އެފްއޭއެމް ވިމެންސް ލީގުގައި ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މާޒިޔާ އެއް ވަނައިގައި ލީޑު ނަގައިފި އެވެ.
އެފްއޭއެމް ވިމެންސް ލީގުގައި ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މާޒިޔާ އެއް ވަނައިގައި ލީޑު ނަގައިފި އެވެ.
އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ތިން ލަނޑު ވެސް ޖަހައިދިނީ އެ ޓީމަށްކުޅޭ ނޭޕާލް ގައުމީ ޓީމުގެ ފޯވާޑް ރޭކާ ޕޫޑެލް އެވެ.
ފުރަތަމަ ހާފުގައި އެ ޓީމަށް ކުޅޭ ނޭޕާލްގެ މިޑްފީލްޑަރު ދީޕާ ޝާހީ، އަމިއްލަ ހާފުގައި ހުރެ މަތިން ދިން ބޯޅަ ހޯދައިގެން ރޭކާ އޭރިއާ ތެރެއަށް ވަދެ ކާމިޔާބު ކުރީ ހަތް ވަނަ މިނިޓުގަ އެވެ. އަދި ދެ ވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ރޭކާ ކާމިޔާބު ކުރީ ވެސް ދީޕާ ނަގައިދިން ހުރަހަކުންނެވެ.
ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގައި ރޭކާ ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ނިއުގެ ޑިފެންޑަރު ހައްވާ ހަނީފާ، ރޭކާ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެކެވެ.
ނިއު އާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ނޭޕާލް ކުޅުންތެރިޔާ ދީޕާ ޝާހީ ބޯޅަ ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއީ ލީގުގައި މިހާތަނަށް ފެނުނު ފަސް ވަނަ ހެޓްރިކެވެ. އަދި ރޭކާގެ ފުރަތަމަ ހެޓްރިކެވެ. ލީގު ފުރަތަމަ މެޗުގައި ވިކްޓަރީ އަށް ކުޅޭ އުޒްބަކިސްތާނުގެ ލޭލާ ރުސްތުލަޔެވާ، ޓީސީ ކޮޅަށް ހަތަރު ގޯލު ޖަހާފައި ވާއިރު، އޮޑި ސްޕޯޓްސް ކުޅުނު ދެ ވަނަ މެޗާއި ތިން ވަނަ މެޗުގައި އެ ޓީމުގެ ކެޕްޓަން ފާތިމަތު ސާލިޔާ ވަނީ ހެޓްރިކް ހަދައިފަ އެވެ. ޓީސީ ކޮޅަށް ހަތަރު ލަނޑު ޖެހި އިރު، ބިސް ބުރު ސްޕޯޓްސް ކޮޅަށް ސާލިޔާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އަދި މާޒިޔާ މިދިޔަ ބުރާސްފަތި ދުވަހު ބިސް ބުރާ ދެކޮޅަށް ކުޅުނު މެޗުގައި ދީޕާ ވަނީ ފަސް ލަނޑު ޖަހައިފަ އެވެ.
ލީގުގެ ޓޮޕް ސްކޯރާ ލިސްޓުގެ އެއްވަނައިގައި މިވަގުތު އޮތީ ރޭކާ އާއި ސާލިޔާ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ މިހާތަނަށް ހަތް ގޯލު ޖަހައިފަ އެވެ.
މިއީ ނިއު ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި މިއާ އެކު މިވަގުތު ލީގުގައި ބަލި ނުވެ އޮތީ މާޒިޔާގެ އިތުރުން އޮޑި ސްޕޯޓްސް އާއި އެވެ.
މި މޮޅާ އެކު މާޒިޔާ ވަނީ އެއް މެޗު އިތުރަށް ކުޅެގެން، 4 މެޗުން 10 ޕޮއިންޓް ހޯދައިގެން އެއް ވަނައަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ އޮޑި އެވެ. އަދި ތިން ވަނައިގައި އޮތް ވިކްޓަރީ އަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ.
ހަތަރު ވަނައިގައި ނިއު އޮތީ ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު އެވެ. ލީގުގައި ދެން ވާދަކުރާ ބިސް ބުރު ސްޕޯޓްސް އާއި ޓީސީ އަށް ވެސް ތިން މެޗުން އަދި ޕޮއިންޓެއް ނުލިބެ އެވެ.
ލީގުގައި މިއަދު ހަވީރު ޓީސީ އާއި ބިސް ބުރު ބައްދަލު ކުރާ އިރު، މާދަމާ ހަވީރު ކުޅޭނީ އޮޑި އާއި ވިކްޓަރީ އެވެ.
ނިއު ބަލިކޮށް މާޒިޔާއަށް ފުރަތަމަބުރުން ފުރިހަމަރެކޯޑެއް
މާޒިޔާގެ މަސައްކަތަށް ވާދަވެރި ޓީމުތަކުން ތައުރީފު
ލީގު ކަޕް ސެމީގައި މާޒިޔާ-ޓީސީ އަދި ނިއު-އޮޑި
މާޒިޔާ މަގާމް ދެމެހެއްޓިއިރު، ނިއު އަށް ފުރަތަމަ މޮޅު
ފުޓްބޯޅަ އެނބުރިއައުން؛ ގެންޖެހުންތަކާއި ހިތްހަމަޖެހުން
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ކްލަބްތަކަށް ސަތޭކަ ޕަސެންޓް ފަސޭހައެއް
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
ނިއު ބަލިކޮށް އީގަލްސް އިން މާޒިޔާއާ ޕޮއިންޓަކާ ގާތަށް
ފާއްޓޭ ނިއުއަށް، ކޮއްކޮ އާއެކު ބޭބެ އެއްޓީމެއްގައި!