Roadha Mihaaru

ބްރިޖުމަތީ ހުއްޓިފައި އޮތް ކާރަކާ ހެދި އެކްސިޑެންޓުވެ ފައި ބިނދިއްޖެ

ސިނަމާލޭ ބްރިޖުމަތީ ހުއްޓިފައި އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު ޓްރެފިކް ތޮއްޖެހުނު ވަގުތު ހިނގި އެހެން އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ފަލަމަސްގަނޑުން ބިނދިއްޖެ އެވެ.

ހުއްޓިފައި އޮތް ކާރަކާ ހެދި ނުރައްކާތެރި އެކްސިޑެންޓެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

22 މެއި 2025

ސިނަމާލޭ ބްރިޖުމަތީ ހުއްޓިފައި އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު ޓްރެފިކް ތޮއްޖެހުނު ވަގުތު ހިނގި އެހެން އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ފަލަމަސްގަނޑުން ބިނދިއްޖެ އެވެ.

ފުލުހުން ބުނީ ބްރިޖުގައި "މަޑުކޮށްގެން އޮތް" ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކުރީ ރޭ 9:48 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ކާރު މަޑުކޮށްގެން އޮތީ ހަތަރު ސިގްނަލް ޖައްސަައިގެންނެވެ. އެއީ ވެހިކަލްތަކަށް މައްސަލައެއް ދިމާވުމުން ނުވަތަ އިމަޖެންސީ ހާލަތުގައި ޖައްސާ ސިގްނަލެވެ.

އެކްސިޑެންޓުވީ ހުއްޓާފައި އޮތް ކާރުގެ ފަހަތުން ސައިކަލެއް މަޑުކުރި ވަގުތު އޭގެ ފަހަތުން އައި އެހެން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވި އެވެ.

ފައި ބިނދުނީ މި އެކްސިޑެންޓު ހިނގުމުން ޓްރެފިކް ތޮއްޖެހިފައި އޮތް ވަގުތު އެހެން ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގަ އެވެ. ފައި ބިނދުނީ އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މީހާ އެވެ. ފައި ބިނދުމުގެ އިތުރުން ވެސް އެ މީހާއަށް އިތުރު އަނިޔާތައް ވެފައިވެ އެވެ.

އެ ދެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެެވެ.