ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުންދަށުގެ މުބާރާތް ރާއްޖޭގައި ބާއްވަން ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރުސަތު ދީފި އެވެ.
11 ޑިސެމްބަރ 2025
ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުންދަށުގެ މުބާރާތް ރާއްޖޭގައި ބާއްވަން ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރުސަތު ދީފި އެވެ.
އެ މުބާރާތް އޮންނާނީ އަންނަ އަހަރު މާޗް މަހު 22 ން އޭޕްރީލް 3 އަކަށެވެ.
އެ މުބާރާތަކީ އޮކްޓޯބަރު 2021 ގެ ފަހުން ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތެވެ. އެ އަހަރުގެ މުބާރާތުގެ އިނާމު ފައިސާ އާއި މެޗު އޮފިޝަލުންނާއި ރެފްރީންގެ އިނާޔަތް އެފްއޭއެމުން ނުދީ އޮތް މައްސަލައިގައި މިދިޔަ ހަތަރު އަހަރު ރާއްޖެ އަށް އޮތީ ސާފްގެ އިތުބާރު ގެއްލިފަ އެވެ. ރާއްޖޭން ފައިސާ ނުދީ އޮތް މައްސަލަ ސާފްގެ ކޮންގްރެސްއެއްގައި ވެސް ސަރަހައްދުގެ އެހެން ގައުމުތަކުގެ މަންދޫބުން ފެންމަތި ކުރި އެވެ.
އެ މުއްދަތުގައި ސާފްގެ އުމުރުފުރާގެ އެކި މުބާރާތްތައް ސަރަހައްދުގެ އެހެން ގައުމުތަކަށް ބަހާލީ ރާއްޖޭގެ ކުރިމަތީގަ އެވެ. އެފަދަ މުބާރާތެއް ބާއްވަން ރާއްޖޭގެ ޝައުގުވެރިކަން އޮތް ނަމަވެސް އެ ފުރުސަތު ރާއްޖެ އަށް ނުދީ އޮތީ ދައްކަންޖެހޭ ފައިސާގެ މައްސަލައިގައިކަން "މިހާރު" އަށް އެނގިފައި ވެއެވެ.
އެފްއޭއެމުން މިދިޔަ މަހު ވަނީ، 2021 ގެ ސާފް ޗެމްޕިއަންޝިޕްގައި ސާފަށް ދޭންޖެހިފައި އޮތް 75،000 ޑޮލަރު (1.16 މިލިއަން ރުފިޔާ) ދައްކައި ހަލާސްކޮށްފަ އެވެ.
ރާއްޖޭގައި 2021 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސީނިއާ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ދިވެހި ސަޕޯޓަރުން: 20 އަހަރުންދަށުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ވަނީ ރާއްޖެ އަށް ދީފަ
ސާފްގެ 20 އަހަރުންދަށުގެ މުބާރާތް ބާއްވަން އެފްއޭއެމުން ޝައުގުވެރިކަން ފާޅު ކުރީ ވެސް، ސާފްއާ ގުޅުން ހަރުދަނާކުރަން ފިޔަވަޅުތަކެއް އެޅުމަށް ފަހު އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު ޒަރީޒު "މިހާރު" އަށް ކުރިން ވިދާޅުވި ގޮތުގައި ސާފްގެ އިތުބާރު އަލުން ރާއްޖެ އަށް ހޯދަން އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕުން ބޮޑު އިސްކަމެއް ދިނެވެ.
"މިދިޔަ ހަތަރުވަރަކަށް މަހު ވާނީ ސާފްއާ އަޅުގަނޑުމެންގެ ގުޅުން ހަރުދަނާކޮށްފަ،" ޒަރީރު ވިދާޅުވެފައި ވެ އެވެ.
"މިދިޔަ (އޮކްޓޯބަރު) މަހު ސައުދީ އަރަބިއާގެ ރިޔާޟްގައި އެފްއޭއެމްގެ ރައީސް [އަހްމަދު ތޯރިގް] ވަނީ ސާފްގެ ސެކްރެޓަރީ ޖެނަރަލް [ޕުރުތޯޝަމް ކަޓޭލް] އާ އެކު ވަރަށް ދިގުކޮށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ. އަދި އެ މަޝްވަރާތަކުގެ ނަތީޖާ ވެސް ވަރަށް ރަނގަޅު."
މިއަދު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ އަށް ފުރުސަތު ދިނުމަކީ ސާފްގެ މެންބަރު ގައުމުތަކުގެ މެދުގައި ރާއްޖެ އަށް އިތުބާރު އޮތްކަން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.
"މި ނިންމުމަކީ، ރާއްޖެއާ މެދު ސާފަށް އޮތް އިތުބާރު ހާމަވެގެންދާ ކަމެއް،" އެފްއޭއެމްގެ ބަޔާނުގައި ވެއެވެ.
އެފްއޭއެމުން އަދި ބުނީ އެ މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމަކީ ދިވެހި ފުޓްބޯޅަ އަށް ތާރީހީ މުނާސަބަތެއް ކަމަށެވެ.
2019 ގައި ރާއްޖޭގައި ބޭއްވި ޔޫއެފާ އެސިސްޓް 16 އަހަރުންދަށުގެ މުބާރާތުގެތެރެއިން: --- ފައިލް ފޮޓޯ: އެފްއޭއެމް
"މިއީ ރާއްޖޭގެ ފުޓްބޯޅައަށް ތާރީހީ ވަގުތެއް. ރާއްޖޭގައި ބާއްވާ ސާފްގެ ފުރަތަމަ ޔޫތު މުބާރާތް،" އެފްއޭއެމުން ބުންޏެވެ.
"މި ނިންމުމަކީ ރަނގަޅަށް އިންތިޒާމުކޮށްގެން ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމުގެ ގާބިލްކަން ރާއްޖޭގައި ހުރިކަން ސާފުން ކުރާ އިތުބާރު ދައްކައިދޭ ކަމެއް. އަދި މުޅި ސަރަހައްދުގެ ޒުވާން ކުޅުންތެރިންނަށް ކުރިއެރުން ގެނެސްދިނުމުގެ މަގުތައް ހޯދުމަށް އެފްއޭއެމުން ވެފައިވާ ވައުދުގެ މަތީގައި ސާބިތުވެ ތިބިކަން ހާމަކޮށްދޭ ކަމެއް."
ހަރުދަނާ އިންތިޒާމުތަކާ އެކު ފެންވަރު ރަނގަޅު މުބާރާތެއް ބާއްވަން މުޅި ފުޓްބޯޅަ އާއިލާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީން އެބައޮތްކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ މުބާރާތް ވެގެންދާނީ ހަ އަހަރަށް ފަހު ރާއްޖޭގައި ބާއްވާ އުމުރުފުރާގެ ފުރަތަމަ މުބާރާތަށެވެ. ރާއްޖޭގައި އެންމެ ފަހުން ބޭއްވި އުމުރުފުރާގެ އިންޓަނޭޝަނަލް މުބާރާތަކީ 2019 ގައި އައްޑޫގައި ބޭއްވި ޔުއެފާ އެސިސްޓް 16 އަހަރުންދަށުގެ މުބާރާތެވެ.
ސާފްގައި ރާއްޖެއަށް އިތުބާރު ހޯދަން ފިޔަވަޅުތަކެއް!
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
އަންހެން ފުޓްބޯޅައިގެ ފުރަތަމަ މެޗު ވިކްޓަރީ އަށް!
އަންހެން ލީގުގެ ކޮންމެ ޓީމަކަށް 100،000ރ.
ގައުމީ ކޯޗުކަމުގައި މޯހަންގެ ފަހު މެޗުތަ؟
ހަނިމާދޫ ބަލިކޮށް ހދ.ގެ ޗެމްޕިއަންކަން ކުޅުދުފުއްޓަށް
ފަލަސްތީނުގެ ޓީމުގެ ހަރަދުތަކަށް 546،000ރ.
ފަލަސްތީނުގެ ޓީމަށް އެހީވާން ސްވެނިއާ ޓިކެޓް ވިއްކަނީ!
ޓްރޭނިން ކޭމްޕަށް ފަލަސްތީނުގެ ޓީމު މާދަމާ ރާއްޖެއަށް