Roadha Mihaaru

ފްލެޓުގެ އަގު: ދެ ކޮޓަރި 7،000ރ، ތިން ކޮޓަރި 9،500ރ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދަމުން އަންނަ ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރާނީ 7،000ރ. އަށް އަދި ތިން ކޮޓަރީގެ ތަންތަން ދޫކުރާނީ 9،500ރ. އަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ކޮޓަރި 7،000ރ.، ތިން ކޮޓަރި 9،500ރ.
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 ފެބުރުއަރީ 2025

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދަމުން އަންނަ ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރާނީ 7،000ރ. އަށް އަދި ތިން ކޮޓަރީގެ ތަންތަން ދޫކުރާނީ 9،500ރ. އަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ރިވިއުކުރުމަށް ފަހު، މި ސަރުކާރުން އާ ލިސްޓެއް މިއަދު 3 ޖަހާއިރު ނެރޭނެ އެވެ. އެކަމުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއްތަލިބު ވިދާޅުވީ 4،000 ފްލެޓަށް ކުރީގެ ސަރުކާރުން ނިންމީ ދެ ކޮޓަރީގެ ފްލެޓުތަކަށް 5،000ރ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި 1،000ރ. އެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް އޭރު ނިންމީ 7،000ރ. މަހު ކުއްޔަކާއި މެއިންޓަނެންސް ފީގެ ގޮތުގައި 1،000ރ. އެވެ.

ނަމަވެސް، މުއްތަލިބު ވިދާޅުވީ އެއީ ލޯނު ދައްކަން ޖެހޭ އަދަދަށް ބަލައި އަދި އެސެސްމަންޓް ހެދުމަށް ފަހު ކަނޑައަޅާފައިވާ އަގެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އެންމެ ރަނގަޅަކަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށް. އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓު ލޯނަކުން މިކުރާ މަސައްކަތެއް މި މަސައްކަތަކީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000ރ. ނަގަން ޖެހޭ ކުއްޔަކަށް،" މުއްތަލިބު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްގައި މިނިސްޓަރު މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްގައި މިނިސްޓަރު މުއްތަލިބު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެހެންވެ، އިކޮނޮމިކް ކައުންސިލާ މަޝްވަރާކުރުމަށްފަހު ސަރުކާރުން ވަނީ ފްލެޓުތަކުގެ ކުލި އަގުބޮޑުކޮށްފަ އެވެ.

އެއީ؛

ދެ ކޮޓަރީގެ އެޕާޓްމަންޓް

- ކުލީގެ ގޮތުގައި 7،000ރ.

- މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ.

- ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 15،000ރ.

ތިން ކޮޓަރީގެ އެޕާޓްމަންޓް

- ކުލީގެ ގޮތުގައި 9،500ރ.

- މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ.

- ސެކިއުރިޓީ ފީގެ ގޮތުގައި 25،000ރ.

މުއްތަލިބު ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތައް ހިންގަންޖެހޭނީ ދައުލަތަށް ބުރަނުވާ އަދި ދެމެހެއްޓެނިވި ގޮތަކަށެވެ.

"މި ދެންނެވި އަދަދަށް ބަލާނަމަ ވެސް ލޯނު ދެއްކުމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަނެއްހާ ރުފިޔާ ސަބްސިޑައިޒްކުރަން ޖެހޭ،" މުއްތަލިބު ވިދާޅުވި އެވެ.