Roadha Mihaaru

އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޒުވާން ސްކޮޑު ނަގައިފި

އިންޑިއާގެ ޓެމިލް ނާޑޫގައި މިއަހަރު އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ރާއްޖޭގެ ޒުވާން 18 އަހަރުން ދަށުގެ ސާފިން ޓީމު ހޮވައިފި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ޒުވާން ސްކޮޑު ނަގައިފި

އިންޑިއާގެ ޓެމިލް ނާޑޫގައި މިއަހަރު އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ރާއްޖޭގެ ޒުވާން 18 އަހަރުން ދަށުގެ ސާފިން ޓީމު ހޮވައިފި އެވެ.

އޭޝިއަން ޗެމްޕިއަންޝިޕްސް ޖޫނިއާ ޓްރަޔަލްސްގެ ފައިނަލް ހީޓުގައި ވާދަ ކޮށްފައި ވަނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދު، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. މީގެ ތެރޭން ގައުމީ ސްކޮޑުގެ ޖާގަ ހޯދާފައި ވަނީ ޔަސީން އާއި ކަޔާން ޒަކީ އަދި ކަޔާން އަރީފް އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ކޮލިފައިންގެ ފައިނަލް ހީޓުގައި ޔަސީން އެއް ވަނަ ހޯދާފައި ވަނީ ޖުމްލަ 8.33 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ދެ ވަނަ ލިބުނީ 6.34 ޕޮއިންޓް ހޯދި ކަޔާން ޒަކީ އަށެވެ. ތިން ވަނައިގައި ނިންމި ކަޔާން އަރީފަށް ވަނީ 6.24 ޕޮއިންޓް ލިބިފަ އެވެ. ނޫހް އަށް ލިބުނީ 4.23 ޕޮއިންޓެވެ.

ސެމީގެ ފުރަތަމަ ހީޓުގައި ކަޔާން އަރީފް އާއި ނޫހް ވާދަކުރި ހީޓުގައި ދެން ހިމެނުނީ މިދިޔަ އަހަރުގެ ޖޫނިއާ ލީގު ކާމިޔާބު ކުރި މުހައްމަދު އިނާން އަބްދުލް ހަންނާނެވެ. އަދި ދެ ވަނަ ހީޓުގައި ކަޔާން ޒަކީ އާއި ޔަސީން އާއެކު ދެން ހިމެނުނީ ސައްޔިދު ސަލާހުއްދީން އާއި ހުސެއިން އަޒާން އިސްމާއިލް އެވެ.

މިއީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ބާއްވާ ހަތަރު ވަނަ ފަހަރެވެ. ފާއިތުވި ދެ އަހަރު ދިވެހިރާއްޖޭގެ ކ. ތުލުސްދޫގައި މުބާރާތް ކުރިއަށް ގެންދިޔަ އިރު، ކަޔާން ޒަކީ ވަނީ މިދިޔަ އަހަރުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.

ކަޔާން ވަނީ މި އަހަރުގެ ސީނިއާ ގައުމީ ސްކޮޑުގައި ވެސް ހިމެނިފަ އެވެ. ކަޔާން ޒަކީ އާއެކު ދެން ގައުމީ ސްކޮޑުގައި ހިމެނެނީ ހޫދު އަހުމަދު، އިސްމާއިލް މިގްލާލް، މުހައްމަދު ނަޖާހު، އިސްމާއިލް ރަޝީދު އަދި އަހުމަދު އާގިލް އެވެ.

އޭޝިއަން ޗެމްޕިއަންޝިޕް ޖޫނިއާ ބައިގެ ފައިނަލް ހީޓުގައި ވާދަކުރި ހަތަރު ސާފަރުންނަކީ ވެސް އެމްއެސްއޭ އިން މި އަހަރަށް ހޮވާފައިވާ ޖޫނިއާ ގައުމީ ސްކޮޑުގެ 16 އަހަރުން ދަށުގެ ސާފަރުންނެވެ.

މިގެ އިތުރުން ސްކޮޑުގައި 18 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ވެސް ހަތަރު ސާފަރުން ހިމެނެ އެވެ. އަށާރަ އަހަރުން ދަށުގެ ސާފަރުންނަކީ އިނާނާއި ސައްޔިދުގެ އިތުރުން، އަހުމަދު ލުޒެއިން އާއި އައިކް އަލީ އެވެ. ސާދަ އަހަރުން ދަށުގެ ސާފަރުންނަކީ އަހުމަދު އާލް އާދިލް، އަހުމަދު އައިޝަމް ނިޒާރު، ޝައްފާން އަހުމަދު އަދި ހުސެއިން އަޒާން އިސްމާއިލް އެވެ.