ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
09 ނޮވެމްބަރ 2025
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލާ އެކު، އެ އެއާޕޯޓު ވާނީ އުތުރުގެ ލޭންޑްމާކަކަށެވެ. މިއީ ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮކްޓޯބަރު 1986 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ ފެބްރުއަރީ 2012 ގަ އެވެ. އަދި ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2022 ގަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓުގެ ކުރިމަތީގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ދެ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓްގެ އެތެރެ: އެ އެއާޕޯޓް ތަރައްގީކޮށް މިރޭ ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް މިރޭ ވަނީ ޖައްސައިފަ އެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ. އަދި މިރޭ ވަނީ އެ ރަށުގައި ހަވާ ވެސް އަރުވައިފަ އެވެ.
ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުޚަބާއެއް ކިޔައިފަ އެވެ.
އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓްގެ އެތެރޭގައި ހުރި ކަނޑުގެ ދިރުންތައް ފެންނަ ކުރެހުމެއް: އެ އެއާޕޯޓް ތަރައްގީކޮށް މިރޭ ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
ހަވާ އާއި ޖާފަތާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
ހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ހުޅުވަނީ
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހަދަން އެއްބަސްވުމެއް
ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި
ބިލެތްފަހި އެއާޕޯޓް ދެ އަހަރާ ބައިން ނިންމާނަން:ރައީސް