Roadha Mihaaru

މައްކާ ރޫޓަކީ ދެ ގައުމުގެ ގުޅުން ދައްކުވައިދޭ ކަމެއް: ރައީސް

ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތަކީ ރާއްޖެ އާއި ސައުދީގެ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މައްކާ ރޫޓުން ދެ ގައުމުގެ ގުޅުން ދައްކުވައިދޭ: ރައީސް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

26 މެއި 2025

ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް އަލަށް ތައާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތަކީ ރާއްޖެ އާއި ސައުދީގެ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ މައްކާ ރޫޓުގެ ފުރުސަތު ސައޫދީން ދެނީ އެ ގައުމަކުން އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ގައުމުތަކަކަށެވެ. އެކަމަކު، އަހަރަކު 1،000 މީހުން ހައްޖަށް ދާ ރާއްޖެ އަށް އެ ފުރުސަތު ވަނީ ދީފަ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. އެ ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އާއި ސައޫދީގެ ފޮރިން މިނިސްޓްރީގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ ވެސް ބައިވެރިވެވަޑައިގަތެވެ.

ވެލާނާ އެއާޕޯޓުގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ލިބުނު ފުރުސަތުން އެނގިގެން ދަނީ ދެ ގައުމުގެ ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ކަމަށެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް

މިއީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސައުދީގެ ސަރުކާރުން ދިވެހި ހައްޖުވެރިންނަށް ހަމަަޖައްސައިދީފައި ވަނީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ކަމަށެވެ.

އެ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރާ ސައުދީގެ ހައްޖު މިނިސްޓްރީއަށާއި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި ސައުދީ އިންޓީރިއާ މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށާއި ހައްޖު ވެރިންގެ ހިދުމަތުގައި މިހާރު ވެސް ދިވެހި ހައްޖު މިޝަނުން އަންނަނީ ސައުދީގައި ހަރަކާތްތެރިވަމުންނެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ، ހައްޖާޖީއަކަށް ޕާސްޕޯޓު ހަވާލުކޮށްދެއްވަނީ-- ފޮޓޯ | ރައީސް އޮފީސް

މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ، ހައްޖާޖީއަކަށް ޕާސްޕޯޓު ހަވާލުކޮށްދެއްވަނީ-- ފޮޓޯ | ރައީސް އޮފީސް

ހައްޖުވެރިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން ސައުދީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ މުޅި އިސްލާމީ އުއްމަތަށް އެ ގައުމުން ދެއްވަމުން ގެންދަވާ ފުރިހަމަ ހިދުމަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.

ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނި 8 ވަނަ ގައުމެވެ. އެހެންވެ، މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.