ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަލަށް އިމާރާތްކޮށް މިހާރު ހަވާލު ކުރަމުން އަންނަ ފްލެޓްތަކުގައި ރެނދުލައި އެކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރަން ފަށައިފި އެވެ.
17 ނޮވެމްބަރ 2025
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަލަށް އިމާރާތްކޮށް މިހާރު ހަވާލު ކުރަމުން އަންނަ ފްލެޓްތަކުގައި ރެނދުލައި އެކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރަން ފަށައިފި އެވެ.
އެފްޑީސީން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން މިވަގުތު މީހުން ދިރިއުޅެނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ވަރަށް މަދު އެޕާޓްމަންޓްތަކެއްގަ އެވެ.
މީގެ ދެ މަހެއްހާ ކުރިން އެ ފްލެޓަށް ބަދަލުވެ، އުޅެން ފެށި ބައެއް މީހުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އިމާރާތްތަކުގެ ބޭރުގެ އިތުރުން އެތެރޭގައި ވެސް ރެނދުލާފައި އެބަހުއްޓެވެ.
ފްލެޓެއްގެ ކުޑަދޮރު ކައިރީގައި ރެނދުލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެތަނުގައި އުޅޭ ބައެއް މީހުން ބުނި ގޮތަށް، މީހުން ދިރިއުޅެން ނުފަށާ ބައެއް ޓަވަރުތަކުގައި ވެސް އެކި ދިމަދިމާލުން ރެނދުލާފައި ހުއްޓާ ފެނެ އެވެ. އޭގެ ތެރޭގައި އަމާން އުދަރެސްގެ 12، 13 އާއި 14 ހިމެނެ އެވެ. މި ތަންތަނުގެ މަސައްކަތް އަދި އެއްކޮށް ނުވެސް ނިމެ އެވެ.
ބައެއް މީހުން ބުނި އިމާރާތުގެ އެތެރޭގައި ރެނދު ހުރުމުގެ ސަބަބުން އެ މައްސަލަ އެފްޑީސީގެ ސަމާލުކަމަށް ވެސް ގެނެސްފައި ވާނެ އެވެ.
ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެޅި ފްލެޓެއްގައި ރެނދުލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، "މިހާރު" އަށް ވިދާޅުވީ ހަމްދާން ވިދާޅުވީ ކޮންމެ އާ އިމާރާތެއްގައި ވެސް ކުދި ރެނދުލުމާއި އެކި މައްސަލަތައް ދިމާވާނެ ކަމަށާއި ވަކިން ހާއްސަކޮށް ޔުޓިލިޓީސް ގުޅައި މީހުން ބަދަލުވެ އުޅެން ފެށުމުން އެފަދަ ކަންކަން ފާހަގަވާނެ ކަމަށެވެ.
ކޮންޓްރެކްޓަރުންނަށް ދީފައި އޮންނަ ޑިފެކްޓް ލަޔަބިލިޓީ ޕީރިއަޑް (ޑީއެލްޕީ) ނުވަތަ އިމާރާތް ނިންމުމަށް ފަހު، ފާހަގަވާ މައްސަލަތައް ހައްލުކުރުމުގެ މުއްދަތުގައި އެ ކަންކަން ރަނގަޅުކުރާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އާ ފްލެޓުގައި ރެނދެއް ލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހަމްދާން ވިދާޅުވީ ކުދި ރެނދުތައް އެހެން ހުރި ކަމުގައި ވިޔަސް ތަނުގެ ސްޓްރެކްޗާގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
"ސްޓްރެކްޗަރަލީ އެއްވެސް ނުރައްކަލެއް ނޯންނާނެ. އެކަމަކު އަޅުގަނޑު އެދެނީ އެތަނުގައި އުޅޭ ފަރާތްތަކަށް ވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ ރިޕޯޓުކުރުމަށް. އޭރުން އަޅުގަނޑުމެންނަށް ވެސް އެޓެންޑް ކުރެވޭނީ." ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީގެ އިންޖީނިއަރިން ޑިޕާޓްމަންޓުގެ ހެޑް، ޗީފް ޑިވެލޮޕްމަންޓް އޮފިސަރު، ހަސަން މާނިހް އުމަރު ވިދާޅުވި ގޮތުގައި އެއީ އެޖް، ޕްލާސްޓާ އަދި ފިނިޝިން ކްރެކްތަކެކެވެ. އެކަން ދިމާވަނީ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއި އިމާރާތް ގުދުރަތީ ގޮތުން ސެޓްލް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އެކަންކަން ވީ އެންމެ އަވަހަކަށް ރަނގަޅުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމާން އުދަރެސްގެ ޓަވަރެއް-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަމާން އުދަރެސްގެ 11، 12 އަދި 13 ވަނަ ޓަވަރަށް މިދިޔަ މަހުގެ 26ގެ ނިޔަލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ވަނީ ނިމިފަ އެވެ. އެ ތިން ޓަވަރަށް ވެސް ފެނުގެ ހިދުމަތްދީ ނިންމާލުމަށް ފަހު، ފްލެޓުތަކުގެ ތަޅުދަނޑި މީހުންނަށް ހަވާލުކުރަން ފަށާނެ އެވެ.
މި 4000 ފްލެޓުގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. އެ މަޝްރޫއުގައި ހިމެނޭ 17-18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ. އެތަން ޑިސެމްބަރުގެ ނިޔަލަށް އެންމެނަށް ހަވާލުކޮށް ނިމޭނެ ކަމަށް ކުރިން އެފްޑީސީން ބުނެފައިވެ އެވެ.
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
ގެދޮރުވެރިޔާ ފްލެޓުތައް ކުއްޔަށް ދޭ ނަމަ އަތުލަނީ
ގެދޮރުވެރިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފަށައިފި
ގެދޮރުވެރިޔާ ސްކީމްގެ ބާކީ ގުރުނެގުން މާދަމާ ބާއްވަނީ
588 މީހަކު ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ
ފްލެޓުތަކުގައި މިހާރު ކުރަނީ ކުރިން އުނިކުރި ކަންކަން
ފްލެޓު ލިސްޓުގައި ސޮއިކުރަން 2،665 މީހުންގެ ނަން