Roadha Mihaaru

4000 ފްލެޓަށް އެދުނު އެންމެންނަށް މި ދައުރުގައި ބޯހިޔާވަހިކަން ހަމަޖެހޭނެ: މިނިސްޓްރީ

ކުރީގެ ސަރުކާރުން ހުޅުވާލި 4،000 ފްލެޓުގެ ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅައި ފުރުސަތު ނުލިބުނު އެންމެންނަށް އަލުން ފްލެޓް މަޝްރޫއަކަށް ކުރިމަތިލާން ނުޖެހި މި ދައުރުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ފްލެޓަށް އެދުނު އެންމެންނަށް ބޯހިޔާވަހިކަން ހަމަޖެހޭނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

09 މާޗް 2025

ކުރީގެ ސަރުކާރުން ހުޅުވާލި 4،000 ފްލެޓުގެ ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅައި ފުރުސަތު ނުލިބުނު އެންމެންނަށް އަލުން ފްލެޓް މަޝްރޫއަކަށް ކުރިމަތިލާން ނުޖެހި މި ދައުރުގެ ތެރޭގައި ސަރުކާރުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލުމުން ގާތްގަނޑަކަށް 20،000 މީހުން ފޯމު ހުށަހެޅި އެވެ. މީގެތެރެއިން 4،000 ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ވެރިފައިކޮށް، ޝަރުތު ހަމަވި ލިސްޓެއް މިނިސްޓްރީން މިދިޔަ މަހުގެ 28 ގައި ވަނީ އާއްމުކޮށްފަ އެވެ.

އެ ލިސްޓާ ގުޅޭ ގޮތުން ކުރާ ތުހުމަތުތައް ސާފުކޮށްދީ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ލިސްޓް ރިވިއުކުރީ އާ އުސޫލެއް އެކުލަވާލައިގެން ނޫން ކަމަށާއި ކުރިން ރަސްމީކޮށް އިއުލާންކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. ވެރިފައިކުރީ 3 ކޮޓަރީގެ ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކާއި 2 ކޮޓަރީގެ ފްލެޓަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ފޯމު ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި 4،000 ފްލެޓް ލިބުމުގެ ފުރުސަތު ނުލިބޭ އެންމެނަށް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލް ކުރަން ނުޖެހޭނެ އެވެ. ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ގެދޮރުވެރިޔާ ފްލެޓް--- ފޮޓޯ: މިހާރު

ގެދޮރުވެރިޔާ ފްލެޓް--- ފޮޓޯ: މިހާރު

ހައުސިން މިނިސްޓްރީން ބުނީ މި ފަހަރު ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފޯމުތައް ވެރިފައި ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށް ކަމަށެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. އެކަމަށް ހުޅުވާލިތާ ތިން ދުވަހުގެ ތެރޭގައި 700 އެއްހާ ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.

ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މާކްސް ދިން ގޮތާ މެދު އޮތް ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ބުނި ގޮތުގައި މާކްސް ދީފައި ވަނީ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ގޮތަށް އެޕްލިކަންޓް ދީފައިވާ މައުލޫމާތަށެވެ. އަދި ފޯމުތައް އިވެލުއޭޓް ކުރުމުގައި ބަލާފައި ވަނީ އޭރު އޮތް ގައިޑްލައިނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ގައިޑްލައިނާ ހަވާލާދީ ހައުސިން މިނިސްޓްރީން ބުނީ، މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށް ވެފައި ވާތާ 15 އަހަރު ނުވާ މީހެއް ނަމަ މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ މީހެއް ކަން ކަނޑައަޅާނީ "ވެރިފަޔާ ވެރިފިކޭޝަން" އިން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ.-- ފޮޓޯ: މަޖިލިސް

މާލޭ ރައްޔިތުން ފްލެޓް ލިސްޓުން "އާދަޔާ ހިލާފަށް" ޑިސްކޮލިފައި ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ މިނިސްޓްރީން ބުނީ 15 އަހަރު ދުވަހު މާލޭގައި އުޅެފައިވާ ނަމަ ޑިސްކޮލިފައި ނުވާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އެއްވެސް މީހަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ގެދޮރުގެ މައްސަލަ ހައްލު ނުވެ ނުހުންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރަސްމާލެ އާއި ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު އެއްވުމުން އުފެދޭ ބިމުން ހުރިހާ ރައްޔިތުންނަށް ގެދޮރު ލިބޭނެ އެވެ. ގެދޮރަށް ހާއްސަކޮށް ތައާރަފްކުރާ ލުއި ލޯނާއި އެހެން ވެސް ފުރުސަތުގެ އެހީގައި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.