Roadha Mihaaru

މަގާމުތައް އަދާކުރާ ރިޓަޔާޑް ފުލުހުންނަށް އިނާޔަތް ދިނުން ހުއްޓާލައިފި

ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، އެހެން މަގާމަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މަގާމުގައި ތިބޭ ރިޓަޔާޑް ފުލުހުންނަށް އިނާޔަތް ނުލިބޭނެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ޑިސެމްބަރ 2025

ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރުމަށް ފަހު، އެހެން މަގާމަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް އިސްލާހު ގެނެސްފައި މި ވަނީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާތީ އެވެ.

އެ މަނިކުފާނު ވަނީ ސަރުކާރުގެ ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސް ވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން ހުރި ކަމަށް ވިދާޅުވެފަ އެވެ.

އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކޮށް، ގެޒެޓް ކުރުމަށް އަންގަވާފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވި އިރު ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ ރިޓަޔާމަންޓް ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ މަހުން މަހަށް ދޭ އިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އަތުވެއްޖެ ނަމަ، އެ މަގާމުގައި ދެމިހުންނަ މުއްދަތެއްގައި އެ މީހެއްގެ ރިޓަޔާމަންޓް އެލަވަންސް މެދުކެނޑޭނެ ކަމަށެވެ.

އިސްލާހުގައިވާ ގޮތުން އެ އެލަވަންސް މެދުކަނޑާލުމަށް ފަހު އަލުން އެލަވަންސް ދޫކުރާނީ ރިޓަޔާކުރުމަށް ފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުގަ އެވެ.

ރިޓަޔާކުރާ ފަރާތްތަކަށް އަލުން މަގާމެއް ލިބިފައިވާ ނަމަ، އެކަން އެ އިދާރާއަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ވަނީ ވަޒީފާ ލިބުމުން ވެސް އެކަން ނާންގައި އޮތުމުގެ ސަބަބުން، އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔާމަންޓް އިނާޔަތް ދޫކުރެވިއްޖެ ނަމަ، ފުލުހުން އަންގާ ގޮތެއްގެ މަތިން ޕެންޝަން އޮފީހަށް އެ ފައިސާ އަނބުރާ ފޮނުވަން ވާނެ ކަމަށެވެ.

ރިޓަޔާކުރާ ފަރާތަކުން އެހެން ވަޒީފާއަކަށް ދިއުމަށް ފަހު، އެފަދަ ފަރާތަކަށް އެ ވަޒީފާ އިން ވަކިިވާއިރު އިތުރު ރިޓަޔާމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، އެ ޕެކޭޖު އިހުތިޔާރުކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު އޭގެ ފަހުން ފުލުހުންގެ ރިޓަޔާމަންޓް އިނާޔަތް ނުލިބޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޓީސީސީ އާއި އެޗްޑީސީ ފަދަ ކުންފުނިތައް ހިންގުމުގައި ވެސް ތިއްބެވީ ރިޓަޔާޑް ބޭފުޅުންނެވެ.