Roadha Mihaaru

ޔުނައިޓެޑްގެ ކުރީގެ ތަރިން ޓީވީއަށް އަރައިގެން ފާޑުކިޔާއިރު ރަނގަޅު މައުލޫމާތެއް ނުހުރޭ: އަމޮރިމް

ޓީވީތަކަށް އަރައިގެން އޭނާ އަށް ފާޑުކިޔާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ވާހަކަ ދައްކަނީ ރަނގަޅު މައުލޫމާތު ނެތިކަމަށް އެ ކްލަބްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އަހަންނަށް ފާޑުކިޔަނީ ރަނގަޅު މައުލޫމާތުނެތި: އަމޮރިމް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 ޑިސެމްބަރ 2025

ޓީވީތަކަށް އަރައިގެން އޭނާ އަށް ފާޑުކިޔާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ވާހަކަ ދައްކަނީ ރަނގަޅު މައުލޫމާތު ނެތިކަމަށް އެ ކްލަބްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އަމޮރިމްގެ މަސައްކަތާ ބެހޭގޮތުން ޓީވީ ޕަންޑިންޓުންގެ ގޮތުގައި މަސައްކަތްކުރާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ޕޯލް ސްކޯލްސް، ނިކީ ބަޓް، ގެރީ ނެވީލް އަދި ރޮއީ ކީން ވަނީ ތަކުރާރުކޮށް ސުވާލު އުފައްދައިފަ އެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ ރަން ޒަމާނުގައި ޔުނައިޓެޑާ އެކު ޕްރިމިއާ ލީގު 11 ފަހަރު ކާމިޔާބު ކުރި ސްކޯލްސް، ޓީވީގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ އަމޮރިމަކީ ޔުނައިޓެޑްގެ މަގާމަށް އެކަށީގެންވާ ކޯޗެއް ނޫން ކަމަށެވެ. އަދި އޭނާ އަށް ޓީމު ވެސް ރަނގަޅަށް ނޭނގޭކަމަށް ސްކޯލްސް ޓީވީގައި ބުންޏެވެ.

ޔުނަިއޓެޑްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ރޮއީ ކީން އާއި ގެރީ ނެވީލް: އެ ދެ ކުޅުންތެރިން ވެސް މަސައްކަތް ކުރަނީ ޕަންޑިޓުންގެ ގޮތުގައި

ޔުނަިއޓެޑްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ރޮއީ ކީން އާއި ގެރީ ނެވީލް: އެ ދެ ކުޅުންތެރިން ވެސް މަސައްކަތް ކުރަނީ ޕަންޑިޓުންގެ ގޮތުގައި

އަމޮރިމް ބުނީ އޭނާ އަށް ފާޑުކިޔުމަކީ އާދައިގެ ކަމެކެވެ. އަދި އޭނާ އަށް ފާޑުކިޔަނީ މެޗުތަކުން މޮޅު ނުވެވޭތީ ކަމަށް އުމުރުން 40 އަހަރުގެ ކޯޗު ބުންޏެވެ. ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ އަހަރު ނޮވެމްބަރު މަހު ހަވާލުވި އަމޯރިމްގެ ކޯޗުކަމުގެދަށުން ޔުނައިޓެޑުން ކުޅުނު 42 މެޗުގެ ތެރެއިން މޮޅުވެވުނީ 14 މެޗުންނެވެ.

"އަހަރެން ދެކޭ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރު [ކޯޗު] ގެ ހައިސިއްޔަތުން އަހަރެމެން މި ތިބީ ވަރަށް ބޮޑަށް ފަހަތުގައި. ހާއްސަކޮށް މި ސީޒަންގައި އަހަރެމެންނަށް އިތުރު ޕޮއިންޓް ލިބެންޖެހޭ. އެހެންވެ އަހަރެން އެކަން [ފާޑުކިޔުން] ނަގަނީ އާދައިގެކަމެއްގެ ގޮތުގައި،" އަމޮރިމް ބުންޏެވެ.

ބައެއް ފަހަރު އެ މީހުން [ޓީވީ އަށް އަރައި ފާޑުކިޔާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން] ގެ އަތުގައި ހުރިހާ މައުލޫމާތެއް ނުހުރެ. އެ މީހުން މެންޗެސްޓާ ޔުނައިޓެޑް ދެކެނީ އެ މީހުން މިތަނުގައި ހޭދަކުރި ދުވަސްތަކުގެ މިންގަނޑުތަކުން. އެހެންވެ އެ މީހުންނަށް މި ހާލަތުގައި އެ ކްލަބް ހަގީގަތް ފެނުމަކީ އުނދަގޫ ކަމެއް."

އިނގިރޭސި ޒުވާން މިޑްފީލްޑަރު ކޮބީ މެއިނޫ މޭންޖޭކުރާގޮތާ ބެހޭގޮތުން ވެސް ސްކޯލްސް ފާޑު ކިޔުން އޮއްސާލި އެވެ. ސްކޯލްސްގެ އެ ފާޑުކިޔުމަށް އިޝާރާތްކޮށް ނޫސްވެރިޔަކު ސުވާލުކުރުމުން އަމޮރިމް ބުނީ މިޑްފީލްޑްގައި ބައެއް ފަހަރު މެއިނޫ ކުޅެނީ ކެޕްޓަން ބްރުނޯ ފެނާންޑޭޒް ކުޅޭ މަގާމަށް ކަމަށެވެ. އެހެންވެ ބުރްނޯ ބާލާފައި އޭނާ އެރުވެން ނޯންނަކަށް އަމޮރިމް ބުންޏެވެ.

އޭނާ ބުނީ ލޯނު ޓްރާންސްފާގައި އެހެން ކްލަބަކަށް މެއިނޫ ދާން އެދޭނެމަ، އެކަމަށް އުފަލާ އެކު މަރްހަބާ ކިޔާނެ ކަމަށެވެ.

ޔުނައިޓެޑުން މިރޭ ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ. އަމޮރިމް ބުނީ މި ވަގުތު މުޅި ޓީމުގެ ސަމާލުކަމެއް ހުރީ އެ މެޗަށް ކަމަށެވެ. އެހެން ކަންކަމާ ވިސްނާނީ އެއަށް ފަހު ކަމަށް އޭނާ ބުންޏެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު އެކެއް ޖަހާއިރު އެވެ.