Roadha Mihaaru

ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްގެ އުޅަނބޮށީގެ ކަށިތައް ފުނޑުފުނޑުވެ އަތް ބިންދައިގެން ހިނގައްޖެ

ރަމަޟާން ވެޓަރަންސް މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ލެޖެންޑް ޝާހް އިސްމާއީލަށް ބޮޑު އަނިޔާއެއް ކުރިމަތިވެއްޖެ އެވެ.

ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 މާޗް 2025

ރަމަޟާން ވެޓަރަންސް މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ލެޖެންޑް ޝާހް އިސްމާއީލަށް ބޮޑު އަނިޔާއެއް ކުރިމަތިވެއްޖެ އެވެ.

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ވެޓަރަންސް މުބާރާތުގައި އިއްޔެ ހަވީރު ޝާހްގެ ވެލެންސިއާއިން ނުކުތީ އެމްއެސް މޭޓްސްއާ ދެކޮޅަށެވެ.

ޝާހް އަތުން ބޯޅަ ހޯދަން އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ ކުރި ޓެކްލުގައި އޭނާ ދަނޑު މައްޗަށް ވެއްޓުނެވެ. އޭނާގެ އަތް ޖެހުނު ގޮތަށް ވަރަށް ބާރަށް އަޑުވެސް އިވުނެވެ.

އޭނާ ދަނޑުން ބޭލީ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އެހީގަ އެވެ. ވަގުތުން އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އޭޑީކޭގެ އިމަޖެންސީ ރޫމްގައި ފަރުވާ ފަށައި އެކްސްރޭ ނެގުމަށް ފަހު އޭނާގެ އަތުގައި ޕްލާސްޓަރު ވަނީ އަޅައިފަ އެވެ. މިހާރު އޭނާ ވަނީ ބެޑް ރެސްޓަށް ގެއަށް ބަދަލުކޮށްފަ އެވެ.

އެމްއެސް މޭޓްސްގެ ކުޅުންތެރިޔާ (ކ) ޝާހް އަށް ޓެކްލު ކުރަނީ: އޭނާ އަށް އަނިޔާވީ އެ ޓެކްލުގައި

އެމްއެސް މޭޓްސްގެ ކުޅުންތެރިޔާ (ކ) ޝާހް އަށް ޓެކްލު ކުރަނީ: އޭނާ އަށް އަނިޔާވީ އެ ޓެކްލުގައި

އޭޑީކޭގެ ޑޮކްޓަރުންނާ ހަވާލާދީ ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވާޑް "މިހާރު" އަށް ބުނީ އޭނާގެ ކަނާތުގެ އުޅަނބޮށީގެ ކަށިކޮޅުތައް ފުނޑުފުނޑުވެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އެ އަނިޔާއިން އަރައިގަތުމަށް އަތުގެ ދެ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ހުސައިން ޝަކީލާ ހަވާލާ ދީ، ޝާހް ބުންޏެވެ.

"ވަރަށް ބޮޑަށް ދުޅަ ވެފަ މިހާރު ހުރީ. ޑޮކްޓަރު ވިދާޅުވީ ދުޅަ ތިރިވީމަ ދެ ހަފުތާ ފަހުން ދެ ސާޖާރީއެއް ހައްދަން ޖެހޭނެ،" ނިއު ރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓަރީ އަށް ވެސް ކުޅުނު ފޯވާޑް ބުންޏެވެ.

އޭނާ ބުނީ އަނިޔާ އެއްކޮށް ފަސޭހަ ވާނެ މުއްދަތެއް އަދި ނޭނގޭ ކަމަށެވެ.

ވެލެންސިއާގެ ވެޓަރަންސް ޓީމުގައި ޝާހް އާއި އަލީ ޝިހާމް (ހުރާ އައްޔަ): މި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ދެ ފޯވާޑުން

ވެލެންސިއާގެ ވެޓަރަންސް ޓީމުގައި ޝާހް އާއި އަލީ ޝިހާމް (ހުރާ އައްޔަ): މި ދެ ކުޅުންތެރިންނަކީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު ދެ ފޯވާޑުން

"އޮޕަރޭޝަނަށް ފަހު ފިޒިއޯ ވަރަށް ދުވަހު ހަދަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވި. ފިޒިއޯ ބަރާބަރަށް ނުގެންދެވިއްޖެއްޔާ އައިބެއް ހުރެދާނެޔޭ ވިދާޅުވީ،" ފެންކަޅި ވެފައި ހުރެ އޭނާ ބުންޏެވެ.

ގޯލްޑަން ޖްބްލީ ފުޓްބޯޅަ މުބާރާތާއި 2003 ގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ފައިނަލާ ހަމައަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޝާހް ބުނީ އަލުން ފުޓްބޯޅައިގެ ފިޒިކަލް އެއްވެސް ކަމެއްގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށެވެ.

"މުޅި ފުޓްބޯޅަ ކެރިއާގައި ވެސް މިހާ ބޮޑު އަނިޔާއެއް ކުރިއަކުން ނުލިބޭ. މިހެން ދިމާވީމަ މި ނިންމީ ދެން ފުޓްބޯޅަ ނުކުޅެން. ވެޓަރަންސް (މުބާރާތްތަކުގައި) ވެސް ދެން ނުކުޅެން. ސީދާ ކުޅެން އަރަން ޖެހޭ އެއްވެސް ކަމަކުން ދެން ނުފެންނާނެ،" ފުޓްބޯޅަ އެޑްމިނިސްޓްރޭޓިވް ދާއިރާގެ ވެސް ތަޖުރިބާކާރު ޝާހް ބުންޏެވެ.