Roadha Mihaaru

އެމްއެމްއޭ އިން އިސްލާމިކް ފައިނޭންސިންއާ ގުޅޭ ފަސް މިލިއަންގެ ފަންޑެއް ތައާރަފްކޮށްފި

އިސްލާމިކް ފައިނޭންސިން އަށް ހޭލުންތެރިކޮށް، ތަމްރީނުތައް ހިންގަން ފަސް މިލިއަން ރުފިޔާގެ ފަންޑެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ތައާރަފްކޮށްފި އެވެ.

އިސްލާމިކް ފައިނޭންސިންއާ ގުޅޭ ފަސް މިލިއަންގެ ފަންޑެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

26 ފެބުރުއަރީ 2025

އިސްލާމިކް ފައިނޭންސިން އަށް ހޭލުންތެރިކޮށް، ތަމްރީނުތައް ހިންގަން ފަސް މިލިއަން ރުފިޔާގެ ފަންޑެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ތައާރަފްކޮށްފި އެވެ.

އެމްއެމްއޭ އިން އެ ފަންޑު ތައާރަފުކުރީ އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުންނެވެ. އެ އިނިޝޭޓިވް އިފުތިތާހު ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދެވެ.

ފަސް މިލިއަން ރުފިޔާގެ ފަންޑާ އެކު، އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާރައް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އިއްޔެގެ ރަސްމިއްޔާތުގައި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީން ވަނީ އެ ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވާސިޓީގެ އެހީތެރިކަން އެމްއެމްއޭ އަށް ލިބޭނެކަން އަންގާފައި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ، އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ދަށުން ދެ މަސައްކަތެއް ކުރާނެ އެވެ. އެއީ އިސްލާމީ މާލީ ނިޒާމަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމާއި އެ ދާއިރާއިން މީހުން ތަމްރީނުކުރުމެވެ.

ޝަހީމު ވިދާޅުވީ، ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ މަރުކަޒީ ބޭންކު ކަމަށާއި މެލޭޝިއާ ފަދަ ގައުމުތަކުގައި އެ ނިޒާމު ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައި ކުރި މަސައްކަތްތަކުން ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ އަމާޒަކީ ރާއްޖެއަކީ އިސްލާމީ މާލީ ނިޒާމުގައި މުހިއްމު ހަބަކަށް ހެދުން ކަމަށެވެ.

އެމްއެމްއޭ އިން ބުނީ މި ފެށޭ ރޯދަމަހު ޓީވީ އިން ތަމްވީލްގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދޭނެ ކަމަށެވެ. އަދި ތަމްވީލް ކުއިޒް މުބާރާތެއް ވެސް ޓީވީއެމުން ގެންނާނެ އެވެ. ކޮންމެ ދުވަހަކު ހުށަހަށާ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބު ދޭ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ މީހަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1،000ރ. ގެ ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އުމްރާ ދަތުރެއް ވެސް ދޭނެ އެވެ.

ޓީވީއެމްގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ބައިވެރިވެ އެވެ.