ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ގައުމީ ބޭންކް، ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" މިއަދު ތައާރަފުކޮށްފި އެވެ.
29 އޮކްޓޯބަރ 2025
ރާއްޖެ އާއި ރާއްޖޭން ބޭރުގައި ބޭނުންކުރެވޭ ގޮތަށް ގައުމީ ބޭންކް، ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" މިއަދު ތައާރަފުކޮށްފި އެވެ.
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް އިފްތިތާހުކޮށްދެއްވީ އެ ބޭންކުން މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގެ އިންޓަނޭޝަނަލް ޑިޖިޓަލް ވޮލެޓް "ސްވައިޕް" ތައާރަފުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބީއެމްއެލް އިން ބުނީ އެ ވޮލެޓަކީ ދިވެހި ޒުވާނުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު، ކްރޮސްބޯޑާ ޓްރާންސެކްޝަންތައް ހިންގޭނެ ވަސީލަތެއް ކަމަށެވެ. އެއާ އެކު، ހަރަދު ކުޑަކޮށް، ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދީ އަދި ބޭރު ފައިސާ ހޯދުމަށް ހުރި ދަތިތައް ވެސް ކުޑަކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ވޮލެޓަކީ ދުނިޔޭގެ އެހެން ޑިޖިޓަލް ވޮލެޓްތަކާ އެއްގޮތަށް، ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރެގެން ވެސް، ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ އިންޓަނޭޝަނަލް ވޮލެޓެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ ޑިޖިޓަލް ވޮލެޓާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދައްކައިފަ އެވެ. އެ ޕްރެޒެންޓޭޝަންގައި ވަނީ ޑިޖިޓަލް ވޮލެޓް އެޕްގެ ބައެއް ފީޗާތައް ވެސް ކިޔައިދީފަ އެވެ.
އެ ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި، އެ ވޮލެޓް މެދުވެރިކޮށް އެއްވެސް ފީއަކާނުލައި، ކޮންމެ ގައުމަކުން ވެސް ވަގުތުން ފައިސާ ލިބޭނެ އެވެ. ރާއްޖޭގެ އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމަށް އެހީތެރިވެދޭނެ އެ ވޮލެޓަކީ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. އަދި އެއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރުގެ އުފެއްދުމެކެވެ.
ބީއެމްއެލް އިން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ބީއެމްްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފޮރެކްސް އަދި ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެ ފަސޭހަގޮތްތައް ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ވައުދަކަށް ވާތީ، އެކަން ކުރިއަށް ގެންދިއުމަށް އެ ބޭންކުން އިކޮނޮމިކް މިނިސްޓްރީއާ އެކު މި އަހަރު ކުރީކޮޅުން ފަށައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ސީޓީއޯގެ ބެއްލެވުމުގެ ދަށުން ބޭންކުގެ ޓެކްނޮލޮޖީގެ ޓީމްގެ ތެރެއަށް ރާއްޖޭގައި ތިބި ޓެކްނޮލޮޖީއަށް މޮޅު ޒުވާނުން ގެނެސް، ޓީމެއް އެކުލަވާލައި، މީގެ 12 މަސްދުވަސް ކުރިން އަޅުގަނޑުމެން މަސައްކަތް ފެށިން،" ޝަރީފް ވިދާޅުވި އެވެ.
Introducing Swipe, a new multicurrency digital wallet that offers seamless, instant and secure payments for Maldives and beyond! ?
— Bank of Maldives (@bankofmaldives) October 29, 2025
This 100% Maldivian-developed digital wallet positions the Maldives and its fintech talent on the global digital financial landscape. Swipe… pic.twitter.com/DmqQJVDdSj
އޭގެ ނަތީޖާއަކީ މިއަދު ތައާރަފުކުރި އެ ބޭންކްގެ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ ވޮލެޓްގެ ހިދުމަތް ދޭން ފަށާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެއާ އެކު، ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަށް ބޭރުން ލިބެން ޖެހޭ ފައިސާ އެއްވެސް އިތުރު ޗާޖަކާއި ނުލައި ވަގުތުން ލިބޭނެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެ. ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމަށް އިތުރަށް ފަސޭހަ ވާނެ. ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭނެ،" ޝަރީފް ވިދާޅުވި އެވެ.
"ބީއެމްއެލް އިން އެންމެންގެ ހައްގު ހިމާޔަތްކޮށްދޭނެ"
ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަންގެ ފައިދާ
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ އަގުވަޒަންކޮށް ބައިނަލްއަގްވާމީ އެވޯޑެއް
ބްރާންޗުތަކުގެ މުވައްޒަފުން ފައިނޭންޝަލްއެޑްވައިޒަރުންނަށް
"ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި"
ފްލެޓް އަޅަން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބިން ހަވާލުކޮށްފި
ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަދައިފި
ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭގޮތް ހަދައިފި