Roadha Mihaaru

އިންޑިއާގެ އެއް ބިލިއަން މީހުން އަތުގައި "ފައިސާއެއް ނެތް"

އިންޑިއާގައި 1.4 ބިލިއަން މީހުން އުޅޭއިރު "އިހުތިޔާރީ" އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް ހަރަދުކުރާނެ ފައިސާ ނެތް މީހުންގެ އަދަދު އެއް ބިލިއަނަށް އަރާ ކަމަށް ރިޕޯޓެއްގައި އަންދާޒާކޮށްފި އެވެ.

"އިންޑިއާގެ ބިލިއަން މީހުން އަތުގައި ފައިސާއެއް ނެތް"

އިންޑިއާގައި 1.4 ބިލިއަން މީހުން އުޅޭއިރު "އިހުތިޔާރީ" އެއްވެސް މުދަލަކަށް ނުވަތަ ހިދުމަތަކަށް ހަރަދުކުރާނެ ފައިސާ ނެތް މީހުންގެ އަދަދު އެއް ބިލިއަނަށް އަރާ ކަމަށް ރިޕޯޓެއްގައި އަންދާޒާކޮށްފި އެވެ.

ވެންޗާ ކެޕިޓަލް ފާމެއް ކަމަށްވާ ބްލޫމް ވެންޗާސްގެ ރިޕޯޓުގައިވާ ގޮތުން، އިންޑިއާގެ "ކޮންސިއުމިން ކްލާސް" ސްޓާޓް-އަޕް ނުވަތަ ވިޔަފާރިތަކުގެ ޕޮޓެންޝަލް މާކެޓަކީ މެކްސިކޯގައި އޮތް ވަރުގެ މާކެޓެކެވެ. އެއީ 130-140 މިލިއަނާ ދެމެދުގެ އާބާދީއެކެވެ.

އަނެއް 300 މިލިއަނަކީ "އިމާޖިން" ނުވަތަ "އެކްސްޕެކްޓެޑް" ކަސްޓަމަރުން ނަމަވެސް ޑިޖިޓަލް ޕޭމަންޓްތަކުގެ ފަސޭހަކަމާ އެކު އެއީ އަދި ކިރިޔާ ހަރަދުތައް ކުރަން ފަށާފައިވާ މީހުން ކަމަށް ރިޕޯޓްގައިވެ އެވެ.

އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާގައި "ކަންސިއުމިން ކްލާސް" އިތުރަށް ފުޅާވަމުން" ނުދާކަމަށް ރިޕޯޓުގައިވެ އެވެ. މާނައަކީ މިހާރު ވެސް މުއްސަނދިންގެ ގޮތުގައި ތިބި މީހުން އިތުރަށް މުއްސަނދިވަމުން ދާއިރު އިންޑިއާގެ މުއްސަނދިންގެ އާބާދީ އިތުރު ނުވުމެވެ.

މި ކަންކަމުގެ ސަބަބުން އިންޑިއާގެ ކޮންސިއުމަ މާކެޓް ތަފާތު ގޮތަކަށް ބައްޓަންވަމުންދާ ކަމަށާއި "މާސް މާކެޓް އޮފަރިން" އަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މުއްސަނދިންނަށް ދޭ ހިދުމަތްތަކާއި މުދަލުގެ އަގު އިތުރަށް ބޮޑުވާ ގޮތަށް ވިޔަފާރިތައް ބައްޓަންވާ ކަމަށް ބުނެފައިވެ އެވެ.

މިކަމަށް ހެކިދޭ ކަންކަމުގެ ތެރޭގައި، އަގު ބޮޑު ގެދޮރާއި އަގުބޮޑު ފޯނު ފަދަ ތަކެއްޗަށް ޑިމާންޑް އުފުލި ދަށް ފަންތީގެ އުފެއްދުންތައް މާކެޓްގައި ހިފަހައްޓާލަން އުނދަގޫވެފައިވުން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މި ކަންކަމަށް ބަލައިގެން ވިޔަފާރިތަކަށް ބަދަލު ގެނައި ކުންފުނިތައް ކުރިއަރާފައިވާ ކަމަށް ރިޕޯޓް ތައްޔާރުކުރުމުގެ އެއް ބައިވެރިވާ ސަޖިތު ޕާއީ ބީބީސީއަށް ވިދާޅުވެފައިވެ އެވެ.

މި ރިޕޯޓުގެ ހޯދުންތަކުން، ކޮވިޑްގެ ބަލިމަޑުކަމަށް ފަހު އިންޑިއާގެ ރިކަވަރީ އަކީ ކޭ-ޝޭޕްގެ ރިކަވަރީއެއް ކަމަށް ދެކެމުން އައި ވިސްނުމަށް ބާރު ލިބެ އެވެ. އެއީ އިގްތިސާދުގެ ބައެއް ދާއިރާތައް ރަނގަޅުވަމުން އަންނަ އިރު، އެހެން ދާއިރާތަކުން ދަށަށް ދިއުމެވެ.

އިންޑިއާގެ އިގްތިސާދުގެ މައި އިންޖީނުގެ ގޮތުގައި ބަލާ މެދުފަންތީގެ އާމްދަނީ ލިބޭ މީހުންގެ މުސާރަތަކަށް މާބޮޑު ބަދަލެއް ނައިސް އެއްވަރެއްގައި ހުންނަތާ އެތައް އަހަރެއް ވެފައި ވުމަކީ މުދަލާއި ހިދުމަތުގެ ޑިމާންޑަށް ނޭދެވޭ އަސަރުކުރަމުންދާ ސަބަބެއް ކަމަށް ވެސް ބައެއް ހޯދުންތަކުން ވަނީ ހާމަވެފަ އެވެ.