Roadha Mihaaru

ނިއުއަށް ބަދަލުވާނެކަމަށް ބެލެވުނު ރިޒޭ ލޯނު ޓްރާންސްފާގައި ވިކްޓަރީ އަށް!

ނިއު ރޭޑިއަންޓަށް ސޮއި ކުރާނެކަމަށް ބެލެވުނު، ފޯވާޑް އަހްމަދު ރިޒްވާން، އީގަލްސް ދޫކޮށް ލޯނު އުސޫލުން ވިކްޓަރީ އަށް ބަދަލުވެއްޖެ އެވެ.

ނިއުގެ ހުށަހެޅުން ހަމަނުޖެހި، ރިޒޭ ވިކްޓަރީއަށް!
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 ޑިސެމްބަރ 2025

ނިއު ރޭޑިއަންޓަށް ސޮއި ކުރާނެކަމަށް ބެލެވުނު، ފޯވާޑް އަހްމަދު ރިޒްވާން، އީގަލްސް ދޫކޮށް ލޯނު އުސޫލުން ވިކްޓަރީ އަށް ބަދަލުވެއްޖެ އެވެ.

ރިޒޭގެ ޓްރާންސްފާ އަށް ނިއުންއިން އީގަލްސްއާ އެކު މަޝްވަރާތަކެއް ކުރި އެވެ. ރިޒޭގެ ނިއު އަށް ގެންދަން މަސައްކަތްކުރާކަމަށް ނިއުގެ އޮފިޝަލަކު، މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ބުންޏެވެ.

"މިހާރު" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިއު އާއި އީގަލްސްގެ ވާހަކަތައް ހުއްޓުނީ ރިޒޭ، ނިއު އަށް ދޫކޮށްލުމަށް ފަހު ބަދަލުގައި ނިއުގެ އެހެން ކުޅުންތެރިޔަކު އީގަލްސް އަށް ބަދަލުވާން އެ ކްލަބުން ހުށަހެޅުމުން، ނިއު އަށް އެކަމާ މެދު އެއްބަސްބުވެވުމުންނެވެ.

އެކަމަކު ވިކްޓަރީއާ އެކު އީގަލްސްއިން ކުރި މުއާމަލާތްތަކުގައި ބަދަލުގައި ވިކްޓަރީގެ ކުޅުންތެރިޔަކު އީގަލްސް އަށް ބަދަލުކުރަން ހުށަހަޅާފައި ނުވެ އެވެ. ނަމަވެސް އީގަލްސްއިން ދެކޮޅަށް ވިކްޓަރީން ކުޅޭ މެޗުތަކުގައި ރިޒޭ ބޭނުން ނުކުރުމަށް އީގަލްސްއިން ވިކްޓަރީ އަށް ޝަރުތުކޮށްފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އީގަލްސްގެ އެ ޝަރުތަށް ވިކްޓަރީން ވަނީ އެއްބަސްވެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން މާދަމާ ފަށާނެ އެވެ. އެ ބުރުގެ ފުރަތަމަ މެޗުގައި ވިކްޓަރީން ނުކުންނާނީ ވެސް އީގަލްސްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.

ރިޒޭ މިއަދު ވިކްޓަރީ އަށް ސޮއި ކުރީ ލޯނު އުސޫލުން، މި ސީޒަނުގެ ނިޔަލަށެވެ.

ވިކްޓަރީން ވަނީ ސީރިއާގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ދޫކޮށްލުމަށް ފަހު ނޭޕާލްގެ އެއްވަނަ ކީޕަރު ކިރަން ޗެމްޗޮން ސޮއި ކުރުވާފަ އެވެ.

ކިރަން މީގެ ކުރިން ވަނީ ޓީސީ އާއި މާޒިޔާ އަށް ވެސް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ކުޅުނީ ބަންގްލަދޭޝް ލީގުގައި ވާދަކުރާ އެ ގައުމުގެ ޕޮލިސް ކްލަބަށެވެ.