަގޫވާ ސަބަބު. އެންމެ ބިރު ގަންނަނީ މިކަން އަލުން ރާއްޖޭގައި މިކަން ފެށިދާނެތީ،" ފާތިމާ ބުނެފައިވެ އެވެ.
އެފްޖީއެމް/ސީ ހުއްޓުވުމަށްޓަކައި ގައުމުތަކުގެ ސަރުކާރާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުރުން އެހީދޭ ޖަމިއްޔާތަކުގެ އެހީތެރި ކަމަށް ވެސް އެދިފަ އެވެ. މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދަން އިންވެސްޓްކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.
އަންހެނުން ހިތާނުކުރުމާ ގުޅޭ މައްސަލަ ރާއްޖޭގައި ފެންމަތިވެ، އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތު ރައުޔުތައް ނެރުނެވެ. އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އާންމުންގެ ތެރޭ އިލްމުވެރިން އެކި ގޮތްގޮތަށް ވާހަކަ ދައްކާތީ، އެކަމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން 2021 ގައި ފޮނުވުމުން އެ މަޖިލީހުގެ ނިންމުމަކީ މަސްލަހަތަށް ބަލައި ފަތުވާ ނުނެރުމެވެ.
އެ މަޖިލީހުން އޭރު ބުނެފައި ވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން އިލްމުވެރިން ދިރާސާއެއް ވެސް ހަދާފައިވާ ކަމަށެވެ. އެކަމަކު އެ ދިރާސާ ވެސް އާއްމެއް ނުކުރެ އެވެ.
ގިނަ އަންހެނުން ފަލަކޮށް ތިބެނީ ގިނައިން ކާތީއެއްނޫން
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ރާއްޖޭގައި ވިހެއުން މަދުވެ ސިޒޭރިއަން އިތުރުވަނީ!
ޕީރިއަޑް ތަދު ކުޑަކުރަން ކުރެވިދާނެ ބައެއް ކަންކަން
ބްރެސްޓް ކެންސަރުގެ އަލާމާތްތަކާއި ފަރުވާގެ މުހިއްމުކަން
ކޮވިޑްގައި އައްޑޫން މި މަހުގެ ފަސްވަނަ މަރު
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
މިހާރު އެންމެ ގިނައީ އުރަމަތީގެ ކެންސަރު
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ފިނިފެން ފަރުވާއެއްގެ ގޮތުގައި