Roadha Mihaaru

16 އަހަރަށްފަހު ފާއްޓޭ އެނބުރިއައުން ގޯލަކާ އެކު!

އޭދަފުށީގެ މަޝްހޫރު މުހައްމަދު ފާސިރު (ފާއްޓޭ) 16 އަހަރަށް ފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އައި މެޗުގައި ވެލެންސިއާގެ މައްޗަށް ނިއު މޮޅުކޮށް ދޭން އެހީވެއްޖެ އެވެ.

16 އަހަރަށްފަހު ފާއްޓޭ އެނބުރިއައުން ގޯލަކާ އެކު!
ހުސެއިން ހަބީބް
ހުސެއިން ހަބީބް

12 ޑިސެމްބަރ 2025

އޭދަފުށީގެ މަޝްހޫރު މުހައްމަދު ފާސިރު (ފާއްޓޭ) 16 އަހަރަށް ފަހު ފުރަތަމަ ޑިވިޝަނަށް އެނބުރި އައި މެޗުގައި ވެލެންސިއާގެ މައްޗަށް ނިއު މޮޅުކޮށް ދޭން އެހީވެއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު، ވެލެންސިއާގެ މައްޗަށް، ނިއު އިން ކާމިޔާބު ކުރީ 3-1 ންނެވެ.

ފުރަތަމަ ޑިވިޝަނުގައި ފާއްޓޭ، މީގެ ކުރިން ކުޅުނީ 2009 ގައި އޭރު އެއްވަނަ ޑިވިޝަނުގައި ވާދަކުރި، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށެވެ. އޭގެ ދެ އަހަރު ފަހުން، 2012 ގައި އީގަލްސް އަށް ކުޅެން އޭނާ ސޮއި ކުރިނަމަވެސް، އަނިޔާގެ ސަބަބުން އޭނާ އަށް އެ އަހަރު ކުޅެވޭ ގޮތެއް ނުވި އެވެ.

މިހާރު ކުރިއަށްދާ، މިޑް-ސީޒަން ޓްރާންސްފާ ޕީރިއަޑްގައި އޭނާ ނިއު ރޭޑިއަންޓަށް ސޮއި ކުރި އެވެ. އޭނާގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ) ގެ ކެޕްޓަނުކަމުގެދަށުން ނިއުގެ ނުލައީ ހުދު ޒޯޒީގައި އޭނާ ކުޅުނު މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފާއްޓޭ އެވެ.

ފާއްޓޭ (ކ) އާއި އޭނާގެ ކޮއްކޮ ސެންޓޭ އުފާފާލުކުރަނީ --- ފޮޓޯ:  ޝަންމާހު | ނިއުރޭޑިއަންޓް

ފާއްޓޭ (ކ) އާއި އޭނާގެ ކޮއްކޮ ސެންޓޭ އުފާފާލުކުރަނީ --- ފޮޓޯ: ޝަންމާހު | ނިއުރޭޑިއަންޓް

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކުޅެން ނުކުތީ ދެވަނަ ހާފަށެވެ. އެ ހާފް ފަށައިގެން އޭނާ ލަނޑު ޖެހި އެވެ.

ހަސަން ރާއިފް އަހްމަދު (ހަންނަ) އޭރިއާގެ ބޭރުން އޭރިއާގެ އރިމަތިން ނަގައިދިން ބޯޅަ ވެލެންސިއާގެ ޑިފެންޑަރު ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ފާއްޓޭ، އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.

މެޗުގައި ނިއު އަށް ލީޑް ނަގައި ދިނީ ގުލިރޭމީ ސިލްވާ އެވެ. ވެލެންސިއާގެ ކުޅުންތެރިން އޭރިއާ ތެރެއިން ދިފާއު ކުރުމުން ރީބައުންސްވެގެން އޭރިއާ ބޭރަށް ނުކުތް ބޯޅަ އެއްފަހަރުން ޖަހައި ސިލްވާ ގޯލްގެތެރެއަށް ފޮނުވާލި އެވެ.

ވެލެންސިއާގެ ލަނޑު ޖެހީ އަނިޔާގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އެނބުރި އައި ޒުވާން ސްޓައިކަރު އައިދު މުހައްމަދު ޖަވީޒެވެ.

މެޗުގެ 57 ވަނަ މިނެޓްގައި އެ ޓީމުގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ، ހާފުގެ ތެރެއިން ބޯޅަ ހޯދައިގެން ގޮސް އޭރިއާގެ އަރިމަތިން އަރައި އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ އައިދު ވަނީ ފަސޭހަ ކަމާ އެކު ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނިއުގެ ތިންވަނަ ލަނޑު ޖެހީ ހަންނަ އެވެ. ނިއުއިން ނެގި ކޯނަރުގައި ނިއުގެ ކުޅުންތެރިންނަށް ވެސް އެ ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ. އަދި ވެލެންސިއާގެ ކުޅުންތެރިންނަށް އެ ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވި އޭރިއާގެ ތެރޭގައި ވަގުތުކޮޅެއ ހޭދަވި އެވެ. ހަންނަ އެ ބޯޅަ ގޯލަށް ވައްދާލީ ވެލެންސިއާގެ ކުޅުންތެރިންނާއި ގޯލް ކީޕަރާ ދެމެދުގައި ހުރެ އެވެ.

މެޗުން މޮޅުވެ، ނިއު ވަނީ ޖުމުލަ 10 މެޗު ކުޅެ 20 ޕޮއިންޓް ހޯދާފަ އެވެ. ތިންވަނައިގައި އެ ޓީމު އޮތީ ލީގު ލީޑަރު މާޒިޔާ 10 ޕޮއިންޓްގެ ފަރަގަކާ އެކު އެވެ. ދެވަނައިގައި އޮތް އޮޑި އަށް 25 ޕޮއިންޓެވެ.