16 ޖޫން 2016
އިންސާނާ ނޭވާލުމަކީ ދިރިހުރުމުގެ އެއް އަސާސެވެ. ނަމަވެސް ނޭވާލުމަށް ފަހު ހަށިގަނޑަށް އެތެރެކުރެވޭ ވަޔަކީ ކިހާ ސާފު އެއްޗެއްތޯ މިއީ ކުރެވޭ ސުވާލެކެވެ.
އިންސާނާ ނޭވާލުމަކީ ދިރިހުރުމުގެ އެއް އަސާސެވެ. ނަމަވެސް ނޭވާލުމަށް ފަހު ހަށިގަނޑަށް އެތެރެކުރެވޭ ވަޔަކީ ކިހާ ސާފު އެއްޗެއްތޯ މިއީ ކުރެވޭ ސުވާލެކެވެ.
މި ސުވާލު ދުވަހަކު ވެސް ތިބާގެ ހިތުގައި އުފެދުނު ހެއްޔެވެ؟ ގަބޫލުކުރެވޭ ހަގީގަތަކީ، އަޅުގަނޑުމެން ނޭވާލާން ބޭނުންކުރާ ވައިގައި ކޮންމެވެސް ވަރަކަށް ވިހަ ގޭސްތައް އެކުލެވިގެންވާ ކަމެވެ. ހާއްސަކޮށް މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި ދިރިއުޅޭއިރު މިއީ ޔަގީނާ ގާތަށް ދިމާވާނެ ކަމެކެވެ.
ތަފާތު އެކި މަސައްކަތްތައް ކުރާ ކާރުހާނާތަކުންނާއި، އިންޖީނުގެތަކުންނާއި، މަތިންދާ ބޯޓުން ފެށިގެން އެއްގަމުގައި ދުއްވާ ތަފާތު އުޅަނދުތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް އެތައް ބާވަތެއްގެ ވިހަ ގޭސް ޖައްވުގެ ތެރެއަށް ބޭރުވެ އެވެ. ހަމައެހެންމެ، އަޅުގަނޑުމެންގެ ގޭގެ ކޮޓަރިތައް ފިނިކުރަން ބޭނުންކުރާ އެއާކޯނުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމުން ވެސް މާހައުލުގެ ވައި ނުސާފު ކުރުވަ އެވެ.
މިފަދަ ނުރައްކާތެރި ކެމިކަލްތަކުން ސަލާމަތްވާން ވެސް ކުރެވިދާނެ އެތައް ކަމެއް އެބަ ހުއްޓެވެ. އެގޮތުން ތިރީގައި މި ފާހަގަކުރަނީ އެފަދަ ބައެއް ކަންތައްތަކެވެ.
• ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި ފާހާނާ ފަދަ ތަންތަން ސާފުކުރަން ބާރުގަދަ ކެމިކަލްތައް ބޭނުންކޮށްގެން އުފައްދާފައިވާ ތަފާތު އެކި ބާވަތުގެ އޯމޯ އަދި ސައިބޯނި ބޭނުން ކުރުން މަދުކޮށްލާށެވެ. ނުވަތަ އެފަދަ ތަކެތި ބޭނުންކުރުން އެއްކޮށް ހުއްޓާލާށެވެ. އޭގެ ބަދަލުގައި ލުނބޯ، ބޭކިން ސޮޑާ އަދި ރާހުތް ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. މިފަދަ ބާވަތްތައް ބޭނުންކޮށްގެން ބަދިގޭގައި އަވަނުގެ އިތުރަށް ތަށި ތެލި ފަދަ އާލާތްތައް ރީތިކޮށް ސާފުކޮށްލެވޭނެ އެވެ. ފާހާނާ ސާފުކުރަން ވެސް މިތަކެތި ރަނގަޅުވާނެ އެވެ. ހަމަ އެހެންމެ، މިއީ އާންމު ގޮތެއްގައި އަޅުގަނޑުމެން ގޭގައި ގެންގުޅޭ ސައިބޯނި ފަދަ ތަކެއްޗަށް ވުރެ ތިމާވެއްޓާ ވެސް ރައްޓެހި ބާވަތްތަކެވެ.
ބަޔަކު މަސައްކަތެއްގައި: ކޮންސްޓްރަކްޝަންގެ ތަފާތު މަސައްކަތްތަކުން ވެސް އެތައް ބާވަތެއްގެ މާއްދާތައް މާހައުލަށް ދޫވޭ
• ގޭތެރޭގެ ވައި ބޭރުކުރެވޭނެ ފަދަ ގޮތަކަށް އެއާ ފިލްޓާ ފަދަ ތަކެތި ބަހައްޓާށެވެ. ސަބަބަކީ، އާންމުކޮށް ގޭތެރޭގައި ހުންނަ ވައިގައި ގިނަ އަދަދަކަށް އެކި ބާވަތުގެ ޖަރާސީމާއި، ހިރަފުހާއި އަދި ސޫފާސޫފިތަކުގެ ހަން ކޮޅުކޮޅު ފަދަ ތަކެތި ފަސޭހަކަމާ އެކު އުފެދޭތީ އެވެ.
• ގިނަ ވަގުތު ގޭގައި ހޭދަކުރާ ފަރާތްތަކުން ގޭތެރޭގައި ކޮންމެވެސް ވަރަކަށް ކުދިކުދި ގަސްތައް އިންދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ގޭތެރޭގައި އުފެދޭ ވިހަ ގޭސްތައް ގަހުގެ ސަބަބުން ނައްތާލަން ވަރަށް ބޮޑު އެހީއަކަށްވެ އެވެ. ގޭތެރޭގައި އާންމުކޮށް އުފެދޭ ވިހަ ގޭހުގެ ބާވަތްތައް މިފަދަ ގަސްތަކުން ނައްތާލަން ބާރު އަޅާނެ އެވެ.
• ތިބާއަކީ ދުވަހުގެ ގިނަ ވަގުތު އޮފީހުގައި މަސައްކަތް ކުރާ ފަރާތެއް ނަމަ، އޮފީހުގައި ގެންގުޅޭ ޕްރިންޓަރާއި އަދި ފޮޓޯކޮޕީ މެޝިން ފަދަ ތަކެތި މަސައްކަތް ކުރާ މޭޒާ ވީހާ ދުރުގައި ބަހައްޓާށެވެ. އަދި މިފަދަ ތަކެތި ބަހައްޓާ ދިމާލުގައި، ވީހާވެސް ބޮޑަށް ވައި ބޭރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ހުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. މިސާލަކަށް، ލޭޒާ ބޭނުންކޮށްގެން ޕްރިންޓްކުރާ މެޝިނުގެ ކާޓްރިޖުތަކުން ކުލައިގެ ޒައްރާތައް ވައިގެ ތެރެއަށް ބޭރުވެ އެވެ. އަދި ވައިގެ ތެރެއަށް ދާ މި ޒައްރާތައް ނޭވާލާ ނިޒާމުން ހަށިގަނޑުގެ ތެރެއަށް ދެ އެވެ. މިގޮތަށް ހަށިގަނޑަށް ވާސިލްވާ ވިހަ ޒައްރާތަކުގެ ސަބަބުން، އާންމުކޮށް ސިނގިރެޓެއް ބޮއިގެން ނޭވާލާ ނިޒާމަށް ކުރާ އަސަރު ކުރާކަމަށް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.
• ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވާށެވެ. ދިރިއުޅޭ ގޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި އަދި އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެއްވެ އުޅޭ ތަންތަނުގައި އުޅުން މަދުކުރަން ވެސް ޖެހެ އެވެ.
• ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތަކާއި ވަޑާމުގެ މަސައްކަތްތަކާއި އަދި އެނޫން ވެސް ތަފާތު ފެކްޓަރީތަކުގެ މާހައުލަކީ، އިންސާނާގެ ހަށިގަނޑާ ރައްޓެހި ނޫން ތަފާތު ވައްތަރުގެ ވިހަ މާއްދާތަކުން ކިލަނބުވެފައިވާ ތަންތަނެވެ.
ހަމައެހެންމެ، ދަނޑުވެރިކަން ކުރާ ބައެއް މީހުންނަށް ވެސް، ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު ކެމިކަލްތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ހަށިގަނޑަށް ކުރާނެ އެވެ. އެގޮތުން، ދަނޑުވެރިކަމުގައި ބޭނުންކުރާ ބައެއް ގަސްކާނާތަކާއި ވިހަ މާއްދާތައް ހަށިގަނޑަށް ވާސިލްވުމުން ނާރުގެ ބަލިތަކާއި ސިކުނޑީގެ ބަލިތަކުގެ އިތުރުން ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެ އެވެ.
• ގިނަ ވަގުތު ޕެޓްރޯލާއި، ސާފުތެޔޮ އަދި މިފަދަ ބާވަތްތަކުގެ ތެޔޮ ގެންގުޅޭ މާހައުލެއްގައި އުޅޭ ނަމަ، އެފަދަ މީހުންނަށް ލޭގެ ބައްޔެއް ކަމަށްވާ ލިއުކީމިއާ ޖެހުމުގެ ފުރުސަތު ބޮޑުވުމާއި ދުލާއި، މައިދާ އާއި ޗިސްމޭ އާއި ފުރަމޭ އާއި ލޮލުގެ އިތުރުން ސިކުނޑީގައި ކެންސަރު ޖެހެން މަގުފަހިވެ އެވެ. މިފަދަ މަސައްކަތްތަކުގައި އުޅޭ ނަމަ ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ. ހަމަ އެހެންމެ، ގޭގައި އެފަދަ ތެލުގެ ބާވަތްތައް ބޭނުންކުރާއިރު ވެސް ވީހާ ވެސް ބޮޑަށް ހަށިގަނޑުގެ ތެރެއަށް ކެމިކަލްތައް ވާސިލްނުވާނެ ފަދަ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމެވެ. މިސާލަކަށް އެފަދަ ތަކެތި ބޭނުން ކުރާއިރު އަނގަމަތީގައި މާސްކް އެޅުން އަދި އަންގި ލެއްވިދާނެ އެވެ.
އުގެއިލްގެ ހަދިޔާ: ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުން
އުގެއިލްގެ ހަދިޔާ: ނިދުމާއި ސިކުނޑީގެ ދުޅަހެޔޮކަން
އުގެއިލްގެ ހަދިޔާ: ރޭޑިއޭޝަންތަކުން ސަލާމަތްވުން
އުގެއިލްގެ ހަދިޔާ: ވިހަ މާއްދާތަކުން ރައްކާތެރިވުން
އުގެއިލްގެ ހަދިޔާ: ކާބޯތަކެތީގެ ވިހައިން ސަލާމަތްވުން
އުގެއިލްގެ ހަދިޔާ: ކާނާގެ ބާވަތްތަކުގައި ވެސް ކެމިކަލް
އުގެއިލްގެ ހަދިޔާ: މި ކަންކަމާ މެދު ފަރުވާތެރިވޭ!
ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: 35 އަހަރާއި އޭގެ ފަސް
އެނެސްތީސިއާ ދުވަސް: މަސައްކަތްތެރިންގެ ދުޅަހެޔޮކަން
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2