Roadha Mihaaru

ޔުމްނު މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެ އޮތްގޮތަށް އާންމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

17 ޖޫން 2025

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެ އޮތްގޮތަށް އާންމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.

ރައީސް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ރިޕޯޓް އެއްކޮށް، އޮތްގޮތަށް އާންމުކުރަން މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއީ އާދަޔާ ހިލާފު ބޮޑު ހާދިސާއެއް އަދި ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން އުފެއްދި ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓު، ސެންސަރު ކުރުމެއް ނެތި އާންމު ކުރަން ރައީސަކު ނިންމެވި ފުރަތަމަ ފަހަރެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވީ އެ މަހުގެ ފަހުކޮޅު އެވެ. ގާތްގަނޑަކަށް ދެ މަސްދުވަހު އެ ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ތައްޔާރުކުރި ރިޕޯޓް ރައީސަށް ފޮނުވީ މިއަދެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.

އެ ކޮމިޝަނުން ބޭއްވި ހަމައެކަނި މީޑިއާ ބްރީފިންގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މެންޑޭޓުގައި އޮތީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށްފި ތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެކަން ކޮށްފައި ނެތް ނަމަ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރު ވެސް ކުރި އެވެ. އެކަމަކު، ވަކި ހިސާބަކުން ޕްރޮސިކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން އޭނާ ބަންދުން ދޫކޮށްލި އެވެ. އޭގެ ފަހުން މި މަހުގެ ހަތަރު ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ރައުދުގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިންމައި ރައީސް މުއިއްޒަށް އެ ކޮމިޝަންގެ ރިޕޯޓު ފޮނުވިއިރު، ފުލުހުން އެންމެ ފަހުން ވެސް ބުނެފައި ވަނީ މިހާރު މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ބަޔާން ތަހުގީގަށް ނުލިބޭ ކަމަށެވެ. އެކަމަކު، ކޮމިޝަނުން ވަނީ ރައުދުއާ ސުވާލު ކޮށްފަ އެވެ. .