އުމުރުން މިހާރު ފަސްދޮޅަހުގެ އަހަރުތައް ގުނަމުން އަންނަ އަހުމަދު ސައީދުގެ އެތައް ހަނދާނެއް ވަނީ މި ރީތި ރަށްތަކާ ގުޅިފަ އެވެ. އެންމެ ތުއްތުއިރުން ފަށައިގެން މިއަދާ ހަމައަށް ވެސް، އާދަވެގެން މި ރަށްތަކަށް އޭނާ އާދެ އެވެ. އަހަރަކަށް ފަހު އަހަރަކު، ރަށްތަކަށް އައިސްފައިވާ ބަދަލުތައް ވަރަށް ގާތުން އޭނާ ދެކެފި އެވެ. ނޫ، ފެހި ސާފު ވިލުތަކާއި ދޮންވެލީގެ ރީތި ގޮނޑުދޮށްތަކެއް ލިބިފައިވާ ފެހިކަން ގަދަ މި ރަށްތަކާ، އޭނާގެ ޒަމާންވީ އެތައް ހަނދާނެއް ވަނީ ގުޅިފަ އެވެ.
10 މާޗް 2025
އުމުރުން މިހާރު ފަސްދޮޅަހުގެ އަހަރުތައް ގުނަމުން އަންނަ އަހުމަދު ސައީދުގެ އެތައް ހަނދާނެއް ވަނީ މި ރީތި ރަށްތަކާ ގުޅިފަ އެވެ. އެންމެ ތުއްތުއިރުން ފަށައިގެން މިއަދާ ހަމައަށް ވެސް، އާދަވެގެން މި ރަށްތަކަށް އޭނާ އާދެ އެވެ. އަހަރަކަށް ފަހު އަހަރަކު، ރަށްތަކަށް އައިސްފައިވާ ބަދަލުތައް ވަރަށް ގާތުން އޭނާ ދެކެފި އެވެ. ނޫ، ފެހި ސާފު ވިލުތަކާއި ދޮންވެލީގެ ރީތި ގޮނޑުދޮށްތަކެއް ލިބިފައިވާ ފެހިކަން ގަދަ މި ރަށްތަކާ، އޭނާގެ ޒަމާންވީ އެތައް ހަނދާނެއް ވަނީ ގުޅިފަ އެވެ.
ސައީދުއާ ބައްދަލުވީ ގދ. ނަޑެއްލާއިންނެވެ. އޭނާއަކީ މި ރަށުގެ މަސްވެރިއެކެވެ. އޭނާ މިހާރު ގިނައިން ކުރަނީ ފަރުމަސްވެރިކަމެވެ.
ގދ. ނަޑެއްލާގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯއެއްގައި އެ ރަށާ ކައިރީގައި އޮތް ފަޅުރަށްތައް ފެންނަން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނަޑެއްލާއަކީ ގދ. އަށް އަހަރެމެން މި ކުރާ ދަތުރުގައި އެންމެ އެކުވެރި ބަޔަކާ ދިމާވި އެއް ރަށެވެ. ބީރަށްޓެހި ބަޔަކަށް ވިޔަސް، އެހެން އިހުސާސްވިޔަކަ ނުދިނެވެ. އާރުޓީއެލް ފެރީން މި ރަށަށް ފޭބުމާ އެކު، ބަނދަރުމަތިން ދިމާވި ކޮންމެ މީހަކު ހެން ވާހަކަ ދެއްކި އެވެ. ކޮން ކަމަކު އައިސް އުޅޭ ބަޔަކުތޯ އޮޅުންފިލުވައި، އެހީތެރިކަމަށް ނޭދެނީސް، އަމިއްލަ އަށް އިސްވެ ކަންކަން ފަހިކޮށްދިނެވެ. ސައީދުއާ ވެސް ބައްދަލުވީ ހަމަ އެ ކަހަލަ ގޮތަކަށެވެ. އެހާ ހިތްހެވެ.
އަހަރެމެން ބޭނުންވީ މި އަތޮޅު ފިޔޯރިން ފަށައިގެން މަޑަވެއްޔާ ހަމައަށް އެއް ފަޅެއްގެ ތެރޭގައި ފަތިފައްޗަށް މި އޮންނަ ރަށްތައް ބަލާލައި، މި ތަންތަނުގެ ވާހަކަތައް ޑޮކިއުމެންޓު ކޮށްލާށެވެ. އާންމު މީހެއްގެ ނަޒަރުންނެވެ. ބޭނުންވީ އަހަރެމެން ގޮވައިގެން މި ރަށްތަކަށް ގޮސް، މި ތަންތަނުގެ ވާހަކަތައް ކިޔައިދޭނެ މީހެކެވެ.
އެ ވާހަކަ އެންމެ ފުރަތަމަ ދެެކެވުނީ ބަނދަރުމަތިން ދިމާވީ މި އަތޮޅު ތިނަދޫގެ މަސްވެރިއެއް ކަމަށްވާ މުހައްމަދު އިމާދުއާ އެވެ. އޭނާ މަސްވެރިކަމަށް ދާ އޮޑި އޮތީ މި ރަށުގައި ބަނދަރުކޮށްފަ އެވެ. އާންމުކޮށް މި ރަށަށް އައިސް އުޅޭތީ އިމާދަށް މި ރަށު މީހުން ވަރަށް ރަނގަޅަށް އެނގެ އެވެ. އޭރު ސައީދު އަހަރެމެންނާ އަރާ ހަމަވަނީ އެވެ.
"ތިކަމަށް އެންމެ ރަނގަޅުވާނީ ސައީދުބެ،" އަހަރެމެންނަށް ސައީދު ތައާރަފުކޮށްދެމުން އިމާދު ބުންޏެވެ.
ގދ. ނަޑެއްލާ، އަހްމަދު ސައީދު: މި ރަށްތަކާ ބެހޭ ގޮތުން "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސައީދު ހުރީ ވަގުތުން ތައްޔާރަށެވެ. ޖެހިގެން އަންނަ ދުވަހު ހެނދުނު އޭނާގެ ޑިންގީގައި މި ރަށްތައް ބަލައިލަން ދެވޭނެ ގޮތް ހަމަޖައްސައިދިނެވެ.
ހަތްދިހައަށް ވުރެ ގިނަ ރަށް މި ބޮޑު ފަޅު ތެރޭގައި އޮތްއިރު، މަޑު ދިޔާގައި މި ހުރިހާ ރަށަކަށް ހިނގާލާފައި ވެސް ދެވެ އެވެ. އެކަމަކު، އެއީ ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމެކެވެ. މީގެ ކުރިން ވެސް އަދި މިހާރު ވެސް ބައެއް މީހުން މި ރަށްތަކަށް ހިނގާފައި ދެ އެވެ. މި ރަށްފަތީގައި ގިނައީ ފަޅުރަށްތަކެވެ. މީހުން ދިރިއުޅެނީ އެންމެ ފަސް ރަށުގަ އެވެ. އެއީ، ނަޑެއްލާގެ އިތުރުން ފިޔޯރި އާއި ރަތަފަންދު އާއި ހޯނޑެއްދޫ އާއި މަޑަވެލީގަ އެވެ. އެކަމަކު، ގދ. އަތޮޅުގެ ރީތިކަމާ ގުޅިފައި ވަނީ މި ފަޅުރަށްތަކެވެ.
އަހަރެމެން މި އައި ދުވަސްވަރު ދިޔަވަރު ހިކެނީ އިރުއޮއްސޭ ފަހުން ކަމަށް ވުމުން، ހިނގާފައި ދެވޭނެ ގޮތެއް ނުވި އެވެ.
ގދ. ގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ރަށްތައް: މިއީ ގުދުރަތީ އަޖައިބެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގދ. ގެ މި ރަށްފައްޗަކީ ރާއްޖޭގެ އެހެން އެއްވެސް އަތޮޅަކުން ނުފެންނަ ހާއްސަ ގުދުރަތީ، އަޖައިބު ކުރަނިވި ސިފައެއް ލިބިފައި އޮތް ސަރަހައްދެކެވެ. ގއ. އާއި ގދ. ހިމެނޭ މުޅި ހުވަދޫގައި 255 ރަށް އޮތްއިރު، މިއީ މުޅި ދުނިޔޭގައި ވެސް ގުދުރަތީ ގޮތުން އެންމެ ގިނަ ރަށްތައް އުފެދިފައި އޮތް އަތޮޅެވެ.
ޖެހިގެން އައި ދުވަހު އިމާދު އާއި ސައީދުއާ އެކު އަހަރެމެންގެ ޓީމު ޑިންގީގައި މިސްރާބު ޖެހީ ނަޑެއްލާގެ އިރު ދެކުނަށް އޮތް ފަޅުރަށްތަކާ ދިމާލަށެވެ. އެ ތަނުން ހަތަރު ފަޅުރަށެއް ދޫކޮށް އަހަރެމެން ލެފީ އެހިވަކާ ކިޔާ ފަޅުރަށަކަށެވެ. ރީތި ދޮންވެލި ގޮނޑުދޮށެއް އޮތް ރަށެކެވެ. ހޭޅިފަށުގައި ގިނައިން ހެދިފައި ހުރީ ދިވެހި ރުކެވެ. ވަރަށް ފެހި، ހިތްގައިމު މާހައުލެކެވެ. މޫދާ ދިމާލަށް ލެނބިފައި އޮތް ރުކެއްގައި އެލުވާފައި އޮތް އުނދޯއްޔަކަށް އަރައި ހެއްލާލުމުން އެ ލިބުނު ހިތްހަމަޖެހުން ބުނެދޭން ވެސް ނޭނގެ އެވެ. ހަގީގީ ދިވެހިރާއްޖޭގެ އިހުސާސެވެ.
ގދ. އެހިވަކާގެ މަލަމަތި: މި ރަށުގެ ހޭޅިފަށުގައި ގިނައިން ހެދިފައި ހުރީ ދިވެހި ރުއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސައީދު ބުނި ގޮތުގައި، އޭނާގެ ޒުވާން ދުވަސްވަރު މި ރަށްތައް މީހުން ބޭނުންކޮށް އުޅުނީ ރުއްއެރުމަށެވެ.
"މި ރަށްރަށުގައި އޭރު ތިބޭނެ ތިން ހަތަރު ފަސް މީހުން ނޫނިއްޔާ ހަ މީހުން، މި ރަށްރަށުގައި ރުއް އަރާނެ އޭރު. ރާ އަރާ މީހުން ވެސް ތިބޭނެ. އޭރު އަހަރެމެން މީހުން ދިރިއުޅޭ ރަށްރަށުން މީހުން އައިސް ކާށި އަޅައި، ވިނަތައް ސާފުކޮށް، ގަސް ކޮށާނެ. ވަރަށް ރީއްޗަށް ހުންނާނީ މީހުން ދިރިއުޅޭ ރަށެކޭ އެއްގޮތް ވާނެ،" ސައީދު ކިޔައިދިނެވެ.
އޭރު މި ރަށްރަށަށް މީހުން އަންނަނީ ކަނދުފަތީގަ އެވެ.
"ކަނދުން ހަދާ އެއްޗަކީ ދަނޑިއެއް އޭގެ ތެރެއަށް ލޯވަޅު އަޅާފައި، ކޮށްޕާފައި، ދެން އޭގެން އަންނަނީ ކަނބާފައި،" އޭރު މި ރަށްރަށަށް ދަތުރުކުރި ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.
ގދ. އެހިވަކާގެ ގޮނޑުދޮށަށް ލެނބިފައި އޮތް ރުކުގައި އެލުވާފައި އޮތް އުނދޯލި އަޅުގަނޑު ހެއްލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބައެއް މީހުން އޭރު ވެސް ހިނގާފައި މި ރަށްތަކަށް ގޮސް އުޅުނެވެ.
"ހިނގާފައި ވެސް އަންނަން. އެއީ ދެން ވަރަށް އާންމު ކަމެއް. މިހާ ހިސާބުން މިއަށް ވުރެ މާ ދުރަށް ދަން، މަސްހިފަން ވެސް ދާނެ. އަހަރެމެން މަސްހިފަން ދަން މިހާރު ވެސް މިތާނގައި އިންނާނެ ވަރަށް ބޮޑު ރަށެއް ކަނަންދޫ ކިޔާނީ، އެ ރަށާ ހަމައަށް ދަން. އޭގެ އެކޮޅަށް ވެސް މަސްހިފަން ދަން ހަމަ ހިނގާފައި، ރަށުގައި ތިބެފައި،" ސައީދު ބުންޏެވެ.
އޭނާ ބުނީ މިހާރު މި ރަށްތައް މި ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، މި ރަށްތައް ހަލާކުވީ ރަށްތައް ސަރުކާރަށް ނެގުމުންނެވެ. ކުރިން މި ރަށްތަކަކީ ސަރުކާރުން އަމިއްލަ މީހަކަށް ލިޔެގެން ދީފައި ހުރި ރަށްތަކެވެ.
ގދ. އެހިކަވާގައި އިމާދު އާއި ސައީދު: މި ރަށުގެ ވާހަކަތައް އަހަރެމެންނަށް ކިޔައިދިނީ އެމީހުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެކަމަކު، އޭރު ވެސް މި ރަށްތައް ބެލެހެއްޓީ އަތޮޅުގެ އާންމު ރައްޔިތުންނެވެ. އެހެންވެ، ރަށްތައް ހަލާކު ނުވެ، ވަރަށް ރީތިކޮށް އޮތެވެ.
"އެ މީހުން [ރަށް ހަވާލުކޮށްފައި އޮންނަ މީހާ] ކައިރި ރަށްރަށުގެ މީހުންނާ ހަވާލުކޮށްގެން ރަށް ބަލަހައްޓާނީ. އެ މީހުން ހަމައެކަނި ދޭނީ ކޮށްތު ނުވަތަ ކާން. ދެން ވަރަށް ގިނަ މީހުން މި ރަށްރަށަށް އައިސް ސާފުކޮށް ހަދާނެ. ދުވާލު ހަތަރުދަމު މަސައްކަތް ކުރީމަ ގާތްގަނޑަކަށް ލިބޭނީ ހަތަރު ކާށި ނުވަތަ ފަސް ކާށި. އެއީ އަހަރެމެންގެ ހަނދާނުގައި،" މިހާރު އުމުރުން 67 އަހަރުގެ ސައީދު ބުންޏެވެ.
މިހާރު މި ރަށްތައް އޮތީ އެއްވެސް ބޭނުމެއް ނެތި، ދޫކޮށްލެވިފަ އެވެ.
ގދ. އެހިވަކާގެ ގޮނޑުދޮށް: މި ރަށުގެ ހޭޅިފަށުގައި ގިނައިން ހެދިފައި ހުރީ ދިވެހި ރުއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ރަށްތައް ވަރުވާ އަށް ދޫކުރަން ސަރުކާރުން 2016 ވަނަ އަހަރު އިއުލާންކުރި ނަމަވެސް، މަދު ރަށެއް ނޫނީ ކުއްޔަށް ނަގާނެ ބަޔަކު ނުވި އެވެ. އަހަރެމެން މި ތިބަ އެހިވަކާ އަކީ ވެސް އާމްދަނީއެއް ލިބޭނެ އެއްވެސް ބޭނުމެއް ނުކުރެވި، އަދިވެސް ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތް ރަށެކެވެ. ކުރީގެ ބައެއް ސަރުކާރުތަކުން މި ރަށްފަތީގެ ރަށްރަށުގައި ރިސޯޓު ހަދަން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު، އެކަން ވެސް ކާމިޔާބެއް ނުވި އެވެ.
"މިހާރު މި ރަށްތަކުން އެއްވެސް ފައިދާއެއް ނުވޭ. މިހާރު މި އޮތީ ރުށްތައް ވެސް ނެތިގެން ދާ ހިސާބުގައި. ރުށްތައް ވެސް ވާނެ ގޮތަކީ ސާފުކޮށް، ރަނގަޅަށް ބަލަހައްޓަންޔާތާ ރީއްޗަށް ހުންނާނީ ދޯ،" ސައީދު ބުންޏެވެ.
ދެ ގަޑިއެއްހާއިރު މި ރަށުގައި މަޑުކުރުމަށް ފަހު، އަހަރެމެން އަނބުރާ ނަޑެއްލާ އަށް ދިއުމުގެ ކުރިން އިމާދާއި ސައީދު މުޑިކާށި ހޮވައިގެން އަހަރެމެންނަށް މުޑި ވެސް ކާންދިނެވެ.
ގދ. އެހިވަކާގައި އިމާދު މުޑި ކާށި ބިންނަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަހަރެމެން އަނބުރާ ނަޑެއްލާ އަށް އައީ އަދި އެހެން ފަހަރަކު ވިޔަސް، މި ރަށްތަކުގެ މެދުގައި ހިނގާލަން ލިބޭނެ ދުވަހަކަށް އުއްމީދު ކުރަމުންނެވެ.
މި ރަށްތައް ބަލާލުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވިޔަސް، އަޅާނުލެވި މި ރަށްތައް ހަލާކުވާ ދޫކޮށްލެވިފައި އޮތުމަކީ ސައީދު އާއި މި އަތޮޅުގެ އެހެން އެންމެންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމެވެ.
ގދ. ގެ ރަށް ފަތީގައި އޮންނަ ރަށެއް: މިއީ ގުދުރަތީ އަޖައިބެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބަޔަކާ ހަވާލުކޮށް މި ރަށްތައް ރަނގަޅަށް ބެލެހެއްޓިއްޖެ ނަމަ އަތޮޅަށް ކުރާނެ ފައިދާ ވެސް ބޮޑެވެ. ރަށްތައް ހަލާކު ނުކޮށް، އިގުތިސާދީ ބޭނުމަކަށް މި ރަށްތައް ބޭނުންކުރެވިއްޖެ ނަމަ، އޭގެން ފައިދާ ކުރާނީ ވެސް އާންމުންނަށެވެ. މި ރަށްތައް މިހާރު ވެސް އޮތްގޮތަށް ބާއްވައި، މި ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ފުރިހަމަކަން ޕްރޮމޯޓްކޮށް، ވަރުގަދަ ޓޫރިސްޓު އެޓްރެކްޝަނަކަށް ވެސް ހެދިދާނެ އެވެ. މިއީ، އަތޮޅުގެ އެކި މީހުން ދިން ހިޔާލުތަކެވެ. ލަސްނުކޮށް ބޭނުންވަނީ ރަނގަޅު ޕްލޭނެކެވެ.
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
ޑަބްލިއުޑީސީން ހޯދީ މިރަށު ހުރިހާ އަންހެނުންނަށް ވަޒީފާ
ނިކަމެތި ހާލާ މެދު ދުއާ ކުރަނިކޮށް ލިބުނު ނިއުމަތް
ކުނިގޮނޑަކުން އުފަންވި "ކަދުރު ޕާކް" ގެ ވާހަކަ
ރިނބުދޫ އިން އެހެން މަންޒަރެއް
ވާހެދިފައި ވިޔަސް މިއީ އަގުހުރި ތަރިކައެއް
ތޮއްޑޫން ފެހިކަމާއި ކުރިއެރުން: ނަމޫނާ ރަށެއް
ކަނޑުފަޅު ފީނައިގެން އަފްރާހް މި ނަގަނީ "ފައިސާ"
ދާލުގެ ހިތުގައި މި ފަށަނީ ޓޫރިޒަމްގެ ވިންދު
މާފަރު ދަނޑުތައް ފައްކާވެފައި، ނެތީ ވިއްކޭނެ ގޮތެއް!