ދެހާސް ހަތަރުވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހެވެ. ދަރިވަރުންނަށް މަރުހަބާ ކިޔަން މި ރަށު ސްކޫލް ވެސް އޮތީ ތައްޔާރު ކޮށްފަ އެވެ. އޭގެ ކުރީ ދުވަހާއި އެރޭ މުދައްރިސުން އަވަދިނެތި އުޅުނީ އެ މަސައްކަތުގަ އެވެ. ދަރިވަރުންނާ ބައްދަލުކުރަން އެ މުދައްރިސުން ތިބީ ކެތްމަދުވެފަ އެވެ. އެ ދުވަހަށް ހާއްސަކޮށް ހޯދި އާ ހެދުން ލައި ޒީނަތްތެރިވެގެން، ހެނދުނު ހެނދުނާ ބާރުބާރަށް ހިނގާފައި ޓީޗަރުން ސްކޫލާ ދިމާލަށްދާތަން ފެނެ އެވެ.
28 ނޮވެމްބަރ 2025
ދެހާސް ހަތަރުވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހެވެ. ދަރިވަރުންނަށް މަރުހަބާ ކިޔަން މި ރަށު ސްކޫލް ވެސް އޮތީ ތައްޔާރު ކޮށްފަ އެވެ. އޭގެ ކުރީ ދުވަހާއި އެރޭ މުދައްރިސުން އަވަދިނެތި އުޅުނީ އެ މަސައްކަތުގަ އެވެ. ދަރިވަރުންނާ ބައްދަލުކުރަން އެ މުދައްރިސުން ތިބީ ކެތްމަދުވެފަ އެވެ. އެ ދުވަހަށް ހާއްސަކޮށް ހޯދި އާ ހެދުން ލައި ޒީނަތްތެރިވެގެން، ހެނދުނު ހެނދުނާ ބާރުބާރަށް ހިނގާފައި ޓީޗަރުން ސްކޫލާ ދިމާލަށްދާތަން ފެނެ އެވެ.
އެކަމަކު ރާއްޖޭގެ އެކިކަންކޮޅުތަކުގެ ސްކޫލްތައް ހިންގަވައި ކިޔަވައި ދެއްވުމުގައި ވަގުތުތައް ހުސްކުރެއްވި މި ރަށު، ޔޫސުފް ޒަކަރިއްޔާގެ މިސްރާބު އެ ދުވަހު ހުރީ ސްކޫލާ ދިމާލަކަށް ނޫނެވެ. އޭނާ ލައިގެން ހުރީ ވެސް އާ ހެދުމެއް ނޫނެވެ. ނަލަ ހެދި، ޒީނަތްތެރިއެއް ނުވެ އެވެ. އޭނާ ގަޔަށް މަހާލާފައި ވަނީ އަތް ދިގު ޓީޝާޓެކެވެ. ތިރިން ލައިގެން ހުރީ ޓްރެކްޝޫޓެކެވެ. އޭނާ ނުކުތީ ކޮންސްޓްރަކްޝަން މަސައްކަތަށެވެ.
އެ ނޫނިއްޔާ ދިރާސީ އަހަރެެއްގެ ފުރަތަމަ ދުވަހެއްގައި، ދަރިވަރުންނާ ބައްދަލުކުރަން ނުހުރެވުނު، އަހަރެއް ތައުލީމީ ދާއިރާގައި އޭނާ ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިތުވެފައެއް ނުވެ އެވެ. އެ އަހަރު ހާލަތު ދިމާވި ގޮތުން ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތެއް އޭނާއަކަށް ލިބިވަޑައެއް ނުގެންނެވި އެވެ. އެކި އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތައް ލީޑް ކުރެއްވުމުގައި ހައެއްކަ އަހަރު އޭނާ ހޭދަ ކުރެއްވި އެވެ. އެއީ އޭރު އޭނާ އަށް ދިން ބޮންޑުގެ މުއްދަތެވެ.
ހިދުމަތުގެ އެ ބޮންޑުގެ މުއްދަތު ފުރިހަމަކުރުމަށް ފަހު އޭނާ އުއްމީދު ކުރީ 2004 ގައި ރަށު ސްކޫލަށް ބަދަލުވުމަށެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން އެ އަހަރު ވެސް އޭނާ ފޮނުވަން ހަމަޖައްސާފައި އޮތީ އަނެއްކާވެސް އެހެން ރަށަކަށެވެ. އެކަމަކު އެ ގޮތް އޭނާ ގަބޫލެއް ނުކުރެއްވި އެވެ. މި ރަށަށް ބަދަލުވާން އުޅުމުން އެ އެކަމަށް އެޑިއުކޭޝަން މިނިސްޓްރީ ތަރުހީބެއް ނުލިބު ނުކަމަށް ޔޫސުފް ވިދާޅުވި އެވެ. ރަށަށް ބަދަލުވި ނަމަވެސް ސްކޫލްގެ ވަޒީފާއެއް ނުލިބުނެވެ.
ޔޫސުފް، ސްކޫލްގެ ދަރިވަރުންތަކަކާ އެކު --- ފޮޓޯ: ދިޔަމިގިލިީ ސްކޫލް
"އެޑިއުކޭޝަނުން ވިދާޅުވީ ތި ސްކޫލަކު [ރަށު ސްކޫލްގައި] ނޯވެޔޭ ޕްރިންސިޕަލްކަމުގެ ވަޒީފާއެއް. އެޑިއުކޭޝަނުން މަސައްކަތް ކުރީ އެހެން ރަށަކަށް އަޅުގަނޑު އަނެއްކާވެސް ފޮނުވަން،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު ބޭނުމެއް ނުވި ދާކަށް."
ރަށު ސްކޫލުން ވަޒިފާ ނުލިބުމުން، އޭނާ ނުކުތީ ކޮންސްޓްރަކްޝަން މަސައްކަތަށެވެ. ރަށުގައި އޭރު ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންގެ ގުރޫޕަކާ އެކު އޭނާ ކޮންމެ ދުވަހަކު އެ މަސައްކަތް ކުރި އެވެ.
"ކަޝްމީރުގެ އަހްމަދު [ރަށުގައި އޭރު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެއް] އާ އެކު ކޮންސްޓްރަކްޝަން މަސައްކަތަށް ނުކުތީ،" ޔޫސުފް ވިދާޅުވި އެވެ.
އެހެން ރަށެއްގެ ސްކޫލަކަށް އޭނާ ފޮނުވަން އެޑިއުކޭޝަނުން ނިންމައި ތަކުރާރުކޮށް އެކަމަށް އެދުނު ނަމަވެސް އޭނާގެ ނިންމުން ބަދަލެއް ނުކުރެއްވި އެވެ. އެންމެ ފަހުން އެ މިނިސްޓްރީން ވެސް ހަތިޔާރު ބެހެއްޓި އެވެ.
"އެޑިއުކޭޝަނުން ދެން ވިދާޅުވި ސުޕަވައިޒަރެއްގެ މަގާމަށް ސްކޫލަށް ނުކުންނާށޭ. އެ މަގާމަށް ސްކޫލަށް އެންމެ ފުރަތަމަ ނުކުންނަން ފެށީ،" ޔޫސުފް ވިދާޅުވި އެވެ.
އުމުރުން 56 އަހަރުގެ ޔޫސުފް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ، މިހާރު 30 އަހަރުވީ އެވެ.
ސްކޫލްގެ ރަސްމިއްޔާތެއްގައި ޔޫސުފް ވާހަކަ ދައްކަވަނީ
ވަޒީފާގެ މާހައުލަށް އޭނާ އެންމެ ފުރަތަމަ ނުކުންނެވީ އޭ ލެވެލް ނިންމެވުމަށްފަހު، މީގެ ތިރީހަކަށް އަހަރު ކުރިން، އެއާޕޯޓްގެ މެކޭނިކަލް އިންޖިނިއަރެއްގެ މަގާމަށެވެ. އޭވިއޭޝަން ސިނާއަތުގެ އިންޖިނިއަރިން ދާއިރާއިން ކުރިއަށް ގޮސް މަތީ ހަރުފަތްތަކާ ހަމައަށް ވާސިލުވުމުގެ ފުރުސަތުތައް ވެސް އޭނާގެ ކުރިމަތީގައި އޮތީ ހުޅުވިފަ އެވެ. އެ ދާއިރާއިން ކިޔަވަން ބޭރު ގައުމަކަށް ދިއުމަށް ސްކޮލާޝިޕް ވެސް އޭނާ އަށް ހަމަޖެހުމުގެ ފުރުސަތު އޮތެވެ.
ނަމަވެސް، އެއަށް ވުރެ ބޮޑަށް އޭނާ ވިސްނީ އުފަން ރަށާ މެދުގަ އެވެ. އޭރު، ރާއްޖޭގެ ގިނަ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށް ވެސް، ތައުލީމީ ގޮތުން އޭރު އޮތް ދަށް ހާލަތާ މެދުގަ އެވެ.
އޭނާ ނޫނީ ސާނަވީ އާއި މަތީ ސަނާވީ ފުރިހަމަކޮށްފައި ހުރި މީހަކު ވެސް އޭރު މި ރަށަކު ނެތެވެ.
އެހެންވެ، އެއާޕޯޓްގެ ވަޒީފާ ދޫކޮށްލުމަށް ފަހު ޔޫސުފް ބަދަލުވީ ރަށަށެވެ. ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށި އެވެ. އޭނާ ކިޔަވައި ދިނީ ސްކޫލުގައި އެކަންޏެއް ވެސް ނޫނެވެ. ސްކޫލުން ބޭރުގައި، މަދަރުސީ އުމުރު ފަހަނައަޅައިފައި ތިބި މީހުންނަށް ވެސް އޭނާ ކިޔަވައި ދިނެވެ. ހޭލުންތެރިކަން މަޑުމަޑުން އަންނަން ފެށި އެވެ.
ރަށުން ލިބެން ނެތް ތައުލީމު ހޯދަން މާލެ އަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުން އާއިލާތަކުގެ މެދުގައި އުފެދުނެވެ. ދަރަނިވެރިވެގެން ވެސް ދަރިންނަށް ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެވޭތޯ މި ރަށުގެ ބެލެނިވެރިން އޭރުން ފެށިގެން މަސައްކަތް ކުރި އެވެ. ރަށުގައި ކޮޅަށް ނެގި ގެދޮރާއި ދާއޮހޮރުވައިގެން ބުރަ މަސައްކަތުން އެއްކުރިހާ މުދަލެއް ދޫކޮށް އާއިލާތައް ހިޖުރަ ކުރީ މާލެއަށެވެ. ދަރިންނަށް ސާނަވީ މަރުހަލާ އަށް ކިޔަވައި ދިނުމަށެވެ.
ސްކޫލްގެ ޓީޗަރަކަށް ޔޫސުފް (ކ) ހަނދާނީ ފިލާ ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ދިޔަމިގިލީ ސްކޫލް
"އަޅުގަނޑު އޭލެވެލް ނިންމިތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރުފަހުން މި ރަށަށް ނިސްބަތްވާ އެހެން ކުދީން އޯ ލެވެލް ހެދީ ވެސް،" ރަށުގެ ތައުލީމީ ހާލަތު އޭރު އޮތް ގޮތް ޔޫސުފް ކިޔައި ދެއްވި އެވެ.
ތައުލީމީ ދާއިރާއިން އިތުރަށް ކިޔަވަން ޔޫސުފް ވެސް މާލެ ބަދަލުވި އެވެ. ސާނަވީ މުދައްރިސްކަމުގެ ކޯސް ފުރިހަމަކޮށް ޕްރޮފެޝަނަލް ޓީޗަރެއްގެ ގޮތުގައި ހިދުމަތަށް ނުކުންނެވި އެވެ. އެކަމަކު، އަލުން ރަށަށް އަންނާކަށް އޭނާ އަކަށް ފުރުސަތެއް ނުލިބުނެވެ. އޭރު ހިންގާ ހެޑްމާސްޓަރުކަމުގެ ކޯސް ފުރިހަމަކޮށް ސްކޫލް ހިންގުމުގެ ތަމްރީނުތައް ހާސިލުކުރުމާ އެކު އެޑިއުކޭޝަން މިނިސްޓްރީން އޭނާ ފޮނުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށެވެ. އެ ހިދުމަތުގެ ބޮންޑް ފުރިހަމަ ކުރުމަށް ފަހު ރަށު ސްކޫލަށް ބަދަލުވާން ބޭނުން ވިޔަސް އެ ފުރުސަތު ނުލިބި މަސްތަކެއް އޭނާ ހޭދަ ކުރެއްވި އެވެ.
"ރަށަށް އައިސް އަށެއްކަ މަސް ވަންދެން އުޅުނިން އެ [ކޮންސްޓްރަކްޝަންން] މަސައްކަތް ކުރަން،" ވަޒީފާ ހަމަނުޖެހި ދިޔަ މުއްދަތަށް އިޝާރާތްކޮށް ޔޫސުފް ވާހަކަ ދެއްކެވި އެވެ.
ޕްރިންސިޕަލްކަމުގެ މަގާމުގައި އަނެއްކާވެސް އެހެން ރަށަކަށް ބަދަލުވުމުގެ ފުރުސަތު އޮތް އިރު ވެސް ހަރުފަތެއް ތިރިއަށް ފައިބައިވަޑައިގެން ރަށު ސްކޫލުގެ ސުޕަވައިޒަރުކަމުގެ މަގާމަށް 2004 ގެ މެދުތެރޭގައި ވަޑައިގަތެވެ. ދެވަނަ ފަހަރަށް ރަށު ސްކޫލްގެ ހިދުމަތާ ގުޅިވަޑައިގެން އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ ސާނަވީ މަރުހަލާގެ ކިޔެވުން ރަށުގައި ފެށުމަށެވެ. ރަށުގެ ވެރިންނާއި އެކި ދުވަސްވަރު ސްކޫލު ހިންގެވި ވެރިން އޭގެ ކުރިން ވެސް އެ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް، އެހާތަނަށް ވެސް އެ މަސައްކަތަށް އޮތީ ކާމިޔާބެއް ނުލިބި އެވެ.
ސްކޫލްގެ ބައެއް ޓީޗަރުންނާ އެކު ޔޫސުފް (ކ)
އޭނާގެ ބެލުމުގެ ދަށުން އަލުން އެ މަސައްކަތް ފައްޓަވައި ކާމިޔާބު ކުރެއްވި އެވެ. ދެހާސް ފަހެއްގައި މި ރަށު ސްކޫލްގައި ސާނަވީ އަށް ކިޔަވަން ފެށި އެވެ. ޕްރިންސިޕަލް ކަމުގެ މަގާމަށް އެ އަހަރު އޭނާ ހަމަޖައްސެވި އެވެ. އެވެ. ސްކޫލްގެ ފުރަތަމަ އޯ ލެވެލް އިމްތިހާނަށް 2007 ވަނަ އަހަރު، ދަރިވަރުން ތައްޔާރުވަމުން ދިޔަ އިރު، މަތީ ސާނަވީ އަށް މި ސްކޫލްގައި ކިޔަވައި ދިނުމުގެ ވާހަކަތައް އޭނާ އޭރު ދައްކަވަން ފެއްޓެވި އެވެ.
އެކަމަކު އެއީ ކުރު މަގަކުން ގޮސް ހާސިލު ކުރެވެން އޮތް ކަމަކަށް ނުވި އެވެ. ސްކޫލްގެ އޮފީހުގައި އޭނާ އަށް ހާއްސަ ކެބިންގައި ހަމަޖެހިލައިގެން އިނދެ އޭނާ ކިޔައިދެއްވީ އެ ވާހަކަ އެވެ.
"އަޅުގަނޑުމެން މި އަހަރު މި ފެށީ ގްރޭޑް 11 އަށް ކިޔަވައި ދޭން. އެކަމަކު ހަގީގަތުގައި މިއަށް ވުރެ މާ ކުރިން ވެސް އަޅުގަނޑުމެންނަށް އެކަން ކުރެވުނީސް. އެކަން ކުރެވޭނެ ފެންވަރު އަޅުގަނޑުމެންގެ ސްކޫލުގައި އަދި އެ ގާބިލުކަން ވެސް އަޅުގަނޑުމެންގެ ޓީޗަރުންގެ ކިބައިގައި ވެސް ހުރި،" ޔޫސުފް ވިދާޅުވި އެވެ.
"އޭ ލެވެލް އަށް ކިޔަވައި ދެވޭނެ ގްރެޖްއޭޓް ކޮލިފައިޑް ޓީޗަރުން ވެސް އަޅުގަނޑުމެންގެ ސްކޫލުގައި ހަމައަށް ތިބި. އެކަމަކު އެޑިއުކޭޝަނުން ހުއްދަ ނުދެއްވައިގެން އަހަރަކަށް ފަހު އަހަރެއް ނުފެށި ލަސްވަމުން ދިޔައީ."
ދިޔަމިގިލީ ސްކޫލްގައި އޯ ލެވެލް އަށް ކިޔަވައި ދޭން ފެށުން ފާހަގަ ކުރުމުގެ ގޮތުން، އޭ ލެވެލްގައި ކިޔަވަން ފެށި ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ޔޫސުފް ބައިވެރިވެ ވަޑައިގަންނަވަނީ --- --- ފޮޓޯ: ދިޔަމިގިލީ ސްކޫލް
އޭ ލެވެލް އަށް މި ރަށުގައި މި އަހަރު ކިޔަވައި ދޭން އެ ފެށީ، އޯ ލެވެލް އިމްތިހާނުގައި ގަދަ 10 ގެ ރެކޯޑާއި ދުނިޔޭގެ ވަނަތަކުން ސްކޫލާއި މި ރަށުގެ ނަން ޖަރީކޮށްފަ އެވެ. އަހަރަކަށް ފަހު އަހަރެއް އެ ނަތީޖާތައް ފަށްފަށް ކުރުމަށް ފަހު އެވެ. މިހާރު ހަމަ ކޮންމެ އަހަރަކު، އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި މި ރަށު ސްކޫލުގެ ދަރިވަރުން ހިމެނެ އެވެ.
ދުނިޔޭގެ ފަހުރުވެރި އެއް ވަނަ މި ރަށު ސްކޫލުގެ ދަރިވަރުން ހޯދައިފި އެވެ. ގްރޭޑް ނުވައެއްގައި ކިޔަވަމުން ވެސް، އޯ ލެވަލްގެ އިނގިރޭސި މާއްދާގެ އިމްތިހާނުގައި ރަށު ސްކޫލުގެ ދަރިވަރުން އިށީނދެ ދުނިޔޭގެ އެއްވަނަ ވެސް އެ މާއްދާއިން ހާސިލުކޮށްފި އެވެ.
ސްކޫލްގެ ބައެއް ނަތީޖާތައް
ޔޫސުފް ފާހަގަކުރެއްވި ގޮތުގައި، ވަރުގަދަ އެ ނަތީޖާތައް ސްކޫލުން ހާސިލުކުރުމުގެ ފަހަތުގައި އޮތީ ޓީޗަރުންގެ ބުރަ މަސައްކަތެވެ. އަދި އެ ޓީޗަރުންނަށް މަސައްކަތް ކުރަން ސްކޫލުގެ ހިންގުމުގައި އޮތް މާހައުލަކީ ވެސް އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސްކޫލުގައި މަސައްކަތް ކުރާ ކޮންމެ މީހަކީ ވެސް ލީޑްކުރާ މީހެއް. އެ މީހެއްގެ ދާއިރާގެ މަސައްކަތް އެ މީހަކު އިސް ނަގައިގެން ލީޑްކުރާނެ. ބައެއްކަންކަމަކީ އަމިއްލައަށް އިނިޝިއޭޓީވްގައި ޓީޗަރުންގެ އަމިއްލަކަމެއްގެ ގޮތުގައި ކުރާ ކަންކަން،" ޔޫސުފް ވިދާޅުވި އެވެ.
"މިސާލަކަށް ކުދިންގެ ޔުނީފޯމާ ގުޅޭ ކަންކަން އަދި ފިރިހެން ކުދިންގެ ބޯކޮށަން އެނގުން ފަދަ ކަންތަތަކީ ނީނާ [ސްކޫލް ހެލްތު އޮފިސަރު] ބަލާކަންކަން. އެކަމުގައި ނީނާ އަށް ޑެސިޝަން ނެގޭނެ އަމިއްލައަށް ވެސް. އަދި ނަގާ ޑެސިޝަނަކަށް އަޅުގަނޑުމެން އޮނާ ވެސް ކުރާނެ."
ދިޔަމިގިލީ ސްކޫލްގެ ބައެއް މުދައްރިސުންނާ އެކު ޔޫސުފް --- ފޮޓޯ: ދިޔަމިގިލީ ސްކޫލް
"ސްކޫލުގައި ޓީޗަރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރަން މި އޮތް ސިސްޓަމް. އެއީ ވެސް އަޅުގަނޑު ފާހަގަކުރަން ބޭނުންވާ ކަމެއް،" ޔޫސުފް ވިދާޅުވި އެވެ.
އެހެން ވިދާޅުވެ އެހެން މިސާލެއް ވެސް އޭނާ ދެއްކެވި އެވެ.
"އަޅުގަނޑުމެންގެ އިނގިރޭސި ޓީޗަރު، އެތަކެއް އަހަރުވަންދެން، އެހެން ރަށެއްގައި ވެސް މަސައްކަތް ކުރެއްވި. އެކަމަކު އެ ނަތީޖާތަކެއް އެ ސްކޫލުގައި ނުހޯއްދެވުނު،" އޭނާ ކިޔައި ދެއްވި އެވެ.
"އެކަމަކު، އަޅުގަނޑުމެންގެ ސްކޫލުގެ ދަރިވަރުންނާ އެކު މަސައްކަތް ކުރަން ޓީޗަރަށް އޮތް ފުރުސަތު، ޓީޗަރުންގެ މަސައްކަތަށް އަމިއްލަ އަށް ލީޑް ނަގައިގެން ކުރަން ފުރުސަތު އޮންނާނެ."
ޓީޗަރުންގެ ފެންވަރާއި ގާބިލުކަން ކޮންމެ އަހަރެއްގެ ނަތީޖާތަކުން އެބަ ސާބިތުކޮށްދެ އެވެ.
ސްކޫލްގެ ބައެއް ނަތީޖާތައް
ސްކޫލް ލީޑްކުރައްވަން ޔޫސުފް ރަށަށް ބަދަލުވި އިރު ޓީޗަރުންގެ ގާބިލުކަން ހުރީ ވެސް، އެންމެ އެކަށީގެންވާ ފެންވަރެއްގައެއް ނޫނެވެ. އެ ޓީޗަރުންގެ އެ ހާލަތާ އެކު، ސްކޫލު ބަދަލުކޮށް ނުލެވޭނެ ކަމަށް އެންމެ ފަހަރަކު ވެސް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"އަޅުގަނޑު ވިސްނީ މި ޓީޗަރުން ހުނަރުވެރި އަދި އިލްމީ ބަޔަކަށް ހަދައިގެން ކުރިއަށްދާން. ކޮންމެ ގޮތެއްވިޔަސް މިއީ އަޅުގަނޑުމެން އެއްކޮށް ކުރަން ޖެހޭނެ މަސައްކަތެއް. އަޅުގަނޑުމެންގެ މި ތިބަ ޓީޗަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް،" ޓީޗަރުންގެ ބުރަ މަސައްކަތަށް ޔޫސުފް ތައުރީފު ބަނޑުންކޮށްލެއްވި އެވެ.
"މިއީ ހަމަ އަޅުގަނޑުމެންގެ ޓީޗަރުންނާއި ބެލެނިވެރިން އަދި ރަށުގެ ވެރިންނާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ހުރިހާ ފަރާތެއްގެ އެއްބާރުލުމާ އެކު ކުރާ މަސައްކަތަކުން ނެރޭ ނަތީޖާތަކެއް. ޝައްކެއް ވެސް ނެތް. މިނިސްޓްރީ އޮފް އެޑިއުކޭޝަން އަބަދުވެސް ދާން ޖެހޭ މިސްރާބު ދައްކަވާ."
ސްކޫލްގެ ރަސްމިއްޔާތެއްގައި ޔޫސުފް ވާހަކަ ދައްކަވަނީ --- ފޮޓޯ: ދިޔަމިގިލީ ސްކޫލް
ޓީޗަރުންގެ ގާބިލުކަމާއި ފެންވަރު މައްޗެވެ. ސްކޫލުގައި ގިނަ ވަސީލަތްތަކާއި އެކަށީގެންވާ އިމާރާތްތަކެއް ނެތަސް އެ ނަތީޖާތައް އެ ނެރެނީ އެ ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުންނެވެ. އިމާރާތުގެ ދަތިކަން ސްކޫލަށް އޮތީ އިންތިހާއަށް ކުރިމަތިވެފަ އެވެ. ހަދަން ފަށާފައި ހުރި އިމާރާތް ހުރީ ހުއްޓިފަ އެވެ. އެ މަސައްކަތް އަލުން ފެށޭނެ ދުވަހެއް ވެސް ނޭނގެ އެވެ.
އެ މަސައްކަތް ނުނިމިއްޖެނަމަ، މިހާރު "ސެމީ" - އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލު އަންނަ އަހަރު "ފުރިހަމަ" ދެ ދަންފަޅިއަށް ބަދަލު ކުރަން ޖެހިދާނެކަމުގެ ކަންބޮޑުވުން ސްކޫލްގެ ބެލެނިވެރިން ވެސް ފާހަގަ ކުރެ އެވެ.
ސްކޫލުން ކޮންމެ އަހަރަކު ނެރެމުންދާ ކުލަގަދަ ނަތީޖާތަކުން ރަށަށް ލިބޭ ރީތި ނަމާއި ސްކޫލްގެ ޓީޗަރުންގެ މަސައްކަތް، މާލޭގައި ދިރިއުޅެމުންދާ ރަށުގެ ބައެއް އާއިލާތަކަށް ފެންނަން ފެށި އެވެ.
ސްކޫލްގެ ބައެއް ނަތީޖާތައް
މާލޭގައި ދާއީމީކޮށް ދިރިއުޅުނު އާއިލާތައް ދަރިންނަށް ކިޔަވައި ދޭން ރަށަށް ބަދަލުވި އެވެ. ކައިރީ ރަށްރަށުގެ ކުދިން ވެސް ސާނަވީ މަރުހަލާ އަށް ކިޔަވަން މި ރަށަށް ބަދަލުވެ އެވެ.
ޔޫސުފް ވިދާޅުވި ގޮތުގައި ރަށު ސްކޫލަށް ބަދަލުވާން މާ ދުރު ރަށްރަށުގެ ބެލެނިވެރިން ވެސް ބޭނުންވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކޫލުގެ ނަތީޖާތައް ރަނގަޅުވުމުން މި ސްކޫލަށް ބަދަލުވާން މާ ދުރު ރަށްރަށުން ބައެއް ބެލެނިވެރިން ވެސް އޭނާ އަށް ގުޅަ އެވެ.
ޔޫސުފް، ސްކޫލްގެ ބައެއް ދަރިވަރެގެ ޔުނީފޯ،ްގައި ބެޖެއް ހަރުކޮށްދެއްވަނީ
"[ޕްރިންސިޕަލްއެއްގެ ގޮތުގައި] އަޅުގަނޑު މަސައްކަތް ކުރި ބައެއް ރަށްރަށުގެ ބެލެނިވެރިން އަޅުގަނޑަށް ގުޅި އެ މީހުންގެ ދަރިން އަޅުގަނޑުމެންގެ ސްކޫލަށް ބަދަލުވާން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ ފުރުސަތު ފަހިކޮށްދެވޭނެ ގޮތެއް މި ރަށުގައި ނެތެވެ. އިމާރާތުގެ ގޮތުން ސްކޫލަށް ގިނަގޮންޖެހުންތަކެއް އޮތީ ކުރިމަތި ވެފަ އެވެ.
"ޢިމާރާތުގެ ގޮތުން ސްކޫލަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައި މިވަނީ. މިހާރު ތިބި 214 އެއްހާ ދަރިވަރުންނަށް ވެސް، އެންމެ ހެޔޮގޮތުގައި، ކޭޓާ ކުރެވޭނެ ގޮތެއް އަޅުގަނޑުމެންގެ ސްކޫލަކު ނެތް،" ޔޫސުފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިމާރާތުގެ ދަތިކަން އެ ސްކޫލަށް ކުރިމަތިވެފައި ނެތް ނަމަ، އެޑިއުކޭޝަނަލް ލޯކަލް ޓުއަރިޒަމްގެ ހަބަކަށް މި ރަށް ބަދަލުކޮށްލެވުނީހެވެ.
ސްކޫލްގެ ބައެއް ނަތީޖާތައް
"އެހެން ރަށްރަށުގެ މީހުން މި ރަށަށް ބަދަލުވެ އެ މީހުންގެ ދަރިން މި ސްކޫލުން ކިޔަވަން ބޭނުންވާނެ އެކަޑަމިކް ސްޓޭންޑަޑްގައި އަޅުގަނޑުމެންގެ ސްކޫލު މިހާރު ފަންކްޝަން ވަމުން އެ ދަނީ،" ޔޫސުފް ވިދާޅުވި އެވެ.
ސްކޫލުގެ އެކަޑަމިކް މިންގަނޑުގައި އެ ހަކަތަ އާއި ބުންވަރު އެބަހުއްޓެވެ. އެކަން މި ރަށު ސްކޫލުގެ ނަތީޖާތަކުން ކޮންމެ އަހަރަކު އެދަނީ ދައްކަމުންނެވެ. ނަމަވެސް އިމާރާތުގެ ގޮތުން ސްކޫލަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
"އިމާރާތާއި ދޭތެރޭ އޮތް ހިތްހަމަޖެހުމަކީ، 2026 ގެ ދިރާސީ އަހަރު ފަށާއިރު މިހާރު ސްކޫލުގައި އިމާރާތް ކުރަން ފަށާފައިވާ 10 ކްލާސްރޫމުގެ އިމާރާތް ބޭނުންކުރެވޭވަރަށް ނިންމަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުން،" އުއްމީދާ އެކު ޔޫސުފް ވިދާޅުވި އެވެ.
ދިޔަމިގިލީ ސްކޫލްގެ ބައެއް ދަރިވަރުން
މި ރަށާ އެއް ފަޅެއްގައި އޮތް މަޑިފުށި ކޯޒުވޭއަކުން މިރަށާ ގުޅާލުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޔޫސުފް ގަބޫލުކުރައްވާ ގޮތުގައި އެ ކޯޒްވޭއާ އެކު މަޑިފުށި އަދި ދިޔަމިގިލި އިލްމާއި ހިލްމް ފޯރުކޮށްދިނުމުގެ ގޮތުން އެއް ރަށަކަށް ވީ އެވެ. ގިނަ އަދަދެއްގެ ދަރިވަރުންނަށް އިލްމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުނީ އެވެ. އެ ދަރިވަރުންނަށް މަރުހަބާ ކިޔަން ސްކޫލުގެ މެނޭޖްމެންޓުން ވެސް އޮތީ ތައްޔާރަށެވެ. އެކަން ފަހިކުރަން އިމާރާތުގެ ގޮތުން ތަނަވަސް މާހައުލެއް ސްކޫލަށް މުހިންމު ވާނެ ކަމަށް ޔޫސުފް ވިދާޅުވި އެވެ.
ކޯޒުވޭއާ އެކު ދެ ރަށް ގުޅާލުމުން ތަޢުލީމީ ގޮތުން ދެރަށަށް ވެސް ހާސިލުކޮށް ދޭން ބޭނުންވާ އެހެން އުއްމީދެއް ވެސް އޭނާ ފާޅުކުރެއްވި އެވެ.
ސްކޫލްގެ ބައެއް ނަތީޖާތައް
މި އިންޓަވިއު ނިންމާލާފައި އަހަރެން ނުކުންނަން ހިނގައި ގަތުމުން އަހަންނަށް މަގުދެއްކުމަށް ސްކޫލްގެ މައި ދޮރާ ހަމައަށް އަހަންނާ އެކު އޭނާ ވަޑައިގެންނެވި އެވެ.
މަތީ ތައުލީމުގެ އިންސްޓްޓިއުޓެއް ނުވަތަ ކޮލެޖެއްގެ ކެމްޕަހެއް ސްކޫލާ ގުޅިގެން މި ދެ ރަށަށް ފުރުސަތު ފަހިވާގޮތަށް ހިންގުމުގެ އުއްމީދު ދެމުން، އޭނާ ހިނގައިގަތީ އެނބުރި ސްކޫލްގެ އޮފީހާ ދިމާލަށެވެ.
މި ރަށުގެ ތައުލީމު ބަދަލުކޮށްލަން އޭނާ މިހާތަނަށް ކުރެއްވި މަސައްކަތްތަކުގައި ކާމިޔާބު ހޯދައްވައިފި އެވެ. ދެން އޮތީ، މަތީ ތައުލީމުގެ އިންސްޓްޓިއުޓެއް މި ރަށުގައި ގާއިމުކުރުމުގެ އުއްމީދެވެ. މި ރަށުގެ ތައުލީމު ބަދަލުކޮށްލައްވަން އޭނާ މިހާތަނަށް ކުރެއްވި މަސައްކަތްތަކަށް ބަލާއިރު އެއީ މި ރަށަށް ހާސިލުކޮށް ނުދެވޭނެ ކަމެއް ނޫނެވެ. އޭނާ އެ ހުންނެވީ އެ އުއްމީދުގަ އެވެ. އަދި ގޮތެއްގަ އެވެ.
ދިވެއްސަކަށް 60 އަހަރުގައި ޑިގްރީ!
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ސްކޫލްތަކުން ވޭޕް ސްޓިކް ނުފެނެއޭ ބުނާވަރަށް މަދުވެއްޖެ
ޑޮލަރު ލިމިޓްގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓްރީއަށް
ހާއްސައެހީ ބޭނުންވާ ކުދިންގެ ތައުލީމަށް ބޮޑު މަޝްރޫއެއް
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
ވަޒީފާއަށް އަހުލުވެރިކުރުވަން ޣިޔާސުއްދީންގައި ޕްރޮގްރާމް
ދިރާސީ އަހަރު ދަރިވަރުން ނުކުންނާނީ އޭސީ ކްލާސްތަކަށް