11 އެޕްރީލް 2017
ރާއްޖޭގެ މޫދާއި ކަނޑުގެ ޗާލުކަމާއި މުއްސަނދިކަމުން ދިވެހިންނަށް އުފާ ހޯދެނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިއީ، އެމެރިކާގެ އެންމެ ބޮޑު ނޫހުގައި ރާއްޖެއާ ބެހޭގޮތުން އާދީއްތަދުވަހު ޖެހި ލިޔުމެއްގެ ދެ ފޮޅުވަތް ދޭތެރެއިނ ދިވެހިންނަށް ކުރިމަތިކުރުވި ސުވާލެކެވެ. ސަބަބަކީ، ޖަޒީރާ ރަށްތަކެއްގެ "ސުވަރުގެ" އަކަށް ވިޔަސް، ރާއްޖޭގެ ގިނަ ބަޔަކަށް ފަތަން ނޭނގުމެވެ.
ރާއްޖޭގެ މޫދާއި ކަނޑުގެ ޗާލުކަމާއި މުއްސަނދިކަމުން ދިވެހިންނަށް އުފާ ހޯދެނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިއީ، އެމެރިކާގެ އެންމެ ބޮޑު ނޫހުގައި ރާއްޖެއާ ބެހޭގޮތުން އާދީއްތަދުވަހު ޖެހި ލިޔުމެއްގެ ދެ ފޮޅުވަތް ދޭތެރެއިނ ދިވެހިންނަށް ކުރިމަތިކުރުވި ސުވާލެކެވެ. ސަބަބަކީ، ޖަޒީރާ ރަށްތަކެއްގެ "ސުވަރުގެ" އަކަށް ވިޔަސް، ރާއްޖޭގެ ގިނަ ބަޔަކަށް ފަތަން ނޭނގުމެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލްގައި ރޭމަންޑް ޖޮންގް ލިޔެފައިވާ އާޓިކަލްގައި ސިފަކުރި ގޮތުގައި މިއީ، ނުލުގެ ކުލަތައް ގިނަކަމުން ލިޔުންތެރިއެއްގެ ބަސްކޮށާރު ހުސްކޮށްލާހާ ޗާލު މޫދު މާހައުލެއް އޮތް ތަނަކަށް ވާއިރު "މި ތަނުގައި އުޅޭ އެތައް ބަޔަކަށް ފަތަން ނޭނގުމަކީ މައްސަލައެ"ކެވެ.
ލިބިފައިވާ އާދަޔާޚިލާފް ގުދުރަތީ ރީތިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަގްބޫލު އެއް މަންޒިލްގެ ގޮތުގައި ރާއްޖެ ބޭރު މީހުންނަށް ސިފަވަނީ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގަ އެވެ. ގޮނޑުދޮށާއި މޫދާއި ކަނޑުއަޑީގެ މި ހިތްގައިމުކަމުން މި ތަނުގެ ވަޒަންވެރިންނަށް އުފާ ނުލިބޭނެ ކަމަކަށް ނުވަތަ ނުހޯދާނެ ކަމަކަށް އެ މީހުން ނުބަލާނެ އެވެ. އެހެންކަމުން، މާލޭގައި ދިރިއުޅޭ ވަކީލެއް ކަމަށްވާ ހަސަން ޝިޔާމް ވޯލް ސްޓްރީޓް ޖާނަލް އަށް ކިޔައިދީފައިވާ ގޮތަށް، ބޭރު މީހުން ފަހަރުގައި ހީކުރާނީ ދިވެހިން އުޅޭނީ އަބަދުވެސް މޫދުން ހިތްހަމަޖެހުން ހޯދައިގެން ކަމަށެވެ. އެކަމަކު ހަގީގަތަކީ އެއީ ނޫންކަން ލިޔުންތެރިޔާ ވަނީ އެ ނޫހުގެ ކިޔުންތެރިންނަށް ހާމަކޮށްދީފަ އެވެ.
ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ތައުލީމާއި ފުރުސަތުތައް ހޯދަން ރަށްރަށުން ހިޖުރަކުރާ މީހުން ގިނަވުމުގެ ސަބަބުން ތޮއްޖެހިފައިވާ ވެރިރަށް، މޫދެއް ނެތި ހުރިހާ ދިމާލަކުން ބެދިފައި އޮތް އިރު އާއްމުންނަށް ބޭނުންކުރެވޭނެ ސްވިމިން ޕޫލެއް ވެސް މި ތަނުގައި ނެތެވެ. ލިޔުންތެރިޔާ އަށް ފެނުނީ، ދޮޅުލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަކުޑަ ސިޓީގައި ފަތާލަން ދާން އޮތީ، "ޑީސަލް އިންޖީނުގެއެއްގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި، ކަނޑުތޮއްޓަކުން ހިމާޔަތްކޮށްފައިވާ ފަޅެއްގައި، ފިރުއައުމުދާ އުޅޭ،" ކުޑަ ތަންކޮޅެއް ކަމެވެ. އެއީ ރައްކާތެރި ތަނަކަށް ނުވިޔަސް އަދި ބައެއް ފަހަރު ނުތާހިރު ތަނަކަށް ވިޔަސް، އެ ނޫން ގޮތެއް ނެތް ކަމަށް، ދަރިފުޅު ގޮވައިގެން ފަތާ ޓްރެކަށް ގޮސް ހުރި އަންހެނަކު ނޫހަށް ކިޔައިދީފައިވެ އެވެ.
ފަތާ ޓްރެކްގެ ޕްލެޓްފޯމް މަތީގައި ދެ މީހަކު މަޑުކޮށްލައިގެން ތިބި އިރު ބަޔަކު ފަތަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލޭގައި އެރިލާނެ މޫދެއް ނެތްތަން މިހާތަނަށް ފޫބައްދައިދިން މުހިއްމު ދެ ރަށުގެ ވާހަކަ ވެސް މި ލިޔުމުގައި ގެނެސްފައިވެ އެވެ. އެއީ ކުޑަ ބަނޑޮހާއި ފޭދޫ ފިނޮޅެވެ. މާލޭގައި ދިރިއުޅޭ މީހުން ދަތުރުދާން ބޭނުންކުރަނިކޮށް ކުޑަ ބަނޑޮސް ސަރުކާރުން ބަޔަކަށް ދީ، މިހާރު ވަނީ ރިސޯޓަކަށް ހަދައިފަ އެވެ. އަދި ބީލަމަކަށް ނުލައި ފޭދޫ ފިނޮޅު އެންމެ ހަތަރު މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކަށް މިދިޔަ އަހަރު ވަނީ ވިއްކާލައިފަ އެވެ. ލޮނުޒިޔާރަތްކޮޅުގައި ރާޅާއަޅަން ބޭނުންކުރަމުންދިޔަ ސަރަހައްދު މާލެ-ހުޅުލެ ބްރިޖާ އެކު ގެއްލިފައިވާ އިރު ދެ އާޓިފިޝަލް ބީޗަކީ ފަތަން ދާން އެކަށީގެންވާ ތަންތަނެއް ނޫނެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓްގައި ފާހަގަކުރިގޮތުގައި ފަތަން ދަންނަ ދިވެހިން މާލެއާ އަޅާބަލާ އިރު އެހެން ރަށްރަށުގައި ގިނަވުން އެކަށީގެންވެ އެވެ. އެކަމަކު ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެ ރަށްތައް ނެތިދިޔުމުގެ ބިރު ހީވެފައިވާ އިރު ރަށް ގިރުމާއި ފެން ފަށަލަ ތަޣައްޔަރުވުން ފަދަ ބޮޑެތި މައްސަލަތައް މިހާރު ވެސް ވަނީ ކުރިމަތިވެފަ އެވެ. އެއާއެކު، ބޮޑެތި އާބާދީތަކަށް އަމާޒުކޮށްގެން ވަކި ސަރަހައްދުތަކެއް ތަރައްގީކުރަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ. ލިޔުމުން ދޭހަވާ ގޮތުގައި އެފަދަ އާބަން ސެންޓަރުތަކަށް ހިޖުރަކުރުމަކީ މޫދާ ރައްޓެހި ރަށްފުށުގެ ދިރިއުޅުން ގެއްލިގެންދާނެ ކަމެކެވެ.
ފަތަން ނުދަންނަ މީހުން މާލޭގައި ގިނަވުމުގެ ފަހަތުގައި ދީނީ ވިސްނުމާއި އިޖުތިމާއީ ބޮޑެތި ސަބަބުތަކެއް ހުރިކަން ވެސް ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.
ފަތާ ޓްރެކަށް ދެ މީހަކު އެރެނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު
ލިޔުންތެރިޔާ ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭން އެކި ފަރާތްތަކުން ޕްރޮގްރާމްތައް ހިންގާ އިރު، ބޮޑެތި މީހުންނަށް އެކަން އޮތީ އެއަށް ވުރެ މާ އުނދަގޫކޮށެވެ. ފަތާ ޓްރެކަކީ އެންމެންނަށް ފެންނަ އާއްމު ތަނަކަށް ވާތީ އަންހެންކުދިން އެ ތަނަށް ފޮނުވަން ބެލެނިވެރިން ޖެހިލުންވުމުގެ އިތުރުން އަންހެނުން އަމިއްލަ އަށް ވެސް އެފަދަ ހާމަ ތަނަކަށް އެރެން ބޭނުން ނުވާ ކަމަށް ބައެއް މީހުން ކިޔައިދީފައިވެ އެވެ. އަދި މުޅި ހަށިގަނޑާއި އިސްތަށިގަނޑު ނިވާވާ ކަހަލަ ސްވިމްސޫޓް ލިބެން ހުއްޓަސް އެ ވިސްނުން ހުރީ އެ ގޮތަށް ކަން ލިޔުންތެރިޔާ ފާހަގަކޮށްފައިވެ އެވެ. އެންމެ މޮޅު އެއް އަންހެން ފެތުންތެރިޔާ އައިޝަތު ސައުޝަން ނޫހަށް ބުނެފައިވާ ގޮތުގައި އަންހެންކުދިންނަށް ފަތަން ދަސްކޮށްދޭނެ އަންހެން ކޯޗުން ބެލެނިވެރިން ބޭނުންވެ އެވެ.
ފަތާ ޓްރެކަށް ކުދިންތަކެއް ގޮވައިގެން ދިޔަ ތިން އަންހެނަކު ތޮށިގަނޑުމަތީގައި އިށީނދެލައިގެން. ފޮޓޯ: ނިޝާން އަލީ/ މިހާރު
އިޖުތިމާއީ އަނެއް ހުރަހެއްގެ ގޮތުގައި ލިޔުމުގައި ފާހަގަކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ގޭންގުތަކުގެ ސަބަބުން މައިންބަފައިން އެ މީހުންގެ ދަރިން ތަންތަނަށް ފޮނުވަން ބޭނުން ނުވުމެވެ.
ލިޔުންތެރިޔާ ސިފަކުރި ގޮތުގައި އެތައް ދިވެހި ދަރިންނެއް މިހާރު ބޮޑުވަނީ ފަސޭހަ އިން މޫދަށް ގޮސް އުޅެވޭނެ ގޮތެއް ނެތި އެވެ. މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން މީގެ ފަސް އަހަރު ކުރިން ހެދި ނުރަސްމީ ދިރާސާއަކާ ހަވާލާދީ ލިޔުމުގައި ބުނެފައިވަނީ ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން ފަތަން ދަންނަނީ އެންމެ 10 ޕަސެންޓް ކުދިން ކަމަށެވެ. އެއާޚިލާފަށް އެމެރިކާގެ ފުރާވަރު ކުދިންގެ ތެރޭގައި އެ އަދަދު އުޅެނީ 49 ޕަސެންޓުގައި ކަމަށް ވެސް، ރެޑް ކްރޮސްގެ ސާވޭއަކާ ހަވާލާދީ، ބުނެފައިވެ އެވެ.
ޓްރެކަށް ފަތަން ދިޔަ ދެ ކުއްޖަކު ފަތަން ބޭނުންކުރާ ސާމާނާއެކު ތޮށިގަނޑު ކައިރީގައި. ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ހާލަތު އެންމެ ރަނގަޅަށް ސިފަކޮށްދެނީ ބަޔޯޑައިވާސިޓީ އެޑިއުކޭޝަން އެންޑް އެވެއާނަސް (ބީމް)ގެ ފައުންޑިން މެމްބަރު ޝާހީނާ އަލީ ވިދާޅުވެފައިވާ ވާހަކަކޮޅުންނެވެ. ކަނޑުގެ ދިރުންތަކަށް ސްކޫލް ކުދިން ހޭލުންތެރިކުރަން މަސައްކަތްކުރައްވާ ޝާހީނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ރަށްރަށުގެ ފަރުތައް ދެކެފައިވާ ކުދިންނަށް ވުރެ، ދުނިޔޭގެ އެހެން ގައުމުތަކަށް ގޮސް ހަމަ ލޮލުން ސްނޯ ދެކެފައިވާ ކުދިން މާލޭގައި ގިނަ އެވެ.
ޓްރެކްގައި ބަޔަކު ފަތަމުންދިޔަ މަންޒަރު ބަލަން ސިޑިމަތީގައި މީހަކު މަޑުކޮށްލައިގެން. ފޮޓޯ: ނިޝާން އަލީ/ މިހާރު
ފަހަރުގައި މިއީ ދިވެހިން އެހާ ބޮޑަށް ވިސްނާ ކަމެއް ނޫނެވެ. އެކަމަކު، އުމްރާނީ ތަރައްގީ އާއި އެކި ކަހަލަ ޒަމާނީ ބަދަލުތަކާއި އޮއިވަރުތަކާއި އަވަދިނެތް ދިރިއުޅުމުގެ ސަބަބުން ކަމަށް ވިޔަސް، ދިވެހިން މި ދަނީ މޫދާއި ކަނޑަށް ނުފަރިތަ، ބީރައްޓެހި ބަޔަކަށް ވަމުންނެވެ. އެއީ، ބޭރު މީހުންގެ ނަޒަރުން ބަލާ އިރު، ހައިރާންކުރަނިވި ކަމެކެވެ. ދިވެހިންގެ ދިރިއުޅުމުން ފެންނަ އުނިކަމެކެވެ. މައްސަލައެކެވެ.
ރާއްޖެ އެހެން ގޮތަކަށް އަނބުރާލަން އެބައުޅޭ: ނަޝީދު
ރަށްވެހިކަން ނުދިނަސް ހެޔޮ، ރައްޔިތުކަން ދީ!
ރަށްވެހިކަން ލިބޭ ފުރިހަމަ ގާނޫނެއް ބޭނުންވޭ: އާޒިމް
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މާހެފުން ބާއްވައިފި
ދިވެހިން އުޅެން ޖެހޭ ގޮތަށް ނޫޅެވެނީ ބާ؟
އެންމެ މަގްބޫލު އެޑްރެސް: އައްސޭރި
ޕާޓީ ޑްރަގާއެކު ދެ ދިވެހިން ލަންކާއިން ހައްޔަރުކޮށްފި
މި ފޮޓޯތަކުން ރާއްޖޭގެ ރަށްރަށުގެ އެހާރާއި މިހާރު
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން