ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ނެރުނުތާ ފަސް އަހަރު ފަހުން އެ އަމުރު ބާތިލް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
06 މާޗް 2025
ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ނެރުނުތާ ފަސް އަހަރު ފަހުން އެ އަމުރު ބާތިލް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް، އެއީ ނެރެވޭނެ އަމުރެއް ނޫން ކަމަށް ބުނެ އިމިގްރޭޝަނުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން 2022 ވަނަ އަހަރު އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެ މައްސަލާގައި 2023 ވަަނަ އަހަރު ކުރި ހުކުމުގައި ވަނީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރެފައިވަނީ އިމިގްރޭޝަންގެ މައްޗަށް ކަމަށް ވާތީ އެ އަމުރު އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް އެބައޮތް ކަމަށެ. އަދި މައްސަލަ ބަލަން ހައި ކޯޓުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރި އެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ދައުލަތުން އެ މައްސަލަ ހައި ކޯޓަށް އަލުން ހުށަހެޅި އެވެ. ޒަކީގެ ޕާސްޕޯޓް ކެންސަލް ކުރަން އެންގި އަމުރު ބާތިލް ކުރަން ދައުލަތުން އެދިފައިވަނީ ސާބިތު ދަރަނީގެ މައްސަލަތަކުގައި ފައިސާ ދައްކަން ޖެހޭ ފަރާތަކީ ކުންފުންޏެއް ފަދަ ގާނޫނީ ޝަހުސެއް ނަމަ އެ ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް އެ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓި ދާނެ ކަމަށް ގަވައިދުގައި ބުނެފައިވީ ނަމަވެސް ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު ކޯޓަށް ދީފައި ނުވާތީ އެވެ.
އެކަން ބަޔާންކޮށްފައިވަނީ ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގެ އަމަލު ކުރަންވީ ގޮތުގެ ގަވައިދުގަ އެވެ.
ދައުލަތުގެ މައިގަނޑު ބަހުސަކީ ޕާސްޕޯޓް ހިފެހެއްޓުމާއި ކެންސަލް ކުރުމަކީ ތަފާތު ދެ ކަމެއް ކަމެވެ.
މައްސަލަ ހުށަހެޅިތާ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު އިއްވި ހުކުމްގައި ބުނީ، ގަވައިދުގައި އޮތީ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކުރުމުގެ ވާހަކަ ކަމަށާއި ޕާސްޕޯޓް ކެންސަލް ކުރުމުގެ ވާހަކައެއް ނޫން ކަމަށެވެ.
"އެހެންވެ، ޕާސްޕޯޓް ކެންސަލް ކުރެވޭ ގޮތަށް އެ މާއްދާ ތަރުޖަމާ ކުރުމަކީ ގާނޫނީ ގޮތުން ރަނގަޅު އަދި އެ މާއްދާއިން ދީފައިވާ ބާރުގެ ހުދޫދުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމުގައި ނުދެކެން،" ހައި ކޯޓުގެ ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ބުނީ ގާނޫނުގައި ނުވަތަ ގަވައިދުގައި ސަރީހަ ނައްސުން ބަޔާންކޮށްފައި ނުވާ ކަމެއް ނުވަތަ ނުހިމެނޭ ކަމެއް އެ އަށް އިތުރު ކުރުމަކީ ކޯޓަށް ލިބިދީފައިވާ ބާރު ފުޅާކުރުމުގެ އިތުރުން ގާނޫނުން ނުވަތަ ގަވައިދުގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުން ކަމަށެވެ. އެއީ ރަނގަޅު ގޮތް ނޫން ކަމަށް ހުކުމްގައި ބުންޏެވެ.
މި މައްސަލަ ހައި ކޯޓުން ނިންމަވާފައިވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިއްތިފާގުންނެވެ.
ޒަކީގެ ޕާސްޕޯޓްގެ މައްސަލަ ބަލަން އަންގައިފި
ޒަކީގެ ޕާސްޕޯޓް މައްސަލާގައި އޭޖީއަށް ކޯޓަށް ނުދެވޭނެ
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
އަމާންކަން ގެއްލޭ ވާހަކަތަކުގެ މައްސަލަ ދޫކޮށްލައިފި
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
ބާރުގަދަ ޕާސްޕޯޓްގެ މަގާމު ރާއްޖެއިން ދިފާއުކޮށްފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި