Roadha Mihaaru
އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި: އެޗްޕީއޭ

އެޗް1އެން1 އޮތީ އާދައިގެ ހާލަތެއްގައި، ބިރުވެރިކަމެއްގެ ގޮތުގައި ނުދެކޭ: އެޗްޕީއޭ

06 އެޕްރީލް 2017

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރުނު ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާ ގުޅޭ ގޮތުން ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި ރައްޔިތުން ބިރުވެރިކަމެއްގައި ނުތިބެ، ބަލީގެ ކަންކަން އާދައިގެ ހާލަތަކަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރުނު ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާ ގުޅޭ ގޮތުން ފޮރުވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި ރައްޔިތުން ބިރުވެރިކަމެއްގައި ނުތިބެ، ބަލީގެ ކަންކަން އާދައިގެ ހާލަތަކަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި އެޗްޕީއޭ އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް އެޗް1އެން1 އަށް 769 މީހުން ޓެސްޓް ކުރި އިރު، އޭގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވީ 261 މީހުންނެވެ. ބަލި ޖެހިގެން މިހާރު ފަރުވާ ދެމުން އަންނަނީ ނުވަ މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ މީހަކު ހިމެނެ އެވެ.

އެޗްޕީއޭ އިން މިދިޔަ މަހުގެ 29 ވަނަ ދުވަހު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ބައްޔަށް 222 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން ހަފުތާއެއްގެ ތެރޭގައި 39 މީހަކު ވަނީ އެޗް1އެން1 އަށް ޕޮޒިޓިވްވެފަ އެވެ. އެޗް1އެން1 ޖެހިގެން މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.

މަޖިލިހުގެ ކޮމެޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޗްޕީއޭގެ އިސް ބޭފުޅުން ވަނީ ޖަވާބު ދެއްވާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލިހުގެ ކޮމެޓީގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރުން ކުރެއްވި ސުވާލުތަކަށް އެޗްޕީއޭގެ އިސް ބޭފުޅުން ވަނީ ޖަވާބު ދެއްވާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލީހުގެ ކޮމެޓީގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަމީލާ ވިދާޅުވީ ރާއްޖޭގައި ރޯގާގެ ހާލަތު އޮތީ އާދައިގެ މަސްތަކުގައި ވެސް އޮންނަ ވަރަށް ކަމަށެވެ. އެކަމަކު ކަމެއް ގޯހުން ދާ ނަމަ، އެކަން ރައްޔިތުންގެ ސަމާލު ކަމަށް ގެންނާނެ ކަމަށް ރަމީލާ ވިދާޅުވި އެވެ.

"ރާއްޖޭގައި އުޅެނީ ހަމައެކަނި އެޗް1އެން1 އެއް ނޫން، ޓީބީ ވެސް އެބައުޅޭ. ބައިވަރު ބަލިތައް އުޅޭ. ކޮންމެ ދުވަހަކު އޭގެ ރިޕޯޓެއް ނުނެރެން. އެ އުސޫލުން އެޗް1އެން1 އަކީ އިންފްލުއެންޒާގެ ގޮތުގައި ރާއްޖޭގައި އަބަދުވެސް އުޅޭނެ އެއްޗެއް،" ރަމީލާ ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން އެކި ގައުމުތަކުން ފެންނަން ފެށި އެޗް1އެން1 އަކީ އިންފްލުއެންޒާގެ ވައްތަރެއް ކަމަށް ވާއިރު، ރާއްޖޭގައި އެ ބަލި އުޅޭކަން އެނގުނީ 2015 ގައި ކަމަށެވެ. އެއީ އަބަދުވެސް އުޅޭނެ ބައްޔެއް ކަމަށާއި އާންމުންގެ ސަމާލުކަމަށް އެކަން ގެންނާނީ އެޗްޕީއޭ އިން ބަލާ މިންގަނޑުތަކަށްވުރެ ބާރަށް ފެތުރެމުން ދާނަމަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން އާންމު ހާލަތެއްގައި މިހާރު އޮތަސް، އެޗްޕީއޭ އިން މޮނިޓާ ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އޮތް ހާލަތުން ގަބޫލެއް ނުކުރަން ކޮންމެ ދުވަހަކު ރިޕޯޓު ނެރެން ޖެހޭނެ ކަމަކަށް، އެކަމަކު ރިޕޯޓުތައް ކޮންމެ ދުވަހަކު އަޅުގަނޑުމެން މި ދަނީ ބަލަމުން،" ރަމީލާ ވިދާޅުވި އެވެ.

ޝީޒާ (ވ) ވާހަކަ ދައްކަވަނީ. ބަލި ކޮންޓްރޯލްވީ ސްކޫލްތައް ބަންދުކޮށް ތަންތަނަށް މީހުން އެއްވެ އުޅުން މަނާ ކުރުމުން ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޝީޒާ (ވ) ވާހަކަ ދައްކަވަނީ. ބަލި ކޮންޓްރޯލްވީ ސްކޫލްތައް ބަންދުކޮށް ތަންތަނަށް މީހުން އެއްވެ އުޅުން މަނާ ކުރުމުން ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެޗް1އެން1 ޒީރޯ އަކަށް ނުދާނެ ރާއްޖޭގައި ދެނެއް،"

އެޗްޕީއޭ އިން ބުނި ގޮތުގައި ސްވައިން ފްލޫގެ ކަންކަން އާންމު ހާލަތަކަށް ދިޔައީ ހާއްސަ ފިޔަވަޅުތަކެއް އެޅުމުންނެވެ. އެ ގޮތުން މީހުން އެއްވެ އުޅުން މަނާ ކުރުމާއި ސްކޫލްތައް ބަންދު ކުރުމަކީ ބަލި ކޮންޓްރޯލް ވުމަށް ވަރަށް ބޮޑަށް އެހީވި ދެ ކަމެއްގެ ގޮތުގައި އެޗްޕީއޭ އިން ފާހަގަކުރި އެވެ.

ސްވައިން ފްލޫ އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް 30،000 ޑޯޒު ވެކްސިން ހޯދައިދޭން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިހާތަނަށް އެ އަދަދަށް ވެކްސިން ނުލިބޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރަމީލާ ވިދާޅުވީ މިހާތަނަށް އައި އިރު ޑަބްލިއުއެޗްއޯ އިން ހަދިޔާ ކުރީ 750 ޑޯޒް ވެކްސިން ކަމަށެވެ. ޑަބްލިއުއެޗްއޯ އިން އެންގީ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށާއި މިހާތަނަށް އައި އިރު، އުމުރުން ދުވަސްވީ ގިނަ މީހުންނަށް ވެކްސިން ޖަހައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޑރ. ޝީޒާ އަލީ ވިދާޅުވީ އެޗް1އެން1 އާންމުވުމާ ގުޅިގެން މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ ވެކްސިން ރާއްޖެ އަށް ގެނެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 97،000 ވެކްސިނަކީ ހެލްތު މިނިސްޓްރީގެ ބޭނުމަށް އެތެރެ ކުރި ވެކްސިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށްރަށަށް 54،000 އަށްވުރެ ގިނަ ވެކްސިން ފޮނުވި ކަމަށް ވެސް ޝީޒާ ވިދާޅުވި އެވެ.