Roadha Mihaaru
އައިފޯނަށް ސެމްސަންގުން ހެދީ ފެންވަރު ދަށް ޗިޕްތަކެއް؟

އައިފޯނަށް ސެމްސަންގުން ހެދީ ފެންވަރު ދަށް ޗިޕްތަކެއް؟

09 އެޕްރީލް 2017

އެޕަލް އަށް އައިފޯނު 6އެސް އުފައްދަން ކުރި މަަސައްކަތުގައި، އެ ފޯނަށް ބޭނުންވާ ޗިޕްތަކެއް އުފައްދަން، ދެ ކުންފުންޏެއް އިޚްތިޔާރުކުރި އެވެ. އެއީ ސެމްސަންގް އަދި "ޓައިވާން ސެމީކޮންޑަކްޓާ މެނޫފެކްޗަރިން ކޯޕޮރޭޝަން" އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އަށް އައިފޯނު 6އެސް އުފައްދަން ކުރި މަަސައްކަތުގައި، އެ ފޯނަށް ބޭނުންވާ ޗިޕްތަކެއް އުފައްދަން، ދެ ކުންފުންޏެއް އިޚްތިޔާރުކުރި އެވެ. އެއީ ސެމްސަންގް އަދި "ޓައިވާން ސެމީކޮންޑަކްޓާ މެނޫފެކްޗަރިން ކޯޕޮރޭޝަން" އެވެ.

ސެމްސަންގުން އުފެއްދި ޗިޕްތަކުގައި މައްސަލައެއް އުޅުނު ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން އެޕަލް އިން އެއްޗެއް ބުނެ ސެމްސަންގް ކުށްވެރިއެއް ނުކުރެ އެވެ. ސެމްސަންގް ގޮވައިގެން ކޯޓަކަށް ވެސް ނުދެ އެވެ. އެކަމާ ގުޅިގެން މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ؛ އެޕަލް ހޯބޯލަވައި ނުގަތީ ކީއްވެ ހެއްޔެވެ؟

އެޕަލް އެއްޗެއް ނުބުނުމުން ދޭހަވަނީ އެކަމުގައި ސެމްސަންގުގެ މައްސަލައެއް ނެތް ކަމެވެ. ސެމްސަންގުން ހުރިހާ ކަމެއް ވެސް ކޮށްފައި ވަނީ އެޕަލް އިން ބޭނުންވި ގޮތަށް އަދި އޯޑަރު ދިން ގޮތަށް ކަމެވެ.

އެޕަލް އަށް ބޭނުންވާ ޗިޕްތައް ޑިޒައިންކުރަނީ އެޕަލަ އިން އަމިއްލަޔަށެވެ. ސެމްސަންގަށް ކުރަން ޖެހުނު މަސައްކަތަކީ އެޕަލް ބުނާ ގޮތަކަށް ޗިޕް އުފެއްދުމެވެ.

މައިކްރޮޗިޕް އުފެއްދުމުގައި މަރުހަލާތަކެއް ކަޑައްތުކުރެ އެވެ. ކުރެހުން ނުވަތަ ޑިޒައިނާ އެއްގޮތަށް "ސެމީކޮންޑަކްޓާ ބްލޮކް"ތައް އަންދާލުމުގެ ކުރިން، ޑިޒައިންގައި ކަނޑައަޅާފައި ހުރި "ވެލިއޫ"ތައް، މިންގަޑުތައް ހުރިތޯ ބަލަ އެވެ. ނެތް ނަމަ އެ ކަމެއް ރަނގަޅުކުރެ އެވެ. އަދި އޯޑަރު ދިން ކުންފުންޏެއްގެ އިންޖިނޭރުން "އެންމެ ރަނގަޅު" ކަމަށް ބުނަންދެން ތަކުރާރުކުރެ އެވެ.

އައިފޯނު 6އެސް އަށް ދެ ކުންފުންޏަކުން ޗިޕްތައް އުފެއްދި ނަމަވެސް، ސެމްސަންގުން ޗިޕްތައް އުފެއްދީ އެޕަލް އިން ދިން ތަފާތު ޑިޒައިނަކަށެވެ. އެ ޗިޕްތައް، ޓައިވާން ސެމީކޮންޑަކްޓާ މެނޫފެކްޗަރިން ކޯޕޮރޭޝަނުން އުފެއްދި ޗިޕްތަކަށް ވުރެ ކުއްޖެވެ. އަދި ތުންޏެވެ. އެއީ އެޕަލް އެދުނު ގޮތެވެ.

ފޯނުތަކުގައި ޗިޕްތައް އެޅުވުމުގެ ކުރިން ކުރެވުނު ޓެސްޓްތަކުން، މައްސަލައެއް އުޅޭ ކަމަށް ދައްކާފައެއް ނުވެ އެވެ. މައްސަލައެއް އުޅޭ ނަމަ އެޕަލް އަކުން ގަބޫލެއް ނުކުރީހެވެ. އެހެން ނަމަވެސް، ފޯނުތަކުގައި ޗިޕްތައް އަޅުވައި، ހަގީގީ ނެޓްވޯކްތަކުގައި ބޭނުންކުރަން ފެށުމުން ފޯނުތައް ހޫނުވާކަން ފާހަގަކުރެވުނެވެ. އެކަން އެ ގޮތަށް ވެދާނެ ކަމަށް އެޕަލް އިން ވެސް ލަފާކުރި އެވެ. މާނަ އަކީ ސެމްސަންގުން ޗިޕްތައް އުފައްދާފައި ވަނީ "އޯކޭ" ދިން ގޮތަށް ކަމެވެ.

އެޕަލް އަކީ ވަރަށް އިޚްތިޔާރީ ކުންފުންޏެކެވެ. މާނަ އަކީ އެ ކަމެއް ހުންނަން ޖެހޭނީ ބުނާ ގޮތަކަށެވެ. ނޫން ނަމަ ބޮޑު ޖޫރިމަނާއެކެވެ. ނޫން ނަމަ އެ ފަދަ ފުރުސަތެއް ދެން ނުދިނުމެވެ.

ސެމްސަންގުން މައިކްރޮޗިޕް އުފައްދަ އެވެ. އެންމެ ޗިޕެއް ނޫނެވެ. ބިލިއަނުންނެވެ. އެހެން ނަމަވެސް އައިފޯނު ކަހަލަ ތަހުޒީބީ ޑިވައިސްއަކަށް ޗިޕް އުފައްދަން ފުރުސަތު ލިބުމަކީ ކުޅޭކުޅޭ ކަމަކަށް ސެމްސަންގުން ނުހަދާނެ އެވެ. އަނެއްކޮޅުން، އެޕަލް އަށް ލަނޑެއް ދިނުމަށް އެ ފަދަ ކަމެއް ކުރާކަށް ވެސް ނުކެރޭނެ އެވެ. އެޕަލް އަކުން އެ ފުރުސަތު އެކަކަށް ވެސް ނުދޭނެ އެވެ. އެއީ ވަރަށް ހުށިޔާރު ކުންފުންޏެކެވެ.

ވިޔަފާރީގައި ކުންފުނިތަކުގެ މެދުގައި އުދާސް އުފެދެ އެވެ މައްސަލަތައް ޖެހެ އެވެ. އެއީ ކޮނޑުގައި ޖަހާލައިގެން ހައްލު ނުވާ ވަރުގެ ކަމެއް ނަމަ، ޑިސްކައުންޓް ދިނުން އަދި ބަދަލު ދިނުން ވެސް އޮވެ އެވެ. އެ ފަދަ ގިނަ މުއާމަލާތްތަކާ ބެހޭ ގޮތުން އާންމުނަށް އެކައްޗެއް ވެސް ނޭނގެ އެވެ.

އެޕަލް އަށް ލަނޑުދިނުމުގެ ނިޔަތުގައި ސެމްސަންގުން ފެންވަރު ދަށް ޗިޕްތަކެއް އުފެއްދި ނަމަ، އައިފޯނު 8 އަށް، ފުރަތަމަ ބުރުގައި ބޭނުންވާނެ ހުރިހާ ޗިޕެއް އުފައްދަން، ސެމްސަންގަށް އޯޑަރު ދިނީ ކީއްވެތޯ ނާހާނަން ހެއްޔެވެ؟ އެ ވާހަކަ ވެސް ދައްކަން ވާނެ އެވެ. އެކަމަކު މިފަހަރަކު ނޫނެވެ.