Roadha Mihaaru

ނާއިމްގެ ހެޓްރިކުން ފަހަތުން އަރައި ވެލެންސިއާ ބަލިކޮށް ބުރު ހަތަރަކަށް

މުހައްމަދު ނާއިމްގެ ހެޓްރިކުން ފަހަތުން އަރައި 4-1 އިން ކްލަބް ވެލެންސިއާ ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް ބޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.

ފަހަތުން އަރައި ވެލެންސިއާ ބަލިކޮށް ބުރު ހަތަރަކަށް

މުހައްމަދު ނާއިމްގެ ހެޓްރިކުން ފަހަތުން އަރައި 4-1 އިން ކްލަބް ވެލެންސިއާ ބަލިކޮށް ބުރު ސްޕޯޓްސް ކްލަބް ބޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ތާވަލްގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާ ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އީތަން އިބްރާހިމް ޒަކީ ނަގައިދިން ކޯނަރެއް ބޮލުން ޖަހައި މި ލަނޑު ޖަހައިދިނީ އަހުމަދު އަތުވާން އަލީ އެވެ. މިއީ އޭނާ ލީގުގައި ޖެހި ދެވަނަ ގޯލެވެ.

ވެލެންސިއާގެ ލަނޑަށް ފަހު ބުރުން ކުރިއަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލެއް ޖެހުނީ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ނާއިމް ވަނީ ގޯލުގެ ތިރީ ކަމަށް އަމާޒުކޮށް ބުރަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ބުރުން ނަތީޖާ އެއްވަރު ކުރުމމުގެ ކުރިން ފޮނުވާލި ގިނަ ހަމަލާތައް ވެލެންސިއާގެ ކީޕަރު ވިއޯރެލް ބޮއިއާން ވަނީ ދިފާއު ކޮށްފަ އެވެ. ނާއިމް އާއި އަރީން އަބްދުﷲ އިބްރާހިމް އަދި ހަޑްސަން ޖީސަސް ފޮނުވާލި ހަމަލާތަކެއް ކީޕަރު ދިފާއު ކުރި އިރު، އަރީންގެ ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.

ބުރުން ލީޑު ނެގީ 66 ވަނަ މިނިޓުގަ އެވެ. އަރީން އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރެއް ކައިރިން ނައްޓާފައި ގޯލު ކުރިމައްޗަށް ހުސް ކޮށްލި ބޯޅަ ގޯލަށް ފޮނުވާލީ ނާއިމް އެވެ. އޭގެ ތިން މިނިޓު ފަހުން ހަޑްސަން ތަނަވަސް ކުރި ފުރުސަތެއްގައި ބުރުގެ ތިންވަނަ ލަނޑު ކެޕްޓަން އަލީ ހަމްދާން ޖެހީ ކީޕަރު ކައިރިން ޗެޕެއް ޖަހައެވެ.

ނާއިމް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 77 ވަނަ މިނިޓުގަ އެވެ. އޭނާ ވަނީ އިބްރާހިމް އުސާމާ ހަސަން މަޖީދު އޭރިއާ ތެރެއަށް ވަދެ ދިން ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ މަތީ ދާގަނޑަށް އަމާޒު ކޮށްލައިފަ އެވެ. މިއީ ނާއިމް ލީގުގައި ޖެހި ހަތްވަނަ ގޯލެވެ.

މި ނަތީޖާއާ އެކު ބުރު ހަތަރުވަނައަށް ޖެހިލީ ނުވަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތީ 17 ޕޮއިންޓް ލިބިފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ރޭ ވިކްޓަރީ ސްޕޯތްސް ކްލަބާ އެއްވަރުވެ، 13 ޕޮއިންޓް ލިބުނު ކްލަބް އީގަލްސް ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ. އަދި ހަވަނައިގައި އޮތް ވިކްޓަރީ އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ އޮތީ ހަތް ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗު މާދަމާ ހަވީރު ކުޅޭނެ އެވެ. ހަވީރު 3:50 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.