Roadha Mihaaru

ސްނޯ ޕާކު ނަގައި ގޭމު ކުޅޭ ތަނެއް ހަދަނީ

ފިނި މޫސުމުގެ އިހުސާސްތައް ކުރެވޭ ގޮތަށް ސަލްޓަން ޕާކުގައި ހެދި ވިންޓާ ބިލްޑިންގް ނަގައި އެ ތަނުގައި ގޭމު ކުޅޭ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސްނޯ ޕާކު ނަގައި ގޭމު ކުޅޭ ތަނެއް ހަދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 ނޮވެމްބަރ 2025

ފިނި މޫސުމުގެ އިހުސާސްތައް ކުރެވޭ ގޮތަށް ސަލްޓަން ޕާކުގައި ހެދި ވިންޓާ ބިލްޑިންގް ނަގައި އެ ތަނުގައި ގޭމު ކުޅޭ މަރުކަޒެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގެ އިރު ދެކުނު ކަނުގައި ކުރިން ކަޅުވަކަރު މިސްކިތް ހުރި ބިމުގައި ސްނޯ ޕާކެއް ހެދީ ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި ދުވަސްވަރު އެވެ. ޖޫން، 2018 ގައި އެ ތަން ހުޅުވައި ބޭނުންކުރަން ފެށުމުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

ޓިކެޓު ގަނެގެން ވަންނަން ޖެހޭ ގޮތަށް ހުޅުވި ވިންޓާ ތީމް ޕާކު ގިނަ ބަޔަކު ބޭނުންކުރަމުންދިޔަ ނަމަވެސް އެ ޕާކު އޮޕަރޭޓް ކުރަން ހަވާލުކުރި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ނުކޮށް ފަހުން "ފިލީ" އެވެ. އެހެންވެ، އެ މީހުން ހޯދަން 2021 ގައި މާލޭ ސިޓީ ކައުންސިލުން އިއުލާނެއް ވެސް ކުރި އެވެ.

ސަލްޓަން ޕާކުގައި ހުޅުވި ވިންޓަ ތީމް ޕާކު.-- މިހާރު ފައިލް ފޮޓޯ

ސަލްޓަން ޕާކުގައި ހުޅުވި ވިންޓަ ތީމް ޕާކު.-- މިހާރު ފައިލް ފޮޓޯ

އޭގެ ފަހުން އެތަން އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެ އެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި ބައެއް ޒުވާނުން ވަނީ ކުޅިވަރު ކުޅެވޭނެ ތަނެއް މާލޭގައި ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ކުޅިވަރު ކުޅޭ ތަންތަނާއި އީގޭމްސް އާއި އާކޭޑްސް ކަހަލަ ކަންކަމަށް ވެސް މާލޭގައި ޖާގައެއް ނެތުމުން، އެކަން ކުރިއެރުވުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އީސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް ސްނޯ ޕާކު ހިންގި ބިން ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސްނޯ ޕާކު ބޭނުންނުކުރުމުގެ ސަބަބުން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެތަން އަލުން ހަދަން ވެއްޖެ ނަމަ އެކަމަށް ވަރަށް ބޮޑު ހޭދައެއް ހިނގާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެތަން ތަޅާލައި، އީސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމަށް މިހާރު ކުރެވޭ އެއް ކަމަކީ ސަލްޓަން ޕާކުގައި ކުރިން ހުރި ސްނޯ ކުޅިވަރު ކުޅޭ ޕާކެއް ނޫނިއްޔާ ބިލްޑިންއެއް، އެތަން މިހާރު މި ނަގަނީ. އެތަން މިހާރު ހުރީ ހަލާކުވެފައި. ނޫނިއްޔާ މިދިޔަ ސަރުކާރުގައި އެ ތަން ބޭނުންނުކޮށް ހުރީމަ ހުރީ ހަލާކުވެފައި. އެހެންވެ، އެ ތަން އަލުން ހަދަންޏާ އެކަމަށް ކުރާ ހަރަދު ބޮޑުވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ތަން ތަަރައްގީ ކުރާނީ އެކަމާ ގުޅޭ އެސޯސިއޭޝަނާ މަޝްވަރާ ކުރުމަށް ފަހު އެވެ.

"އެހެންވެ، އެތަން ނަގާފައި އެތަނުގައި މި ހަދަނީ އީސްޕޯޓްސް އީގޭމިން. އެސޯސިއޭޝަންގެ ވެސް ލަފަޔާ އެކީގައި އެ ބޭފުޅުންގެ ވެސް ބައިވެރިވުމާ އެކީގައި މަރުކަޒެއް އެބަ ހަދަން،"

ގޭމު ކުޅޭ އިތުރު ތަނެއް ހަދަނީ މާލޭގައި އެމްއެންސްއެލް ފްލެޓުތައް ހުންނަ ސަރަހައްދުގަ އެވެ. ޝީ ބިލްޑިންގް ކައިރީގައި ހުންނަ އެ ދުވަސްވީ ފްލެޓުތައް ތަޅާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ރައީސް ވިދާޅުވި ގޮތުގައި އެއް ބިމުގައި ތަރައްގީ ކުރާނީ އާކޭޑް ގޭމްސް ކުޅެވޭ ކަހަލަ މަރުކަޒެެކެވެ.

"އޭގެ އިތުރަށް ކުރީގެ އެމްއެންސްއެލް ފްލެޓުތަކާއި މިގޮތަށް ހުންނާނެ ބުރުޒު މަގުގައި ބައެއް ގޯތިތައް. އެ ތަންތަން ތަޅާލައި ނިމެނީ. ނިމޭއިރުގައި އެ ތަނުން އެއް ގޯތީގައި މި ހަދަނީ އާކޭޑް ގޭމްސް ކުޅެވޭ ކަހަލަ މަރުކަޒެެއް."

ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަނެއް ބިން ތަރައްގީ ކުރާނީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ހުންނަ ގޮތަށް ކުޑަކުދިންނަށް އެކި ކަހަލަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ކަހަލަ ތަނެއް ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މާލޭގައި ކުދިން ބޭރަށް ނިކުންނާނެ ތަނެއް ނޯންނަ ކަމުގެ ޝަކުވާއަށް ނިމުމެއް ގެނެސް ދެއްވައި ޒުވާނުންނާއި ކުޑަކުދިންނަށް ވެސް އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ފުރުސަތުތައް ފަހިކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ޕްލޭނަކީ އެ ކަހަލަ ކުޅިވަރު ކުޅޭ ތަންތަން ހަދައިދިނުމެވެ. އަދި ފުޓްސެލް އާއި ނެޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތްތަކެއް ވެސް ހަދައިދިނުން ކަމަށް ވިދާޅުވި އެވެ.