(އާދިއްތަ ދުވަހާ ގުޅޭ)
25 ޖޫން 2025
(އާދިއްތަ ދުވަހާ ގުޅޭ)
"އެކަމަކު އަސްލު އެއީ ތެދެކޭ ދޯ؟" ނާސިފު ބުނެލިއެވެ.
"ނޯ!" ތަންކޮޅެއް ބާރަށް ހިބާ ބުނެލިއެވެ. "ނޯނޯނޯ!"
"ކިތަންމެ ބާރަކަށް ވެސް ތިހެން ބުނެވިދާނެ،" ނާސިފު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އެކަމަކު އަހަންނަކީ ޕާޓް ޓައިމް ލަވަރއަކަށް ނުވާނެ ގޮތެއް ނެތް. ހަމަ އެހެން ހިބާ ހެދީ. ބުނަންތަ ހިބާ! އަހަންނަކީ އެހެން މީހުން ކަހަލަ މީހެއް ނޫނޭ! ހަމަ ތަނަކުން އަންހެނަކު ފެންނަ އިރަށް އަހަރެން ފޯލްއެއް ނުވާނެ. އެހެން ނަމަ މިހާރު ވައިފަކާ ދަރިން ވެސް ތިބޭނެ. ފަހަރެއްގަ ދެ އަނބިން ނޫނީ ތިން އަނބިން ވެސް ތިބެދާނެ. ހިބާއަށް މިހާރު އަހަރެންގެ ލައިފް ސްޓޯރީ އެނގޭނެ. މި ކޮޅަށް އައި ފަހުން ވެސް އަހަންނަށް ކިތައް ޗާންސް ލިބުނު؟"
"ދެން ކީއްވެ އެ ޗާންސް.." ހިބާއަށް ބުނެވުނީ އެ ހިސާބަށެވެ.
"ހިބާއާ ހެދި،" ނާސިފު ބުނެލިއެވެ. "ހިބާ ހަމަ ގަސްތުގަ އަހަންނަށް ގޮވާފަ، ގެނެއްސަ، ބާކީކޮށްލީ! ތީ މެރީކުރަން ރެޑީވެފަ ހުރި މީހެއް. ކީއްވެ އަހަންނަށް ލަނޑެއް ދިނީ؟ ނުބުނާތި އަހަރެން ކޮން އިރަކުހޭ ލޯބިވާ ވާހަކަ ބުނީ. ނުބުނެ ބުނެވޭނެ ހުރިހާ ޓްރިކެއް ހިބާ ބޭނުންކުރި."
ހިބާ އެއްޗެއް ބުނަން އުޅުނެވެ. ނާސިފު އެ ފުރުސަތު ނުދިނީއެވެ.
"އިހަށް މަޑުކުރޭ!" ނާސިފު ބުންޏެވެ. "ލެޓް މީ ފިނިޝް. ހިބާއަކީ ނުލާހިކު ނައިސް، ނުލާހިކު ކިއުޓް ކުއްޖެއް. އެހެން ވެގެން އަހަރެން ފޯލްވީ. ތި ރާއިލަށް ވުރެ މާ ޑީސަންޓް މީހުން ހިބާއަށް ލިބޭނެ."
"ރާހިލް! ނޮޓް ރާއިލް!" ހިބާ ބުންޏެވެ. "އަދި ތި އުޅެނީ އޭނަގެ ނަން ވެސް ރަނގަޅަށް ނޭނގިގެން."
"ވަޓްއެވަރ،" ނާސިފު ބުންޏެވެ. "ހިބާ މެރީކުރަން އެއީ ކާކު؟ ސީރިޔަސްލީ! ތި ގޯސްނަހަދާ ހިބާ! ޕްލީޒް!"
އެ ވަގުތު ފިރިހެނެއްގެ އަޑުއިވުމާ އެކު ހިބާ ފޯނު ކަނޑައިލިއެވެ. ނާސިފު ނިންމީ އެ ތަނަށް ރާހިލް އައީ ކަމުގައެވެ. ފޯނު ބޭއްވުމަށް ފަހު ނާސިފު ކުޑަކޮށް ނުތަނަވަސް ވެސް ވިއެވެ. ދެއްކުނު ބައެއް ވާހަކަތަކާ މެދު ހިތްހަމަނުޖެހުނެވެ. އެ ވާހަކަތައް ނުދެއްކުނު ނަމައޭ ހިތަށް އެރިއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ފުން ނޭވައަކާ އެކު ނާސިފުގެ ހުރިހައި ފިކުރެއް ލުއިކޮށްލިއެވެ.
ނާސިފަށް ރޭގަނޑު ވަރަށް ފަޅެވެ. ކުރިން އުނދަގޫކުރި ހިބާގެ ހިލަމެއް ނުވުމުން، ކުރާނެ ނުކުރާނެ ކަމެއް ނާސިފަކަށް ނޭނގުނެވެ. ޓީވީ ހުޅުވައިލެވެއެވެ. ޗެނަލްތައް ބަދަލުކުރެވެއެވެ. ޓީވީ ނިއްވައިލެވެއެވެ. ފޯނަށް ބަލައިލެވެއެވެ. ސޯފާއިން ތެދުވެ ދެކޮޅަށް ހިނގައިލެވެއެވެ. އަނެއްކާ ވެސް ފޯނަށް ބަލައިލެވެއެވެ. ނާސިފަށް ފެންނަނީ އެ ކޮޓަރީގައި ހިބާ އުޅުނު ގޮތެވެ. ކުރި ކަންތައްތަކެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ ހިބާއެވެ. އިށީނދެލައިގެން އިންދައެވެ. ކޮޅަށް ހުއްޓައެވެ. ސޯފާގައި ނިދައިފައި އޮއްވައެވެ. ހީވަނީ ދޮރުގައި ޓަކިޖަހައިލައިފައި ހިބާ ދެންމެދެންމެ ވަދެދާނެ ހެންނެވެ. އެކަކު ދެކެ ވެސް ލޯބި ނުވާ ވަރަށް ހިބާ ދެކެ ނާސިފަށް ލޯބިވެވިއްޖެއެވެ. ފޫހިވި ހުރިހައި ސިފަތަކެއް ކަމުގޮއްސިއެވެ. އަންހެންކުދިން ކުރުކޮށް ބޯކޮށުމުން ކަމުނުދިޔަ ނާސިފަށް ދިގު އިސްތަށިގަނޑު ދެކެ ފޫހިވެވިއްޖެއެވެ. އެއީ ނާސިފުގެ އަމިއްލަ ނަފުސު ހައިރާންކޮށްލި ކަމެކެވެ. ހުއްޓައިނުލައި ހިބާ ވާހަކަ ދައްކާ ގޮތާއި، ހިނިތުންވެލާ ގޮތް ނާސިފަކަށް ހަނދާން ނައްތައެއް ނުލެވެއެވެ.
އެތައް އިރެއް ވަންދެން ވިސްނަން ސޯފާގައި އޮތުމަށް ފަހު ނާސިފު ތެދުވިއެވެ. ޖެހިގެން ހުރި ހިބާގެ ކޮޓަރީގެ ފާރުގައި ނާސިފު ކަންފަތް ޖެހިއެވެ. ހިބާގެ އަޑުއަހާލާ ހިތުން ނުހުރެވިގެންނެވެ. އެ ކަމެއް ނުވިއެވެ. އެކަމަކު ދޮރުގައި މީހަކު ޓަކިޖަހައިލި އަޑުއިވުނެވެ. ނާސިފު ދުވެފައި ގޮސް ދޮރު ހުޅުވައިލިއެވެ. އެކަކު ވެސް ނެތެވެ. އެއީ ހީއެކެވެ. ދިގު ސަރައްކާލި އޮތީ ފަޅުކޮށެވެ. އެހެނަސް ނާސިފަށް ހީވަނީ ހިބާ އަންނަހެންނެވެ. ލައިގެން ހުރީ، ކަކުލަށް ވުރެ މައްޗަށް އަރިމަތިން ފަޅައިފައިވާ، ދިގު، ކަޅުކުލައިގެ ހެދުމެވެ. ކޮނޑުގައި ހެދުން ހިފޭއްޓިފައި ހުރީ ހިމަ، ދެ ވާފަށުންނެވެ. ފުންނާބު އުސް ފައިވާނުގައި، ސާބިތުކަމާ އެކުގައި ހިނގައިލާފައި އައިސް ހިބާގެ ކޮޓަރިއަށް ވަނެވެ. އެއީ އެއް ރެޔަކު ނާސިފަށް ފެނުނު ހިތްގައިމު މަންޒަރެކެވެ. ނާސިފު ހިތަށް އެރިއެވެ. މާތްވުން ހުއްޓައިލަންވީއެވެ. ތަންކޮޅެއް ހަރުކަށިވުން ނާސިފަށް ހައްގެވެ.
"ޔޫ ޔޫސްޑް މީ!" މެސެޖުގައި ނާސިފު ލިޔެލިއެވެ.
އެ މެސެޖު ފޮނުވަން އުޅެފައި ނާސިފު ހިތަށް އެރިއެވެ. އެހައި ފިނޑިއެއް ނުވާނަމެވެ. ގުޅާފައި ދިމާއަށް އެހެން ބުނެލާނީއެވެ. ދުވަހަކު ވެސް މާފެއް ނުކުރާނަމޭ ވެސް ބުނެލާނަމެވެ. ވާނެ އެއްޗެއް ވެދާނެ ނޫން ހެއްޔެވެ؟
ހަގީގަތުގައި ހިބާ އިނީ ހޮޓަލުގެ ރެސްޓޯރަންޓެއްގައެވެ. އެކަނިމާއެކަންޏެވެ. ރާހިލް އަންނާނަމޭ ބުނެފައިވާތީ، އިރުއިރުކޮޅާ ހިބާ ގަޑިބަލައިލައެވެ. ގުޅާކަށް ނުކެރެއެވެ. ރާހިލް ރުޅި އަތުވެދާނެތީއެވެ. ހިބާއަށް ފެންނަނީ، ޖެހިގެން ހުރި ގޮނޑީގައި ނާސިފު އިން ތަނެވެ. ހިބާއަށް އެނގެއެވެ. އެންމެ ކޯލެއް ކޮށްލާ އިރަށް، ތެޅެމުންފޮޅެމުން ނާސިފު އަންނާނެއެވެ. ހިތާމައަކީ، އެ ކަން ކުރަން ވެސް ހިބާއަށް ނުކެރުމެވެ. ކަންތައް ގޮސްފައިވާ ހިސާބުގެ ސަބަބުންނެވެ.
"ޕޮއް!" މީހަކު ބުނި އަޑުއިވުނެވެ.
ހިބާ ދިޔައީ ސިއްސައިގެންނެވެ. ހެމުންހެމުން ރާހިލް އިށީނެވެ. އޭނަ ގައިން ދުވި ވަހާއި، ހަރަކާތްތައް ހުރި ގޮތުން ހިބާއަށް އިތުރު ހެއްކެއް ބޭނުމެއް ނުވިއެވެ.
"އަޅެ އަނެއްކާ.." ޝަކުވާގެ ރާގަކަށް ހިބާ ބުންޏެވެ. "ރާހީ ބުނީމެއްނު.."
"މި ވަރު،" ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލިން، އިންޗިއެއްގެ ބޮޑުމިން ދައްކައިލަމުން ރާހިލް ބުންޏެވެ.
"މި ހިސާބުން ދެން ނިމުނީ. ޕްރޮމިސް."
"އެންމެ ފަހުން ވެސް ހަމަ ތިހެން ބުނީ!" ހިބާ ބުންޏެވެ. "ދެން އިރުކޮޅަކުން ހަޅޭއްލަވާ.."
"ހިބާ އުޅޭ ވައްތަރުންނެއްނު ހަޅޭއްލަވަންޖެހެނީ،" މޭޒުމަތީގައި އަތުން ޖަހައިފައި ރާހިލް ތަންކޮޅެއް ބާރަށް ބުންޏެވެ. "އަބަދު ކޮންޕްލޭން ނުކޮށްބަލަ! އަހަންނަކީ ސިކްސް ޔިއަރ އޯލްޑެއް ނޫނޭ!"
ހިބާ ތެދުވިއެވެ. މައްސަލަ ދެން ދާނެ މިސްރާބު އެނގޭތީއެވެ.
"ސިޓް!" ރާހިލް އަމުރުކުރިއެވެ.
ލޯ މަރައިލަމުން ހިބާ އިށީނެވެ. އެކަމަކު ރާހިލްއާ ދިމާއަކަށް ނުބަލައެވެ. ހިބާއަށް ފެންނަނީ، އެ ތަނުގައި ދެން ތިބި ބައެއް މީހުން ވައްކަޅިން ހިބާއަށް ބަލާ ތަނެވެ. ތަންކޮޅެއް ރުޅިގަދަވިކަން ރާހިލަށް ވެސް އިހުސާސްކުރެވުނެވެ.
"ހިބާ އަބަދު ކީއްވެގެންތަ އަހަރެންގެ ފޯލްޓް ހޯދަން އުޅެނީ؟" ވިސްނައިދޭ ކަހަލަ ރާގެއްގައި ރާހިލް ބުންޏެވެ.
"ނުކުރާނަމޭ ބުނާ ކަންތައް ކުރާތީ!" ހިތްހަމަނުޖެހިފައި ހިބާ ބުންޏެވެ. "އަހަރެން މިހިރީ އޮފީހުގެ ކޯހެއްގަ އައިސް. ރާހީ ކީއްކުރަން މި ތަނަށް އައިސް ބޮޑު ޑްރާމާއެއް ކުޅެން ތި އުޅެނީ؟"
އެ ވަގުތު ހިބާއަށް ފޯނެއް އައެވެ. ހިބާ ފޯނު ބަލައިލި ވަގުތު ރާހިލް ފޯނު ޖަހައިގަތެވެ. އެއީ ނާސިފުގެ ކޯލެކެވެ. ނަމަކަށް ހިބާ އިނގިރޭސިން ޖަހާފައި އޮތީ "ހިމް" އެވެ.
"ކޮބާ މީގެ މާނައަކީ؟" ހިބާއަށް ފޯނު ދައްކައިލަމުން ރާހިލް ބުންޏެވެ.
"އޭނައެއްނު!" ހިބާ ބުންޏެވެ. "ފިރިހެނަކަށް ހިމް ކިއުމަކީ މައްސަލައެއްހެނެއް އަހަންނަކަށް ހިޔެއްނުވޭ!"
"ހިބާ ކޮށްފިއްޔާ އެއްވެސް ކަމެއް މައްސަލައަކަށް ނުވާނެ،" މޭޒުމައްޗަށް ފޯނު އެއްލަމުން ރާހިލް ބުންޏެވެ.
"މި ތަނަށް ތި އައީ ކޯހެއް ހަދަންތަ ނޫނީ ގޯހެއް ހަދަންތަ؟"
ސޯފާގައި އިށީނދެލައިގެން، ފޯނަށް ބަލަހައްޓައިގެން ނާސިފު އިނެވެ. އެންމެ ފަހުން ފޯނު ކެނޑުނީއެވެ. ނާސިފު ހިތަށް އެރިއެވެ. ނާސިފުގެ ހިތަށް ހިބާ ވަރަށް އަނިޔާކޮށްފިއެވެ. ހިބާއާ ނުލައި ނޫޅެވޭ ވަރު ކޮށްފިއެވެ. އޭނަގެ ހަނދާންތަކުގެ އުސް ފަރުބަދަތަކާ ހެދި ނާސިފަށް އެހެން އެއްޗެއް ނުފެންނަ ވަރު ކޮށްފިއެވެ. އެއީ ގަސްތުގައި ހިބާ ދިން ލަނޑެކެވެ. މީހަކާ މަޝްވަރާނުކޮށް، އެކަނި އިނދެގެން ވިސްނުމުން ނާސިފުގެ މިސްރާބު އެނބުރުނީ ނުބައި މަގަކަށެވެ. ހިތުގައި އުފެދެން ފެށީ ބަދަލުހިފުމުގެ ރޫހެކެވެ. ދަތުރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިބާއަށް ނާސިފު ވީ އެހީއެވެ. ވެއްޓެން ދިޔަ ފުން ވަޅުގަނޑަކުން ހިބާ ސަލާމަތްކޮށްދިނީ ވެސް ނާސިފެވެ. ސިމުކާޑަކީ އިންޑިޔާގައި ތަދުބޭހެކެވެ. އެ ވެސް ހޯދައިދިނީ ނާސިފެވެ. ހިބާ ދަންވަރު ކަމަކު ގުޅައިލިޔަސް ނާސިފު ހުންނަނީ ތައްޔާރަށެވެ. ބަދަލުގައި ހިބާ ދިނީ ކޯޗެއް ހެއްޔެވެ؟ ލަނޑެކެވެ. ކެއްސެކެވެ. ހިބާގެ ހަގީގަތް ނާސިފަށް ނޭނގުނު ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ނަފުރަތުގެ އަލިފާނަށް ބޭނުންވާ ކާނާ ލިބުމުން ނާސިފުގެ ހިތުގައި ހުޅުރޯވިއެވެ.
"އެޑްވާންޓޭޖް ތި ނެގީ!" ނާސިފު ހިތާހިތުން ބުނެލިއެވެ.
ހިބާ އިސްޖަހައިލައިގެން ހިނގާފައި އައިސް ހިބާގެ ކޮޓަރި ކައިރިއަށް ހުއްޓުނެވެ. ރަނގަބީލު ޖަހައިލިއެވެ. އެތެރޭގައި އުޅުނު ރާހިލް ދޮރެއް ނުހުޅުވިއެވެ. އެ ފަދަ ކޮންމެ ދަނޑިވަޅަކު ހިބާއަށް އެހީވަނީ ނާސިފެވެ. ދެން ވެސް ނާސިފު އަންނާނެއެވެ. ނިދޭނެ މަގެއް ހިބާއަށް ތަނަވަސް ކޮށްދޭނެއެވެ. އެހެނަސް، ވަރަށް ބޮޑު ފަލީހަތަކާ ހިބާ ކުރިމަތިލާންޖެހޭނެއެވެ. ނާސިފަށް ރާހިލް ތައާރަފުކޮށްދޭން ހިބާ ދެއްކި ހުރިހައި ވާހަކައެއް އަނެއް ފުށުން ޖެހޭނެއެވެ. އޭގެ އިތުރަށް، ރާހިލްގެ ޝައްކު ޔަގީނަށް ބަދަލުވެ، ބޮޑު ކަންތައްގަނޑެއް ހިނގާނެއެވެ. ދެ ފަހަރަކު ރަނގަބީލު ޖަހައި، ޓަކި ވެސް ޖެހުމަށް ފަހު ރާހިލްއަށް ހިބާ ގުޅައިލިއެވެ.
"ނިދަންއޮއްވައި ނުގުޅަބަލަ!" ރާހިލް ފޯނު ނަގައިފައި ބުންޏެވެ.
"ރާހީ! އަހަންނަށް އިނގޭ ޓީވީ ބަލަންކަން ތިއިނީ،" މަޑުމަޑުން ހިބާ ބުންޏެވެ. "އަޅެ ޕްލީޒް އަހަރެން ވައްދާ! އޯކޭ! ދެން ކޮންޕްލޭނެއް ނުކުރާނަމޭ! މާދަން ކްލާސް ވެސް އޮންނާނެ. ރޫމަށް ނުވަދެވިއްޖެއްޔާ އަހަރެން ކިހިނެއް ނިދާނީ؟"
"ޖެހިގެން ތިހިރަ ރޫމަށް ވަނީމަ ނިމުނީނު!" ރާހިލް ޖެއްސުމަށް ބުނެލިއެވެ. "މި ތާކަށް ވަންނާނެ ކަމެއް ނެތް. ގުޑްނައިޓް!"
ރާހިލް ފޯނު ކަނޑައިލިއެވެ. ހިބާ އަނެއްކާ ވެސް ގުޅިއެވެ. ރާހިލްގެ ފޯނު އޮތީ ނިއްވައިލައިފައެވެ. އެއީ ރާހިލްގެ މިޒާޖެވެ. ހިބާ ފެންކަޅިވެފައި، ދޮރުގައި މަޑުމަޑުން ޓަކިޖަހައިލަޖަހައިލާ ހުރީއެވެ. މާ ބާރަށް ޖަހާކަށް ނުކެރެއެވެ. ނާސިފަށް އިވިދާނެތީއެވެ. ނާސިފު ކޮޓަރީގެ ދޮރު ރަނގަޅަށް ލެއްޕިފައި ހުރިކަން ޔަގީންކުރަން އެ ކޮޓަރިއަށް ބަލައިލި އިރު، ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ނާސިފު ހުރީ ބަލަހައްޓައިގެންނެވެ. ހިނގި ހުރިހައި ކަމެއް ނާސިފަށް ފެނިއްޖެއެވެ. ހިބާ ވަރަށް ލަދުގަތެވެ. ރޮވެން ފެށިއެވެ. ނާސިފު އެހީ ނުވާނެކަން ހިބާއަށް ޔަގީނެވެ.
"އާދޭ!" ނާސިފު އެދުނެވެ. (ނުނިމޭ)