Roadha Mihaaru
ރޯގާގެ ތަފާސްހިސާބުން ފެންނަ އަސްލު މަންޒަރު

ރޯގާގެ ތަފާސްހިސާބުން ފެންނަ އަސްލު މަންޒަރު

26 މާޗް 2017

ހުމާއި އަރިދަފުސް ރޯގާއާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި އެޗް1އެން1 ފެތުރެމުންދާކަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އާންމުންނަށް އެނގުމާ އެކު ކަންބޮޑުވުން އިންތިހާއާއަށް ދިޔަ އެވެ. މި ހާސްކަން އޮތް މިންވަރު އެންމެ ބޮޑަށް ހާމަވީ މިއަދު އެވެ. ސްކޫލް ބަންދަށް ފަހު އަލުން ހުޅުވަން ނިންމިޔަސް ދަރިން ސްކޫލަށް ފޮނުވީ މަދު ބައެކެވެ. މިއީ ރޯގާގެ ހާލަތަށް ވުރެ އާންމުން ގެންފައިވާ ބިރު ބޮޑުވުމުގެ ނަތީޖާހެއްޔެވެ؟

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މި މަހުގެ 14 އިން ފެށިގެން އާންމުކުރަމުން އަންނަ ރޯގާއާ ބެހޭ ތަފާސްހިސާބުން މުޅި ރާއްޖޭގެ ހާލަތު ވަޒަންކޮށްލެވެ އެވެ. ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދަށް އަންނަމުން ދިޔަ ބަދަލާއި އެޗް1އެން1 އަށް ޓެސްޓްކޮށް ޕޮޒިޓިވްވި މީހުންގެ އަދަދު އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު އެނގެ އެވެ.

އެޗްޕީއޭ އިން ހިސާބުތައް ހާމަކުރަން ފެށިއިރު މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ރަށަކުން ކޮންމެ ދުވަހަކު ހާހަކަށް ވުރެ ގިނަ މީހުން ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު މި އަދަދު މިހާރު ވަނީ 300 އާ ހަމަޔަށް ދަށްވެފަ އެވެ. މާލެއިން ދުވާލަކު ހާހެއްހާ މީހުން ރިޕޯޓްކުރި އިރު މިހާރު އެ އަދަދު ވަނީ 250 އާ ހަމަޔަށް ދަށްވެފަ އެވެ. އެންމެ ފުރަތަމަ މުޅި ރާއްޖެއިން ދުވާލަކު ދެ ހާހަށް ވުރެ ގިނަ މީހުން ރިޕޯޓްކުރި ކަމުގައި ވިޔަސް މިހާރު ވަނީ އެ އަދަދު ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ދަށްވެފަ އެވެ.

އާންމު ރޯގާއަށް ވުރެ ކަންބޮޑުވުން އޮތީ އެޗް1އެން1 ފެތުރޭތީ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 501 މީހަކު އެޗް1އެން1 އަށް ޝައްކުވެ ޓެސްޓްކުރި އިރު އޭގެ ތެރެއިން 185 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. ފަސް މީހަކު އޭގެ ތެރެއިން މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ނެރުނު އެންމެ ފަހުގެ ނުވަ ރިޕޯޓަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު 24 މީހަކު އެޗް1އެން1 އަށް ޓެސްޓްކުރި އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އެވްރެޖަކީ 11 އެވެ. އެޗް1އެން1 އަށް ޕޮޒިޓިވްވި އަދަދު އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން އޮތީ 24 އެވެ. އެންމެ ފަހުގެ ރިޕޯޓްގައި 9 އެވެ.

ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު ވަރަށް ބޮޑަށް މަދުވެ އެކަމަކު އެޗް1އެން1 އަށް ޓެސްޓްކުރާ އަދަދު ދާދި އެއްވަރެއްގައި މިހާރު ހުރީ ހިފެހެއްޓިފަ އެވެ. އާދައިގެ ރޯގާއަކާ އެޗް1އެން1 އާ ހުރި ތަފާތު ދެނެގަތުމުގައި ކުރިއަށްވުރެ ހޭލުންތެރިވެފައިވާ ކަމަށް މި ތަފާސް ހިސާބުން ބެލެވެ އެވެ.