Roadha Mihaaru
"ބަލި މިހާލަތަށް ދިޔައީ ފަރުވާ ކުޑަކޮށް އޮޅުވާލުމުން"

ސްވައިން ފްލޫ މިހާލަތަށް މިދިޔައީ ސިއްހަތާ މެދު ފަރުވާ ކުޑަކޮށް، އޮޅުވައިލުމުން: އެމްޑީޕީ

14 މާޗް 2017

ސްވައިން ފްލޫ ރާއްޖޭގައި ނުރައްކާތެރި ހާލަތަކަށް ދިޔައީ، ރައްޔިތުންގެ ސިއްހަތާ މެދު ސަރުކާރުން ވަރަށް ބޮޑަށް ފަރުވާ ކުޑަ ކޮށް، އޮޅުވައިލުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްވައިން ފްލޫ ރާއްޖޭގައި ނުރައްކާތެރި ހާލަތަކަށް ދިޔައީ، ރައްޔިތުންގެ ސިއްހަތާ މެދު ސަރުކާރުން ވަރަށް ބޮޑަށް ފަރުވާ ކުޑަ ކޮށް، އޮޅުވައިލުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީގެ ހެލްތު އެންޑް ވެލްފެއާ ކޮމެޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ ރާއްޖޭގައި ހަލުވިކަމާ އެކު ސްވައިން ފްލޫ ފެތުރޭތާ ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ. މި ކަން އެނގި ތިބެ، ވަރަށް ބޮޑަށް ސިއްރުކޮށް، ރައްޔިތުންގެ އާއްމު ސިއްހަތަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެއްވެސް ވަރަކަށް މިކަމާ މެދު އަޅާނުލައި އިހުމާލުވުމުގެ ސަބަބުން ސްކޫލްތައް ބަންދުކުރާ ހިސާބަށް މިދިޔައީ،" ޑރ. ޑީޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބަލީގެ ހާލަތު އިންތިހާ އަށް ބޮޑުވެފައި އޮތް އިރު، އިއްޔެގެ ހެނދުނާ ހަމަ އަށް ވެސް ސަރުކާރުން ބޭނުންވީ، އެކަން ސިއްރު ކޮށްފައި ބޭއްވުމަށެވެ. ރައްޔިތުން ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށާއި ނުރައްކަލެއް ނެތް ކަމަށް ބުނެ، އެޗްޕީއޭ އިން ބޭއްވި ނިއުސް ކޮންފަރެންސްގައި އޮޅުވާލީ އެހެންވެގެން ކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވި އެވެ.

އެއްވެސް ކަމެއް ނެތް ކަން ދައްކަން އިއްޔެގެ ހެނދުނު ދެއްކި ވާހަކަތަކުގެ ހަގީގަތް، ރޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހާމަކުރަން ޖެހުނީ ބަލީގެ ހާލަތު ބޮޑުވެ، ރައްޔިތުންނަށް އެކަން އެންގުން ނޫން އިތުރު ގޮތެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ފެތުރޭކަން، ސިއްރުކުރީ އަންނަ ހޮނިހިރުދުވަހު ރާއްޖެ ވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ހުރަސްއެޅިދާނެތީ އެވެ.

ސްވައިން ފްލޫ އިތުރުވަމުން އަންނަ އިރު، އެކަށީގެންވާ ފަރުވާ ރާއްޖޭގައި ދެވޭނެ ގޮތެއް ނެތުމަކީ ވެސް އެމްޑީޕީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، ވަރަށް ބޮޑު އިހުމާލެއް. މިފަދަ އިހުމާލުތައް މިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ހުރިހާ ފުރުސަތުތަކެއް މަޖިލިސް ތެރެއިން ވެސް ބަންދުކޮށްފައިވާތީ. ސަރުކާރު ޒިންމާދާރުކުރުވަން އެއްވެސް ވަޒީރަކާ ސުވާލުކުރުމުގެ ޖާގައެއް ވެސް ނުދޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ.