Roadha Mihaaru

ހެނބަދޫ މުދިންބެ: ކުދިން ހަތިމްކުރާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ!

ނ. ހެނބަދޫ އަބްދުއްރަހްމާން ހަސަން (މުދިންބެ) އަށް އެންމެ އުފާވެރި ދުވަހަކަށް ވަނީ އޭނާ ކިޔަވައިދޭ ކުދިން ހަތިމް ކުރާ ދުވަހެވެ. ވޮށުފިލާއިން ފެށިގެން ހަތިމް ނިމެންދެން ކިޔަވައިދިން ކުދިންގެ އަދަދު ނޭނގުނު ނަމަވެސް އެ އިން ކޮންމެ ކުއްޖަކު ވެސް ހަތިމް ނިންމާ ދުވަސް އެއީ އޭނާ އަށް ރޮވޭ އެއް ދުވަހެވެ. އުފަލުންނެވެ.

މުދިންބެ؛ ހަތިމް ކުރާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ
ފާތިމަތު އަޖްފާން
ނ. ހެނބަދޫން ފާތިމަތު އަޖްފާން

22 މާޗް 2025

ނ. ހެނބަދޫ އަބްދުއްރަހްމާން ހަސަން (މުދިންބެ) އަށް އެންމެ އުފާވެރި ދުވަހަކަށް ވަނީ އޭނާ ކިޔަވައިދޭ ކުދިން ހަތިމް ކުރާ ދުވަހެވެ. ވޮށުފިލާއިން ފެށިގެން ހަތިމް ނިމެންދެން ކިޔަވައިދިން ކުދިންގެ އަދަދު ނޭނގުނު ނަމަވެސް އެ އިން ކޮންމެ ކުއްޖަކު ވެސް ހަތިމް ނިންމާ ދުވަސް އެއީ އޭނާ އަށް ރޮވޭ އެއް ދުވަހެވެ. އުފަލުންނެވެ.

"ވަރަށް އުފާވާ ދުވަހެއް އަންނާނެ. ކިޔަވައިދޭ ކުއްޖަކު ހަތިމު ކޮށްލާ ދުވަސް. އެއީ ހަމަ އުފަލުން ރޮވޭ ދުވަހެއް. ކޮންމެ ކުއްޖަކު ހަތިމު ކުރިޔަސް ރޮވޭ ހަމަ އުފަލުން. އެހާ އުފާވޭ. އަލިފުބާ ޖަހައިގެން ކިޔަވާ ކުއްޖަކު ހަތިމު ކުރާ ދުވަހަކީ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފާ،" މުދިންބެ ތަކުރާރުކޮށް ވެސް އެއް ވާހަކައެއް އަހަރެމެން ގާތު ބުނެވުނީ ހަގީގަތުގައި ވެސް ގުރުއާން ޓީޗަރަކު އެންމެ ހިނިތުންވާނެ ވަގުތުކޮޅަކަށް އެ ވަގުތު ވާނެތީ އެވެ.

މުދިންބެ މިހާރު ކިޔަވައިދޭން އޭނަގެ ގޭގައި ހަދާފައި ހުންނަ ގުރުއާން ކްލާހުގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މުދިންބެ މިހާރު ކިޔަވައިދޭން އޭނަގެ ގޭގައި ހަދާފައި ހުންނަ ގުރުއާން ކްލާހުގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއީ ހެނބަދޫގެ އެންމެންގެ މުދިންބެ އެވެ. މި ރަށުގެ ހުރިހާ ކުދިންގެ ވެސް އެދުރުބެ އެވެ. އުމުރުން ހަތްދިހައިގެ އަހަރުތައް ގުނަމުން އަންނަ މުދިންބެ ރައްޔިތުންގެ އެދުމަކަށް ކުދިންނަށް އަރަބި އަކުރު ބުނެދޭން ފެށީ 1997 ގަ އެވެ. އެކަމަކު އޭގެ ފަހުން 28 އަހަރު ވީއިރު ވެސް މި މުދިންބެއަކަށް ބަދަލެއް ނާދެ އެވެ. ހެނބަދޫގެ މީހުންނަށް ގުރުއާން ކިޔަވައިދީ، ހަތިމް ކުރުމާ ހަމައަށް އެހީތެރިކަން ހޯދަނީ މުދިންބެގެ ފަރާތުންނެވެ.

"އަޅުގަނޑު ކިޔަވައިދިން ކުދިން، އެ ކުދިންނަށް މާމަ/ކާފަ ކިޔައިފި މިހާރު. މިތަނުން ކިޔެވި އަންހެން ކުއްޖެއް. އެންމެ ކުޑައިރުން ފެށިގެން ކިޔެވީ އަޅުގަނޑު ކައިރިން. އެ ކުއްޖާ ބޮޑުވެ، މިހާރު މާމަ ކިޔައިފި،" ވަރަށް އުފަލުން އަދި އޭނާގެ ދަރިވަރުންގެ މޮޅުކަން ކިޔައިދޭ ރާގެއްގައި މުދިންބެ ބުންޏެވެ.

މުދިންބެގެ ފަސް ކުދިން ތިބިއިރު ކާފަ ކިޔާ 8 ކުއްޖަކު ލިބިއްޖެ އެވެ. މިހާ ދުވަސްވީއިރު ވެސް މުދިންބެ ހުރީ ހަމަ އެއް މަސައްކަތެއްގަ އެވެ.

މުދިންބެ އެންމެ ފުރަތަމަ ނޯޓުކުރަން ގެންގުޅުނު އަދި މިހާރު ވެސް ގެންގުޅޭ ފޮތް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މުދިންބެ އެންމެ ފުރަތަމަ ނޯޓުކުރަން ގެންގުޅުނު އަދި މިހާރު ވެސް ގެންގުޅޭ ފޮތް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެތައް އަހަރެއް ވީއިރު މިއަދު ވެސް މުދިންބެ ގެންގުޅެނީ އެންމެ ފުރަތަމަ ނޯޓުކުރަން ގެންގުޅުނު ފޮތެވެ. ކުދިންގެ ނަން ލިޔުމަށާއި ކުދިން ދައްކަން ޖެހޭ ފީ ނޯޓު ކުރުމަށް ވެސް ގެންގުޅެނީ ހަމަ އެ ފޮތެވެ. އެއީ 300 ސަފުހާގެ ތުނި މޮނީޓަރު ފޮތެކެވެ.

މުދިންބެ އެންމެ ފުރަތަމަ ނޯޓުކުރަން ގެންގުޅުނު އަދި މިހާރު ވެސް ގެންގުޅޭ މޮނީޓަރު ފޮތް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މުދިންބެ އެންމެ ފުރަތަމަ ނޯޓުކުރަން ގެންގުޅުނު އަދި މިހާރު ވެސް ގެންގުޅޭ މޮނީޓަރު ފޮތް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކިޔަވައިދޭން ފެށީ 5ރ. އަށް، މިހާރުގެ ފީއަކީ 100ރ.

އޭނާ އެންމެ ފުރަތަމަ ވަޒީފާއަކީ މި ރަށު މިސްކިތުގެ މުދިންކަމެވެ. ރަށުގެ އެންމެންގެ މުދިމަކަށް އޭނާ ވީ އެ ހިސާބުންނެވެ. ދެން އައީ ގުރުއާން ކޯސް ހެދުމަށް މާލޭގައި ހުންނަ މައުހަދަށެވެ. އެ ކޯސް ނިންމައިގެން ރަށަށް އައިސް މިސްކިތުގައި މުދިންކަން ކުރަމުން މިސްކިތުގައި "މިސްކިތު ކްލާސް" ނަގައިދިނީ އެވެ.

ޖުމުލަ ނުވަ އަހަރު ވަންދެން މިސްކިތުގައި ކްލާސް ނަގައިދިނުމަށް ފަހު، ހުއްދަ ނަގައިގެން ގޭގައި ގުރުއާން ކްލާހެއް ހިންގަން ފެށީ ވެސް ގުރުއާން ކިޔަވައިދިނުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

މުދިންބެ ކައިރިއަށް ކިޔަވަންދާ ކުދިންގެ ފޮތްތައް އެ ކަމަށް ހާއްސަ ކަބަޑުގައި ބަހައްޓާފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މުދިންބެ ކައިރިއަށް ކިޔަވަންދާ ކުދިންގެ ފޮތްތައް އެ ކަމަށް ހާއްސަ ކަބަޑުގައި ބަހައްޓާފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެއީ ފެންޑާއެއްގެ ގޮތަށް ހިޔާކޮށް، ހަދާފައި ހުންނަ ކުޑަކުޑަ ތަންކޮޅެކެވެ. އެއްފަހަރާ ކިޔަވައިދެވޭނީ 15 ކުދިންނަށެވެ. ހުރީ ތިން މޭޒު ގުޅުވައި ކައިރީގައި ގޮނޑި ޖަހައިފަ އެވެ. އެއްފަރާތެއްގައި ހުންނަ ކުޑަ ކަބަޑެއް ހާއްސަ ކޮށްފައި ވަނީ ކިޔަވަން އަންނަ ކުދިންގެ ފޮތްތައް ބެހެއްޓުމަށެވެ.

މުދިންބެގެ ކުލާހުގައި ކޮންމެ ދުވަހަކު ހަތަރު ގަޑީގައި ކިޔަވައިދެ އެވެ. އެއީ ހެނދުނާއި މެންދުރާއި ހަވީރު އަދި ރޭގަނޑެވެ. ކުދިން ގަޑިތަކަށް ބެހުމުގައި ބަލަނީ ކިޔެވޭ ފެންވަރަަށެވެ. މިހާރު ވެސް 30 އަށް ވުރެ ގިނަ ކުދިންނަށް ކިޔަވައިދޭ މުދިންބެގެ ހާއްސަ ކަމަކީ ނަގާ ފީގެ އަގެވެ.

އެންމެ ކުރިން ކުއްޖެއްގެ އަތުން އެންމެ ފަސް ރުފިޔާ ނެގި ނަމަވެސް މިހާރުގެ އަގު 100ރ. އަށް މަތިކުރިޔަސް ހެނބަދޫގެ ރައްޔިތުން ތިބީ އުފަލުންނެވެ. އެއީ ވެސް މިހާރުގެ ހާލަތަށް ބަލާއިރު މާ ބޮޑު އެއްޗެއް ނޫނެވެ. އެހެންވެ، އެންމެންގެ މުދިންބެ އަށް މުޅި ރަށް ޝުކުރުވެރިވެ އެވެ.

ދުވަހަކު ވެސް ކުއްޖަކަށް އަދަބެއް ނުދެން!

އާންމު ގޮތެއްގައި އަޑު އިވެނީ ކިޔަވަން ދިޔަ އެދުރުބެ، ނުވަތަ އެދުރު ދައިތައިންދޭ އަދަބުގެ ވާހަކަ އެވެ. ނަމަވެސް މުދިންބެ އަށް އެއީ ރަނގަޅު ކަމެއް ނޫނެވެ.

"ދުވަހަކު ވެސް އަދަބެއް ނުދެން އެއްވެސް ކުއްޖަކަށް. އެއްވެސް ކަހަލަ އަދަބެއް ނުދެން އެއްވެސް ކުއްޖަކަށް،" އޭނާ އެހެން ބުނީ ވެސް ފަހުރުވެރިކަމާ އެކުގަ އެވެ.

ހެނބަދޫ މުދިންބެ: ކިޔަވައިދިނުމުގައި 28 އަހަރު ހޭދަކުރިއިރު ވެސް ކުއްޖަކަށް ދުވަހަކު ވެސް އަދަބެއް ނުދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ހެނބަދޫ މުދިންބެ: ކިޔަވައިދިނުމުގައި 28 އަހަރު ހޭދަކުރިއިރު ވެސް ކުއްޖަކަށް ދުވަހަކު ވެސް އަދަބެއް ނުދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ނަމަވެސް ތަފާތު ކުދިންނަށް ކިޔަވައި ދިނުމަކީ މުދިންބެ އަށް ވެސް ދިމާވި ގޮންޖެހުމެވެކެވެ. އެކަމަކު ކުދިންގެ މިޒާޖު ވެސް ތަފާތުވާނެކަން ވިސްނައިގެން ކިޔަވައިދޭ މީހަކަށް އެއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބޮޑު މަސައްކަތެއް މިއީ. ކުދިންނަށް ކިޔަވައިދިނުން. އެކި މިޒާޖުގެ ކުދިން މި އުޅެނީ،" މުދިންބެ ބުންޏެވެ.

"އަބަދު ވެސް ބަލަނީ ކުދިން ގަޔާވާ ގޮތަކަށް ކިޔަވައި ދެވޭތޯ. ކުދިން ކިޔަވާ ހިތްނުވާ ގޮތަކަށް ކިޔަވައި ދީގެން އެ ކުދިން ކިޔަވާކަށް ނޫޅޭނެ. ފޫހިވާނެ ވަރަށް އަވަހަށް."

ހެނބަދޫ މުދިންބެ "މިހާރު" އާ ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ހެނބަދޫ މުދިންބެ "މިހާރު" އާ ވާހަކަ ދައްކަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މި ރަށު މީހުން ބުނާ ގޮތުން، މުދިންބެގެ ކައިރިން ގުރުއާން ކިޔެވުމާއި އެހެން މީހުން ކައިރިން ކިޔަވައިދިނުން ވަރަށް ތަފާތެވެ.

"މުދިންބެ އަކުރު ބުނެދޭ ގޮތަށް ނޭނގޭ އަސްލު އެހެން މީހުންނަށް ބުނެދޭކަށް. އަޅުގަނޑުގެ ދަރިފުޅަށް ކުރިން ނޭނގޭ ބައިވަރު އެއްޗެހި ދަސްވެއްޖެ މުދިންބެ ކައިރިއަށް ގެންނަން ފެށީމާ. އެންމެ އަހަރެއް މިވީ. މިހާރު ހަތިމުން ބަލައިގެން ކިޔަވަން އެނގޭ ދަރިފުޅަށް."

ހެނބަދޫގައި މިދިޔަ 28 އަހަރު ހަތިމް ކޮށްދިނުމަށް ކުދިންތަކަކަށް އެހީތެރިކަން ދިން މީހެއް ނަމަ ގިނަ ބަޔަކު ހިތްހަމަޖެހުމާ އެކު ފާހަގަކުރަނީ މުދިންބެގެ ނަމެވެ. އެއީ އެތައް ޖީލަކަށް ދެމިގެންދާނެ ހަނދާންތަކެކެވެ. އެހެންވެ، އޭނާގެ އަގު ވަޒަންކޮށް ރަށަށް ކޮންދިން ހިދުމަތަށް ވަނީ އިނާމެއް ވެސް ދީފަ އެވެ. އެހާ ވެސް މި ރަށަށް މުދިންބެ މުހިންމެވެ.