ހަތް އަހަރަށް ފަހު ދިވެހި ޕްރިމިއާ ލީގަށް އެނބުރ އައި ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޓީސީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެއްޖެ އެވެ.
19 ސެޕްޓެމްބަރ 2025
ހަތް އަހަރަށް ފަހު ދިވެހި ޕްރިމިއާ ލީގަށް އެނބުރ އައި ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޓީސީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެއްޖެ އެވެ.
ޖެނުއަރީ 2019 ގައި އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން، އެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. ދެވަނަ ޑިވިޝަނުގައި ދެ ފަހަރު ވާދަކޮށް އެ ޓީމު އަލުން ޕްރިމިއާ ލީގަށް އެނބުރި އައީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދޫކޮށްލި ޖާގަ އަށް، ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމަށް ވުމުންނެވެ.
ފުރަތަމަ ޑިވިޝަނަށް، ނިއު އެނބުރި އައި މެޗުގައި އެ ކްލަބްގެ ސަޕޯޓަރުން ވަނީ ބެރު ދުންމާރީގެ އަޑު ފެށިގެން ނިމެންދެން ގުގުމާލާފަ އެވެ.
މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު އިރުފާނެވެ. އޭރިއާގެ ތެރެއަށް ނިއުގެ ކުޅުންތެރިން ނެގި ބޯޅަ ލިބުނީ ރިހާމް އަބްދުލް ޣަނީ (ބޮބީ) އަށެވެ. ރިހާމް އެ ބޯޅަ ޖައްސާލީ އޭރިއާ ބޭރުގައި ހުރި އިރޭ އަށެވެ. އޭނާ ވަނީ އެއް ފަހަރުން ޖަހައި ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ނިއުގެ ދެވަނަ ލަނޑު ހިލޭ ޖެހުމަކުން ވައްދާލީ އަލީ ފާސރު (ސެންޓޭ) އެވެ. އޭރިއާގެ ބޭރުން ލިބުނު ބޯޅަ ސެންޓޭ ފޮނުވާލީ ގޯލްގެ ކަނަށްވާ ގޮތަށެވެ. ޓީސީގެ މިސްރުގެ ކީޕަރު މުހައްމަދު ހަސަން އަލް ބަސްތުވައިސީ އަށް އެ ބޯޅަ އަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
އެ ޓީމުގެ ތިންވަނަ ލަނޑަކީ އޭރިއާގެ ތެރެއިން ސެންޓޭ ހުސްކޮށް އެރުމުން އޭނާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކީޕަރު އަލް ބަސްތުވައިސީ ފައުލު ކުރުމުން ދިން ޕެނަލްޓީ އެވެ.
ސިލްވާ، ޕެނަލްޓީން ނިއުއަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ފަޔާޒް މުސާ/ މިހާރު
ޕެނަލްޓީން އެ ލަނޑު ޖެހީ ބްރެޒިލްގެ ގިލްރޭމީ ސިލްވާ އެވެ.
ނިއުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓްގައި ޖެހީ ސެންޓޭ އެވެ. ގިލްރޭމީ ސިލްވާ ހާފުގެ ތެރެއަށް އެރި ގޮތަށް ބޯޅަ އޭރިއާގެ ތެރެއަށް ނަގައި ދިނީ ސެންޓޭ ކުރީގައި ހުރުމުންނެވެ. އެ ބޯޅަ އަށް ހުރަސް އަޅަން ކީޕަރު އަލް ބަސްތުވައިސީ މަސައްކަތް ކުރި އެވެ. އޭނާގެ އަތުގައި ވެސް ބޯޅަ ޖެހުނެވެ. އެކަމަކު ބޯޅަ އަތަށް ނާރައި ދޫވެގެން ދިޔަ ބޯޅަ ސެންޓޭ ހުހަށް އޮތް ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ނިއުގެ ސެންޓޭ ޓީސީގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ، އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ނިއުގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެގެ ގޮތުގައި ކުޅެން ނުކުތް ހަސަން އަޒޫމް އަލީ އެވެ.
ޓީސީގެ ހާފުގެ މެދެއްހާހިސާބުން ނިއުގެ ނިޒޯން ރަޝޯ ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އަޒޫމް ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ނިއުގެ ހަ ވަނަ ލަނޑު ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އަހްމަދު ވިޖްދާން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހަންނަ ގޯލްގެ ތެރެއަށް ވައްދާލީ ބޮލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއުގެ ސެންޓޭ އެވެ.
ލީގުގައި މިރޭ ނުކުންނާނީ ވިކްޓަރީ އާއި ބުރު ސްޕޯޓްސް އެވެ.
ދިވެހި ލީގުގެ ދޮރު ދިވެހި ކޯޗުންނަށް ބަންދުވެފައި
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
ޓީސީގައި އާތީގެ ފުރަތަމަ މެޗު، އޮޑި އަތުން ބަލި
ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަބުރުން ފުރިހަމަރެކޯޑެއް
ޓީސީ އާއި ގްރީން ހަމަހަމަ!
އިއްބެގެ ގޯލުން ނިއު ބަލިކޮށް އޮޑި ދެވަނައަށް
ޓީސީއާ އެއްވަރުވެ ބުރަށް ހަތަރަކަށް ނޭރުނު!
ނިއުގެ ލީޑަށް ނިމުން ގެނެސް ގްރީންއަށް ޕޮއިންޓެއް!
އީގަލްސް އަށް ފުރަތަމަ މޮޅު!
ނިއު ކޮޅަށް ފުރަތަމަ ގޯލް، ޓީމު މޮޅުކޮށްދިނީ ހަންނަ