މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކޮށް އިއްޔެ ކޮމިޓީން ފާސްކޮށްފައިވީ ނަމަވެސް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ހުށަހެޅުންތައް ހިމަނައިގެން އަނެއްކާ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލު މިއަދު ފާސްކޮށްފި އެވެ.
16 ސެޕްޓެމްބަރ 2025
މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކޮށް އިއްޔެ ކޮމިޓީން ފާސްކޮށްފައިވީ ނަމަވެސް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ހުށަހެޅުންތައް ހިމަނައިގެން އަނެއްކާ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލު މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީން މީގެ އިރުކޮޅެއް ކުރިން ބައްދަލުވުމެއް ބޭއްވީ މީޑިއާ ބިލު އިއްޔެ ފާސްކުރި ފަހުން، އެ ބިލަށް ކައުންސެލް ޖެނެރަލްގެ ރިކޮމެންޑޭޝަންތަކެއް ލިބިގެން އެ ކަންކަން ވެސް ބިލުގައި ހިމެނުމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ އިއްޔެ ފާސްކުރި ބިލުގައި އެއްވެސް ގާނޫނީ ފުށުއެރުންތަކެއް ނެތް ނަމަވެސް ފާސްކުރި ބިލަށް ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ލިބިފައި ވާތީ އެ ލަފާ ވެސް ބިލް ފާސްކުރާއިރު ހިމެނުމަށެވެ.
އެހެންވެ، ޝުޖާއު ހުށަހެޅުއްވި ގޮތަށް ޕީއެންސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރި އެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެކަންޏެވެ.
އެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ، އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް މިއަދު ހަވީރު 4:00 ގައި ޖަލްސާއެއް ތާވަލު ކޮށްފައިވާއިރު، މިހާތަނަށް ވެސް ކޮމިޓީން ފާސްކުރި ބިލުގެ ޑްރާފްޓެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންވެ، ބިލު ވިދާޅުނުވެ، ބިލަށް ވޯޓު ދެއްވާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުމެންނަށް ފައިނަލް ޑްރާފްޓެއް ކިޔާލުމުގެ ފުރުސަތު ދޭން ޖެހޭނެ ނޫންހޭ ޖަލްސާގެ ކުރިއަށް،" ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އިދިކޮޅު މެމްބަރު މީކާއިލް ނުރުހުން ފާޅުކުރައްވައި ވިދާޅުވި އެވެ.
އެކަމަކު ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާ ވިދާޅުވީ އިއްޔެގެ ބައްދަލުވުމަށް ވަޑައިގެންނެވި ނަމަ އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެކަމަކު ދިފާއުގައި މީކާއިލް ވިދާޅުވީ، އެ ފުރުސަތު ގެއްލުވާލީ ކޮމިޓީން ކަންތައް ކުރި ގޮތުން ކަމަށެވެ. ކޮމިޓީގެ ބައްދަލުވުން ބޭއްވި ފްލޯގައި އޭނާ ހުންނެވި ނަމަވެސް އޭނާ އަށް އިއްޔެ ފުރުސަތު ނުދެއްވައި ބިލު ފާސްކުރީ ކަމަށް މީކާއިލް ތުހުމަތު ކުރެއްވި އެވެ.
މީކާއިލް ވަނީ އިއްޔެ ބައްދަލުވުމެއް ބާއްވައި ބިލު ފާސްކޮށްފައިވަނިކޮށް މިއަދު ހުށަހެޅުންތަކެއް ލިބިއްޖެ ނަމަ މިއަދުގެ ޖަލްސާގައި އެއީ ކޮން ހުށަހެޅުންތަކެއްތޯ އެނގެން ޖެހޭ ކަމަށެވެ.
އެކަމަކު، ޖަލްސާގެ ކުރިން ބިލުގެ ޑްރާފްޓެއް ހޯދުމަށް އޭނާ އެދިވަޑައިގަތް ނަމަވެސް އެކަމަށް ބެލުމެއް ނެތި ކޮމިޓީން ބިލު ފާސްކުރީ ވެސް އެކަމާ ދެކޮޅަށް އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށެވެ.
މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިހުގެ އިދާރާ ކައިރީގައި އަޑު އުފުލަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ހިމެނޭ ގޮތަށް 22 ޖަމިއްޔާއަކުން ބިލު އަނބުރާ ގެންދަން ގޮވާލާފައިވާ އެ ބިލާ ގުޅިގެން ހެނދުނުއްސުރެ ނޫސްވެރިން ދަނީ މަޖިލިސް ދޮށުގައި މުޒާހަރާކުރަމުންނެވެ. އަދި ބިލު ފާސްކުރުމަށް ވެސް ގޮވާލައި އެއްބަޔަކު އަންނަނީ މަޖިލިހުގެ އިދާރާގެ ކައިރީގައި އަޑު އުފުލަމުންނެވެ.
މުޒާހަރާގައި ފުލުހުންނާއި ނޫސްވެރިންގެ ކުރިމަތިލުންތަކުގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވެ އެވެ.
މީޑިއާ ބިލު އެކުލަވާލާފައި ވަނީ މިނިވަން މީޑިއާއަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ވަނީ ރައީސަށް ވެސް ހުށަހަޅައިފަ އެވެ. އަދި ބިލު ބޭރުކޮށްލަން އެދި ރައީސާއި މަޖިލީހަށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
މީޑިއާ ކޮމިޝަނުގެ 3 މަގާމަށް 10 ބޭފުޅެއްގެ ނަން
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ކޮމިޓީން ބަލަނީ