Roadha Mihaaru

ކަރަންޓުގެ ހިދުމަތް ދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނާކަށް ނެތް: ސްޓެލްކޯ

މިއަދުގެ މެންދުރު 12:40 ހާއިރު މުޅި މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑުނު ނަމަވެސް އެ ދެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނާކަށް ނެތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް ފެންނާކަށް ނެތް

މިއަދުގެ މެންދުރު 12:40 ހާއިރު މުޅި މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑުނު ނަމަވެސް އެ ދެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނާކަށް ނެތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ރާއްޖޭގެ ވެރިރަށް މާލެ ސަރަހައްދުގެ ވަރަށް ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ހަވީރު ބޭއްވި މީޑިއާ ބްރީފިންއެއްގައި ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވީ، މިހާތަނަށް ބެލިއިރުގައި "ބޮޑު އިކުއިޕްމަންޓެއް" ހަލާކުވެ އަދި "ބޮޑު ޓްރާންސްފޯމަރެއް" ގެ މައްސަލަ ވެސް ޖެހިފައި ނެތް ކަމަށެވެ.

"މެއިން އެއްވެސް ނެޓްވޯކެއްގެ މޭޖާ އެއްވެސް ކޮމްޕޯނަންޓެއްގެ މައްސަލައެއް ޖެހިފައެއް ނެތް،" ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނީ، މުޅި މާލެ އާއި ހުޅުމާލެ އިން އެއްކޮށް ކަރަންޓު ކެނޑުނީ އިންޓަކަނެކްޝަންގެ މައްސަލައަކުން ކަމަށާއި އެކަން އަދި ބަލަމުން އަންނަ ކަމަށެވެ. ހަގީގީ މައްސަލަ ދަނެގެވޭނީ ހުރިހާ ސިސްޓަމްތައް އެނަޖައިޒް ކުރުމަށް ފަހު ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ކަރަންޓު އަލުން ދޭން ކަަމަށް ސްޓެލްކޯ އިން ބުންޏެވެ. މުޅި ސިސްޓަމް އެނަޖައިޒް ކުރަން ވެސް ވަގުތު ނަގާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި، މާލެ-ހުޅުމާލޭ ގްރިޑަށް ކަރަންޓު ދެވޭ ވަރުގެ ކެޕޭސިޓީ ވެސް އެބަހުއްޓެވެ.

ނަމަވެސް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވީ، މާލެ އަށް އެކަނި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭ ވަރުގެ ކެޕޭސިޓީ ނެތް ކަމަށާއި އެ ކެޕޭސިޓީ ލިބެނީ މާލެ-ހުޅުމާލެ އިންޓަ ކަނެކްޝަންގެ ގްރިޑުގެ ބޭނުން ކޮށްގެން ކަމަށެވެ. އެކަމަކު، މާލެ އަށް ބޭނުންވާ ވަރަށް ކަރަންޓުގެ ފޯރުކޮށްދިނުމުގައި އެއްވެސް ޝޯޓޭޖެއް ނެތް ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވި އެވެ.

ސްޓެލްކޯ އިން، މީގެ އިރުކޮޅެއް ކުރިން ބުނީ، މާލޭގެ ހުރިހާ ސަރަހައްދަކަށް ފަސް ގަޑިއެއްހާއިރު ފަހުން މިހާރު ކަރަންޓު އަލުން ދީފައިވާ ކަމށެވެ. އަދި ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަޖައިޒް ކޮށްފައި ކަމަށް ބުންޏެވެ.

"މި ދެންނެވި ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އަޅުގަނޑުމެންގެ އިމަޖެންސީ ނަމްބަރު 104 އަށް ގުޅުއްވުން އެދެން،" ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.