Roadha Mihaaru

ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭ ބިލް ތަސްދީގު ކުރައްވައިފި، އަމަލުކުރާނީ ތިން މަސް ފަހުން

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

06 ޑިސެމްބަރ 2025

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރާ ދުވަހުން ފެށިގެން ތިން މަސް ހަމަވާ ދުވަހު އެވެ.

އެއާ އެކު، ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ތިން މަސް ފަހުން ކަނޑައެޅޭނެ އެވެ.

އެ އިސްލާހު ގެނައުމުގެ މަގުސަދެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމާއި އެ ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް އިސްކަންދީ، ހެޔޮގޮތުގައި މުޖުތަމައުއަށް އަނބުރާ ނެރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

އެ އިސްލާހާ އެކު، އެ މީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ އަދި އެ މީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެެ އެވެ.

މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން.

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން.

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު 1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން.

އެ ބިލުގައި ބުނާގޮތުން އެފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ޖެހޭނެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ޓެސްޓުކޮށް، އެއީ މަސްތުވާތަކެތިކަން ކަށަވަރުކުރަނީ.---ފައިލް ފޮޓޯ: މިހާރު

ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމުގެ ކުރިން ޓެސްޓުކޮށް، އެއީ މަސްތުވާތަކެތިކަން ކަށަވަރުކުރަނީ.---ފައިލް ފޮޓޯ: މިހާރު

ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ.

ނަމަވެސް މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލްގައި ވަނީ ހިމަނައިފަ އެވެ. ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް އާ އިސްލާހުގައި ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.

ގާނޫނަށް ގެނައި އާ އިސްލާހުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހަށް އަމަލު ކުރަން ފެށުމާ އެކު ނުދެވޭނެ އެވެ.

މިއަދު ތަސްދީގު ކުރެއްވި ބިލުގައި ބުނާގޮތުން ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.