Roadha Mihaaru

ދުވާލަކު ހައެއްކަ ސްކޭމް، މިދިޔަ ހަފުތާ އެކަނި ވެސް 481،000 ރުފިޔާ ގެއްލުނު!

އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ އަތުލާ މައްސަލަތަކަށް ބަލާއިރު މިދިޔަ ހަފުތާގައި އެކަނި ވެސް ދުވާލަކަށް ހައެއްކަ ސްކޭމް ހިންގާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 481،500 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދުވާލަކު 6 ސްކޭމް، މިދިޔަ ހަފުތާ 481،000 ނެގި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 މެއި 2025

އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ އަތުލާ މައްސަލަތަކަށް ބަލާއިރު މިދިޔަ ހަފުތާގައި އެކަނި ވެސް ދުވާލަކަށް ހައެއްކަ ސްކޭމް ހިންގާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 481،500 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުގައި ބުނީ މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 45 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ގެއްލުނު 481,520.67ރ. ގެ ތެރެއިން 383,610.08ރ. އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޮޅުވާލައިގެން މީހުންގެ އެކައުންޓްތަކުން ނެގި ފައިސާގެ 80 ޕަސެންޓް ހޯދާފައިވާ އިރު، އޭގެތެރޭގައި އެންމެ ގިނައީ އީ ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތައް ކަމަށެވެ.

ގެއްލުނު ފައިސާގެ 80 ޕަސެންޓު ހޯދާފައިވާއިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމް (ލިންކު ފޮނުވައިގެން ހިންގާ ސްކޭމް)ގެ މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ.

އެ ބާވަތުގެ 26 މައްސަލަ ހުށަހަޅާފައި ވާއިރު ދެން އެންމެ ގިނައީ ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސްގެ 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ވޭތުވެދިޔަ ހަފުތާގައި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތައް

- ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް: 10 މައްސަލަ

- ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް: 5 މައްސަލަ

- އިމްޕާސަނޭޝަން، ފިޝިންގް، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަ: ކޮންމެ ބާވަތަކުން 1 މައްސަލަ

- ވައިބާ: 9 މައްސަލަ

- ފޯނު ކޯލް: 6 މައްސަލަ

އޭގެ އިތުރުން އައިބޭ އާއި މެސެންޖާ އާއި ޓެލެގްރާމުގެ އިތުރުން އިންސްޓަގްރާމް މެދުވެރިކޮށް ވެސް ސްކޭމް ހިންގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވާން އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން، މިވީ ދޮޅު މަސް ދުވަހުގެ ތެރޭގައި 229 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. އެއީ 2.2 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. އޭގެތެރެއިން ރިކަވާކޮށްފައިވަނީ 427،304ރ. އެވެ. އަދި އެ މުއްދަތުގައި 37،155 ޑޮލަރު ގެއްލުނުއިރު 1،641 ޑޮލަރު ރިކަވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަތަކާ ގުޅިގެން 125 އެކައުންޓެއް ފްރީޒްކުރި އެވެ.