Roadha Mihaaru

އޮޑީގެ ތިން ލަނޑުން ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި

ޓީސީ ސްޕޯޓްސްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން، އޮޑި ސްޕޯޓްސްއިން ކާމިޔާބު ހޯދައި އެއްވަނައިގައި އޮތް މާޒިޔާއާ ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި އެވެ.

އޮޑީގެ ތިން ލަނޑުން ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

12 ޑިސެމްބަރ 2025

ޓީސީ ސްޕޯޓްސްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން، އޮޑި ސްޕޯޓްސްއިން ކާމިޔާބު ހޯދައި އެއްވަނައިގައި އޮތް މާޒިޔާއާ ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި އެވެ.

ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވުމުގެ ޓްރެކްގައި ދަމަހައްޓަމުން އަންނަ މާޒިޔާ އެއްވަނައިގައި އޮތީ 30 ޕޮއިންޓާ އެކު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އޮޑިން ވަނީ، 10 މެޗުން 25 ޕޮއިންޓް ހޯދާފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި އޮޑިން ކުޅުނު ފަހު މެޗުގައި، ފިޓް ޖެހިގެން ދަނޑުމައްޗަށް ވެއްޓުނު ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަށް މެޗުން ފުރުސަތެއް ނުދެ އެވެ. އޭނާގެ ބަދަލުގައި ޓީމު ލީޑް ކުރީ ވައިސް ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

މުޒްދާން: އޭނާ ވަނީ ދެ ލަނޑު ޖާހާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުޒްދާން: އޭނާ ވަނީ ދެ ލަނޑު ޖާހާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗުގައި އޮޑިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުޒްދާން ހަސަން ވެ. އޮޑި އަށް ލީޑް ނަގައި ދިނީ ވެސް އޭނާ އެވެ.

މެޗުގެ 17 ވަނަ މިނެޓްގައި ޓީސީގެ ހާފުގެ ތެރެއިން އޮޑީގެ އަހްޒަމް ރަޝީދު، ބޯޅަ ނަގައިދިނީ ކުރިއަށް ނުވެ ބަލާހުރެ ބޯޅަ މަތިމަތިން އޮހިގެންދާ ގޮތަށެވެ. މުޒްދާން އެ ބޯޅަ ލިބިގަތީ އޭރިއާގެ ރޮނގުމަތިންނެވެ. ބޯޅަ ފައިން ކޮންޓްރޯލްކޮށްލުމުން އެރީ މައްޗަށެވެ. އޭނާގެ ކައިރީގައި ޓީސީގެ ދެ ޑިފެންޑަރުން ވެސް ވިއްދާފައިވަނިކޮށް ބޯޅަ ބޮލުން ފޮނުވާލައިގެން ލަނޑު ޖެހި އެވެ. އެ ބޯޅަ ދިފާއު ކުރަން ޓީސީގެ ކީޕަރު ޑެނިއަލް އިމެނުއަލް އެއީބިއޯ މަސައްކަތް ކުރި ނަމަވެސް އޭނާ ނުބައި ހިސާބެއްގައި ހުރުމުން ބޯޅަ ގޯލަށް ވަނީ އޭނާގެ ބޯމަތިން އޮހިގެން ގޮހެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑީގެ ދެވަނަ ލަނޑު ޖެހީ އިއްބެ އެވެ. މިފަހަރުވެސް ލަނޑު ޖަހަން ފުރުސަތު ތަނަވސްކޮށްދިނީ އަހްޒަމެވެ. އަދި އޭނާ މިފަހަރު ވެސް ބޯޅަ ފޯރުކޮށްދިނީ ދުރުންނެވެ. ޓީސީގެ ހާފުގެ ތެރެއިން ސެންޓަ ސާކަލް ކައިރިންނެވެ.

ދުރުދުން މަތިމަތިން ނަގައިދިން އެ ބޯޅަ، އިއްބެ ބޮލުން ވައްދާލައި ލިޑް ފުޅާކޮށްދިނެނެވެ.

އޮޑީގެ ތިންވަނަ ލަނޑު މުޒްދާން ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓްގަ އެވެ.

އަމިއްލަ ހާފުގެ މެދެއްހާހިސާބުން އިއްބެ ތިރިތިން ދިން ބޯޅަ، މުޒްދާން އަށް ލިބުނީ ޓީސީގެ ހާފުގެ މެދެއްހާހިސާބުންނެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް މުޒްދާން ވަނުމުން ޓީސީގެ ޑިފެންޑަރުން އޭނާ އަށް ޓެކްލުކުރަން މަސައްކަތް ކުރި އެވެ. ޓެކްލުގެ މަޅިން ނެއްޓި ގޮސް އޭނާ ބޯޅަ ވައްދާލީ ކީޕަރު ޑެނިއަލް ހުރި ފަޅިއަށެވެ. ބޯޅަ ގޯލަށް ވަނީ ދަނޑިކައިރިން ގޮހެވެ.