Roadha Mihaaru

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވި މައްސަލަ އެޖެންޑާކޮށްފި އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

13 މެއި 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ޖުޑިޝަރީ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވި މައްސަލަ އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު އެ މައްސަލައަށް ބަހުސަށް ހޭދަކުރާނެ ވަގުތު ކަނޑައަޅަން އާންމު ކޮމިޓީގެ ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ސިއްރު ބައްދަލުވުމެއްގައި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ނިންމައި، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ. އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މިއަދު ވަނީ ލަފާ ދެއްވައިފަ އެވެ.

އެ ލަފާ ކޮމިޓީއަށް ލިބުމާ އެކު މިއަދު ވަނީ އެކަމާ ގުޅިގެން ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ފިލްޒާގެ ލަފާ ކޮމިޓީން ދިރާސާކުރުމަށް ހުށަހަޅުއްވައިފަ އެވެ. އަދި، ލަފާގައި ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކާ މެދު ކޮމިޓީން ގޮތެއް ނިންމަން ވެސް ހުށަހެޅުއްވި އެވެ.

ކޮމިޓީގެ ނައިބު މުގައްރިރު ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވީ ކޮމިޓީގެ ނިންމުމަށް ބަދަލު ނުގެނެސް، ފިލްޒާގެ ލަފާއާ އެކު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ ހަ މެންބަރުން ވޯޓު ދެއްވި އެވެ. ވޯޓު ނުދެއްވީ ނާޒިލް އެކަންޏެވެ.

ކޮމިޓީއަށް ހުށަހެޅުއްވި ލަފާގައި ފިލްޒާ ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމާ މެދު ގޮތެއް ކަނޑައެޅުމުގައި އެކި މައްސަލަތަކުގައި އެކި ގޮތަށް އަމަލު ކުރެވި، ގާނޫނުއަސާސީ އާއި ގާނޫނުން ކަށަވަރުކޮށްދީފައިވާ އެންމެންނަށް އެއް ހަމައަކުން އަމަލުކުރުމުގެ އުސޫލާ ޖޭއެސްސީން ހިލާފުވެފައިވާ ކަމަށެވެ.

ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާން ކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަނުކޮށް ކަމަށެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.