Roadha Mihaaru

މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް ނެތް: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށާއި އަދި އެކަމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ވެސް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް ނެތް: އޭސީސީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

26 ފެބުރުއަރީ 2025

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެއްވެސް އިސްތިސްނާއެއް ނުގެންގުޅޭ ކަމަށާއި އަދި އެކަމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ވެސް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކޮށްފަ އެވެ.

އެ ފަނޑިޔާރުުން ސަސްޕެންޑްކުރީ ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ އެ ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެ ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ފެށުމަށް 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އެހެންކަމުން އެއީ ގާނޫނު އަސާސީއާ ހިލާފަށް އޭސީސީން އުފައްދައިގެން އުޅޭ މައްސަލައެއްގައި ނިންމި ނިންމުމެއް ކަމުގެ ތުހުމަތު އޮތީ އަމާޒުވެފަ އެވެ.

އެފަދަ ތުހުމަތުތައް އަމާޒުވެފައި ވަނިކޮށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަންގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށެވެ.

އެފަދަ މައްސަލަތައް ކޮމިޝަނުން ބަލަމުން ގެންދާނީ ގާނޫނާ ގަވާއިދުގެ ތެރެއިން މަތިކޮށްފައިވާ ބާރު ތަކުގެ ތެރެއިން ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

އޭސީސީން އިތުރަށް ބުނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި އަދި ވަކި ފަރާތަކަށް ބުރަ ނުވެ ކުރިއަށް ގެންދާނެ ކަމަށެވެ.

ނަމަވެސް، އޭސީސީން ބަލަމުން ދަނީ ފަނޑިޔާރުންނާ ގުޅޭ ކޮން މައްސަލަތަކެއް ކަމެއް، ކުރެވެނީ ކޮން ތުހުމަތުތަކެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން އެ މައްސަލައާ ގުޅޭ ލިޔުންތައް އެ ކޮމިޝަންއާ ހިއްސާކޮށްފައިވާ ކަމަށް ބުނެ އެވެ.