Roadha Mihaaru

ފަލަސްތީން ކުޅުންތެރިން އަބަދުވެސް ރާއްޖޭގައި ކުޅޭހިތްވޭ: ކޯޗު

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ފަލަސްތީނުން ކާމިޔާބުކުރިިއިރު ގިނަ ދިވެހިންނެއް ވަނީ ފަލަސްތީނަށް ސަޕޯޓްކޮށްފަ އެވެ. ފަލަސްތީނުން އޭރު ވެސް ރާއްޖެ އަށް އެކަމުގެ ޝުކުރު އަދާކުރި އެވެ. އޭގެ ތިން އަހަރެއްހާ ދުވަސް ފަހުން މާދަމާރޭ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުތުމުގެ ކުރިން ފަލަސްތީނުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނީ އެ ޓީމުގެ ކުޅުންތެރިން އަބަދުވެސް ރާއްޖޭގައި ކުޅޭހިތްވާ ކަމަށެވެ.

ފަލަސްތީނުން އަބަދުވެސް ރާއްޖޭގައި ކުޅޭހިތްވޭ: ކޯޗު
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

27 މާޗް 2017

ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި އޭއެފްސީ ޗެލެންޖް ކަޕް ފަލަސްތީނުން ކާމިޔާބުކުރިިއިރު ގިނަ ދިވެހިންނެއް ވަނީ ފަލަސްތީނަށް ސަޕޯޓްކޮށްފަ އެވެ. ފަލަސްތީނުން އޭރު ވެސް ރާއްޖެ އަށް އެކަމުގެ ޝުކުރު އަދާކުރި އެވެ. އޭގެ ތިން އަހަރެއްހާ ދުވަސް ފަހުން މާދަމާރޭ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުތުމުގެ ކުރިން ފަލަސްތީނުގެ ކޯޗު އަބްދުލް ނާސިރު ބަރަކާތު ބުނީ އެ ޓީމުގެ ކުޅުންތެރިން އަބަދުވެސް ރާއްޖޭގައި ކުޅޭހިތްވާ ކަމަށެވެ.

"އަހަރެމެންނަށް އެނގޭ ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް. އަހަރެމެން ޗެލެންޖް ކަޕްގައި ކުޅުނުއިރު ދަނޑުގައި އަބަދުވެސް އަހަރުންނަށް ސަޕޯޓްކުރަން ދިވެހިން ތިބޭ. ވަރަށް އުފާވޭ އެ މަންޒަރު ފެނުމުން. އަބަދުވެސް ފަލަސްތީނު ކުޅުންތެރިން ރާއްޖޭގައި ކުޅޭހިތްވޭ،" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަރަކާތު ބުންޏެވެ.

އޭނާ ބުނީ ފަލަސްތީނުގެ ކުޅުންތެރިންގެ ހިތުގައި ވެސް ދިވެހި ސަޕޯޓަރުންނަށް ހާއްސަ ޖާގައެއް ދީފައިވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފަލަސްތީނު ކޯޗު ބަރަކާތު (ކ) އާއި އެ ޓީމުގެ ކެޕްޓަން ބައްދާރީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފަލަސްތީނު ކޯޗު ބަރަކާތު (ކ) އާއި އެ ޓީމުގެ ކެޕްޓަން ބައްދާރީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެމެންނަށް ފެނުނު ޗެލެންޖް ކަޕް ޗެމްޕިއަންކަން ފަލަސްތީނުން ހޯދިއިރު ދިވެހިން ވެސް އުފާފާޅުކުރި މަންޒަރު. ރާއްޖެއާ ދެކޮޅަށް ފަލަސްތީނު ކުޅުނު މެޗުގައި ވެސް ބައެއް ދިވެހިން ތިބި ފަލަސްތީނު ޓީމަށް ސަޕޯޓްކުރަން އައިސް. އަހަރެމެންނަކީ ވެސް ދިވެހިންނެކޭ އެއްގޮތަށް މުސްލިމުން. މިއީ އެއްބަޔެއް. ދިވެހިން ވެސް ދެކެނީ އެގޮތަށް،" ބަރަކާތު ބުންޏެވެ.

ފަލަސްތީނު ޓީމާ ބަރަކާތު ހަވާލުވީ 2015 ވަނަ އަހަރު އެވެ. ޗެލެންޖް ކަޕް ކާމިޔާބުކުރި ޓީމުގައި އޭނާ ނުހިމެނެ އެވެ. ޗެލެންޖް ކަޕް ކާމިޔާބު ކުރި ފަލަސްތީނު ޓީމަށް ކުޅުނު އެ ޓީމުގެ މިހާރުގެ ކެޕްޓަން އަބްދުލް ލަތީފް ބައްދާރީ ބުނީ މިއީ އޭނާ އަށް ވެސް ލިބުނު ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރެމެން ޓީމުގައި އެބަތިބި ޗެލެންޖް ކަޕްގައި ކުޅުނު ކުޅުންތެރިން. އެ ކުޅުންތެރިންގެ އެބަހުރި މި ދަނޑުގައި އަހަރެމެން ހޯދި ކާމިޔާބީގެ ހަނދާންތައް. އަހަރެމެން ޗެލެންޖް ކަޕް ފައިނަލުގައި ފިލިޕީންސާ ދެކޮޅަށް ކުޅުނުއިރު މުޅި ރާއްޖެ އޮތީ އަހަރެމެންނާ އެކު. އެދުވަހު ފެނުނު ސަޕޯޓް އަބަދުވެސް ހަނދާން ހުރޭ،" ބައްދާރީ ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކުރި ފަލަސްތީން ޓީމުގައި ހިމެނޭ ފަސް ކުޅުންތެރިން މިހާރު އެ ޓީމުގެ ސްކޮޑުގައި އެބަތިއްބެވެ. ބައްދާރީ ބުނީ އެ ކުޅުންތެރިން ވެސް ދެކެނީ މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއްގެ ގޮތުގައި ކަމަށާއި ބޭނުންވަނީ މޮޅުވާން ކަމަށެވެ.

ޗެލެންޖް ކަޕްގައި ރާއްޖެ އާއި ފަލަސްތީން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މާދަމާގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.