ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހުމޫދު ރިޔާޒުގެ ވަޒީފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިޔާދަ ކުރެއްވުމާ އެކު، އޭނާ އަލުން އޮފީހަށް ނުކުންނަވަން މިއަދު ފައްޓަވައިފި އެވެ.
09 ނޮވެމްބަރ 2025
ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހުމޫދު ރިޔާޒުގެ ވަޒީފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިޔާދަ ކުރެއްވުމާ އެކު، އޭނާ އަލުން އޮފީހަށް ނުކުންނަވަން މިއަދު ފައްޓަވައިފި އެވެ.
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރައްވަން ރައީސް މުއިއްޒު ރޭ ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މަނިކުފާނަށް އެ ގޮތަށް ލަފާއަރުވަން މިދިޔަ ބުރާސްފަތި ދުވަހު ނިންމެވުމުންނެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ރައީސްގެ އެ ނިންމެވުމާ އެކު، މަހްމޫދު ރިޔާޒު މިހާރު އޮފީހަށް ނުކުންނަވަން ފަށްޓަވާފައިވާ ކަމަށެވެ.
ކަސްޓަމްސް ގާނޫނުގައިވާ ގޮތުން އެ އިދާރާ އަށް ޑެޕިއުޓީ ކޮމިޝަނަރުން އައްނުކޮށް، ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަށް ވުރެ މަތީ ރޭންކެއްގައި ހުރި ކަސްޓަމްސްގެ މުވައްޒަފަކަށްވުން ހިމެނެ އެވެ. ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް އެ އިސްލާހު ގެނައީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ، ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.
ނަމަވެސް މަހުމޫދު ރިޔާޒު ވެސް އަމިއްލަ ދިފާއުއަށް ނުކުމެވަޑައިގެންނެވިއިރު، ކަސްޓަމްސްގެ ގިނަ އޮފިސަރުންތަކެއް ވެސް ފާޅުގައި ބުނަމުން އައީ އެއީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"މާތްﷲ ގަންދީ ހުވާކުރަން އެއްވެސް ގޯސް އަމަލެއްގައި ބައިވެރިއެއް ނުވަން އަދި ނުވެސް ވާނަން،" މަހުމޫދު ރިޔާޒު މަގާމުން ވަކިކުރުމާ އެކު، ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕުގައި މިދިޔަ މަހުގެ 29 ގައި ލިޔުއްވި މެސެޖުގައި އޭނާ ވިދާޅުވެފައި ވެ އެވެ.
އެ ސަބަބުތަކާ ހެދި، ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު މަގާމުން ވަކިކުރި މައްސަލަ އަލުން ބަލައިދޭން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) 241 ކޮމިޓީ އަށް ހުށަހެޅުއްވި އެވެ.
އެހެންވެ، އެ ކޮމިޓީގެ މެމްބަރުން މިދިޔަ ބުރާސްފަތި ދުވަހު އެއްވެ، އިތުރަށް އެ މައްސަލަ ބެލުމަށް ފަހު ނިންމީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލާގައި މަހުމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެ ނިންމުމާ އެކު، އޭނާގެ މަގާމު އަލުން އިޔާދަ ކޮށްދެއްވަން ރައީސް މުއިއްޒަށް ލަފާއަރުވަން އެ ދުވަހު ކޮމިޓީން ފާސްކުރި އެވެ.
ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލަ 241 ކޮމިޓީން ބެލުމަށް ފަހު ރައީސް މުއިއްޒަށް ފޮނުއްވި ސިއްރު ސިޓީއަކަށް ރިއާޔަތް ކުރައްވައި މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ދެން ވަކިކުރެއްވީ އަބްދުﷲ ވަހީދެވެ.
ނަމަވެސް އަބްދުﷲ ވަހީދުގެ "ބައިވެރިވުން" އެ މައްސަލަތަކުގައި އޮތް ކަން ޔަގީން ކުރެވޭނީ 241 ކޮމިޓީން އިތުރަށް ބަލާނެ ކަމެއް ނެތް ކަމަށް އެ ކޮމިޓީގެ އިސް މެމްބަރަކު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ 241 ކޮމިޓީން ރައީސަށް ފޮނުވި ސިއްރު ސިޓީއާ ހަވާލާދީ، އެ މަނިކުފާނު ވަނީ އެ ކޮމިޓީން ބެލި ސިނގިރޭޓުގެ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ތިން އޮފިސަރަކަށް ވެސް އެ އިދާރާގެ ގާނޫނުގެ ތެރެއިން މައްސަލަ ބަލައި، ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، އެ ތިން އޮފިސަރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފުތާގައި ބުނެފައި ވެ އެވެ.
ކޮމިޓީގެ ލަފައާއެކު މަހުމޫދުރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި
މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ލަފާއަރުވައިފި
ފިޔަވަޅު އެޅީ "ސިއްރު" ވާހަކަތަކަށް ރިއާޔަތްކޮށް
ތިން އޮފިސަރުންގެ ކަންކަން އެބަ ބަލަން: ކަސްޓަމްސް
މަހުމޫދު ވަކިކުރި މައްސަލަ އަލުން ބަލައިދޭން އެދިއްޖެ
މަހުމޫދު ރިޔާޒު ވިދާޅުވީ ކޮރަޕްޓް ނުވާ ކަމަށް
މަޖިލީހުގެ ނިންމުން ތަންފީޒުކުރުމުން ރައީސަށް ޝުކުރު
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް
ވައްކަމާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީން ވަކިކޮށްފި
ސިނގިރެޓް ބޭރުކުރުމުގައި ގުޅުމެއް ނޯންނާނެ: ސިރުހާން