Roadha Mihaaru
އެއްކަހަލަ މައްސަލަތަކެއް، ސަރުކާރުގެ އަމަލުތައް ތަފާތު

އެއްކަހަލަ މައްސަލަތަކެއް، އެކަމަކު ސަރުކާރުގެ އަމަލުތައް ތަފާތު!

18 އެޕްރީލް 2017

ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޝަރީއަތަށެވެ. މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމަށް ކުރަނީ ރިޝްވަތުގެ ތުހުމަތެވެ. އެ ތުހުމަތާ އެކު އެކި ފަހަރުމަތިން ފުލުސް އޮފީހަށް ހާޒިރުކޮށް، ތަހުގީގު ނިންމަން ދެ ހަފުތާ ވެސް ނުނަގަ އެވެ. އެހާމެ ބާރު ސްޕީޑުގައި ދައުވާ އުފުލައި ޝަރީއަތް ވެސް ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ މަސްރަހުގައި އެންމެންގެ ލޯ މިހާރު އަމާޒުވެފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޝަރީއަތަށެވެ. މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމަށް ކުރަނީ ރިޝްވަތުގެ ތުހުމަތެވެ. އެ ތުހުމަތާ އެކު އެކި ފަހަރުމަތިން ފުލުސް އޮފީހަށް ހާޒިރުކޮށް، ތަހުގީގު ނިންމަން ދެ ހަފުތާ ވެސް ނުނަގަ އެވެ. އެހާމެ ބާރު ސްޕީޑުގައި ދައުވާ އުފުލައި ޝަރީއަތް ވެސް ފަށައިފި އެވެ.

އޭނާގެ މައްޗަށް ދައުވާކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވަން އެހީވާނެ ކަމަށް ވިދާޅުވުމުންނެވެ.

ގާސިމަށް އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތަށް ބޭނުންވާ ހެކި ހޯދުން ފުލުހުން އަދިވެސް ހުއްޓައެއް ނުލަ އެވެ. ބަލައި ފާސްކުރުމުގެ އަމުރުތައް ހޯދައިގެން، އޭނާގެ ގެކޮޅާއި ވިޔަފާރީގެ މަސްލަހަތު އޮންނަ އޮފީސްތައް ވެސް ބަލައި ފާސްކުރަނީ އެވެ.

މައްސަލައެއް ނެތެވެ؛ މެމްބަރުންނަށް ރިޝްވަތު ދެއްވި ނަމަ އެއީ ގާނޫނީ ކުށެކެވެ. މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ފުލުހުންގެ ގާނޫނީ ވާޖިބެކެވެ.

އެކަމަކު މި މައްސަލާގައި އެތައް ބައެއްގެ ކަންބޮޑުވުމަކީ ގާނޫނު ނަގަހައްޓާ ދެމެހެއްޓުން ނުވަތަ އިންސާފު ގާއިމްކުރުމުގައި ގެންގުޅޭ ތަފާތުކުރުމެވެ. ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ލިއެފައި އޮތަސް، އެންމެ ކުޑަމިނުން މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދަނީ އިންސާފުންތޯ ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ.

ގާސިމްގެ އޮފީސް ފުލުހުން ފާސްކުރަމުން ދިޔައިރު އޭނާ އޮފީހުން ބޭރުގައި: ގާސިމްގެ މައްޗަށް ތުހުމަތުކުރި ރިޝްވަތުގެ މައްސަލައިގެ ތަހުގީގު ވަނީ ފަށާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ގާސިމްގެ އޮފީސް ފުލުހުން ފާސްކުރަމުން ދިޔައިރު އޭނާ އޮފީހުން ބޭރުގައި: ގާސިމްގެ މައްޗަށް ތުހުމަތުކުރި ރިޝްވަތުގެ މައްސަލައިގެ ތަހުގީގު ވަނީ ފަށާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކަށް ތުހުމަތުކުރެވޭ ރިޝްވަތާއި އެ ނޫން ވެސް މައްސަލަތަކުގެ ތަހުގީގު އަވަސް މިނުގައި ކުރިއަށްދާއިރު ސަރުކާރަށް ނިސްބަތްވާ ބޭފުޅުންނާ މެދު ކުރާ ތުހުމަތުތައް ބަލާނެ އެއްވެސް މުއައްސަސާއެއް ނެތުމަކީ އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވާ މައްސަލައެކެވެ.

"ހެކި ނެތި ގާސިމް އިބްރާހިމަށް ރިޝްވަތުގެ ތުހުމަތު ކުރާއިރު، ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ހިނގި ކަމަށް ބުނި މީހާއާ ދޭތެރޭ އެޅުއްވީ ކޮން ފިޔަވަޅެއްތޯ؟ ކޮބައިތޯ ހަމަޔާއި އިންސާފު؟ ޖަވާބު ދެއްވާ،" ފުލުސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް ޓެގް ކުރައްވައި، ކުރީގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެއްސެވި އެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމާއި މެމްބަރުން ރިޝްވަތުގައި ހިއްޕަވާ ކަން އާއްމުންނާ ހަމައަށް ތިލަވީ، މަސީހު ވަކިކުރުމުގެ ވޯޓާ ހިސާބަކުން ނޫނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ ފައިސާ ރިޝްވަތުގެ ގޮތުގައި މެމްބަރުންނަށް އަދީބު ދެއްވި ކަން ރައްޔިތުންނަށް އިއުލާންކޮށްދެއްވީ ރައީސް ޔާމީނެވެ. އެންމެ ފަހަރަކު ނޫނެވެ. މެމްބަރުން ފައިސާގައި ހިއްޕެވި ކަމަށް ޖަލްސާތަކުގައި ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ބިނާވެގެނެއް ނޫން ސިސްޓަމް ހިނގަން ޖެހޭނީ - ޝަމީމް

ރައީސްގެ އެ ވާހަކަފުޅަށް ބާރު ލިބޭ ގޮތަށް، އެމްއެމްޕީއާރުސީގެ "ފައިސާ ގޯނި" ބެއްސެވީ އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ، އަމިއްލަ އަށް، އެއްބަސްވެވަޑައިގެންފަ އެވެ. ޓީވީ ޕްރޮގްރާމްތަކުގައި ވެސް ފަހުރުވެރިކަމާ އެކު ތަކުރާރުކޮށް އޭނާ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވެސް ނެންގެވި ކަމަށެވެ.

އެކަމަކު އޭގެ ފަހުން އޭނާ ވިދާޅުވަމުން ގެންދަވަނީ އެއީ ސިޔާސީ ގޮތުން ވިދާޅުވި ވާހަކައެއް ކަމަށެވެ. އަދި އެ މައްސަލާގައި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ދައުލަތުގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނެންގެވި ކަން މިހާ ސާފުކޮށް އެނގެން އޮތްއިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެޅި ފިޔަވަޅެއް ނެތެވެ.

މެމްބަރު ފައިސާ ބެއްސެވީ ކޮން ކަމަކާ ގުޅިގެން، ކޮން މެމްބަރުންނަކަށްތޯ ދެ އަހަރުވި އިރު ވެސް ފުލުހުންނަށް ތަހުގީގުކުރެވިފައެއް ނުވެ އެވެ. އަދި ރިޝްވަތުގެ ކަންކަން ބަލަން ޖެހޭ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެކަމާ ގުޅިގެން މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ.

މެމްބަރު މުހައްމަދު އިސްމާއީލް: މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް އޭނާ ވިދާޅުވި މައްސަލާގައި މިހާތަނަށް އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާ.

މެމްބަރު މުހައްމަދު އިސްމާއީލް: މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވި ކަމަށް އޭނާ ވިދާޅުވި މައްސަލާގައި މިހާތަނަށް އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާ.

ގާސިމަށް ރިޝްވަތުގެ ދައުވާކުރަން ފޮނުވިއިރު، މެމްބަރު މުހައްމަދު އިސްމާއިލް ފައިސާ ބެއްސެވި ކަމަށް ވިދާޅުވާ މައްސަލަ ނުބަލަނީ ކީއްވެތޯ ސުވާލު އުފައްދައި އާއްމު މީހަކު ވަނީ ޕޮލިހަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ފައިސާ ބެއްސެވި ކަމަށް މެމްބަރު ވިދާޅުވި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް ގާސިމްގެ މައްސަލަ ކުރިއަށް ގެންދިޔަހާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންދާނެތޯ އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

އަމިއްލަ ފަރާތަކުން ހުށަނޭޅި ނަމަވެސް ފުލުހުން އަމިއްލަ އަށް ވެސް މި މައްސަލަ ތަހުގީގުކުރަން ގާނޫނީ ހުރަހެއް ނެތެވެ.

ދެން އޮތީ، މަސީހުގެ ވޯޓާ ގުޅިގެން ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދެއްކެވި މައްސަލަ އެވެ؛ ވޯޓު ނަގަން ހަފުތާއަކަށް ވެފައި ވަނިކޮށް، ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައި މައްޗަށް ހޫނު ފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ. އިިދިކޮޅު މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިލްހާމްގެ މަގްސަދަކީ، ވޯޓަށް ސީދާ ނުފޫޒު ފޯރުއްވުމެވެ.

މި މައްސަލައިގެ ތަހުގީގަށް އިލްހާމް ޕޮލިހަށް ހާޒިރުކުރި އެވެ. އެއް ބަޔަކު ދެކޭ ގޮތުގައި، ބޭނުމަކީ އެއީ ގާސިމާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދ ފާރިސް މައުމޫން ޕޮލިހަށް ހާޒިރުކުރި ދަނޑިވަޅަކަށް ވާތީ، އިލްހާމްގެ މައްސަލަ ވެސް ބަލާކަން އާއްމުންނަށް ދެއްކުމެވެ. އިލްހާމް ހާޒިރުކުރުމާ އެކު އެ ތަހުގީގު ނިމުނީ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ރިޝްވަތު ދެއްވި ކަމަށް ދޭހަވާ ގޮތަށް މެމްބަރު މުހައްމަދު އިސްމާއިލް ވާހަކަ ދައްކަވާފައި އޮތްއިރު އެ މައްސަލާގައި މިހާތަނަށް ފިޔަވަޅު ނޭޅި އޮތުމަކީ އިންސާފު ގާއިމްކުރަމުންދާ ގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދާނެ ޖާގަ ލިބޭ ކަމެއް ކަމަށެވެ.

"އިންސާފު ގާއިމްވުމަކީ ހަމައެކަނި އިންސާފު ގާއިމްވުމެއް ނޫން. އިންސާފު ގާއިމްވާ ކަން މީހުންނަށް ގަބޫލު ވެސް ކުރެވެން ޖެހޭ، ނޫނީ މީހުންނަށް އެކަން ވާ ކަމަށް އިހްސާސްކުރެވޭ ގޮތަށޭ އެކަން ހިނގަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މައްސަލަތައް ބަލަން ޖެހޭނީ އެ މީހަކު ނިސްބަތްވާ ޕާޓީއަކަށް ނުވަތަ ނިސްބަތްވާ ޖިންސަކަށް ނުވަތަ ނަސްލަކަށް ވެސް ބެލުމެއް ނެތި އެވެ.

"ވަކި މީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ބިނާވެގެނެއް ނޫން ސިސްޓަމް ހިނގަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އެއް ކަހަލަ ތުހުމަތުތަކެއްގައި ދެ މީހެއްގެ މައްޗަށް ދެ ގޮތަކަށް ފިޔަވަޅު އަޅާ މަންޒަރު ފެންނަމުން ދާ ކަމަށް ބުނެ ކުރާ ޝަކުވާގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ވަކި ޕާޓީއަކަށް ނިސްބަތްވާތީ، ކުށެއް ކުރެއްވިއަސް އަދަބު ނުލިބޭނެ ކަމަށް ގަބޫލުކޮށް ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

ގާސިމަށް އުފުލާފައިވާ ރިޝްވަތުގެ ތުހުމަތުގައި ގިނަ ބައެއްގެ ކަންބޮޑުވުމަކީ މިއެވެ؛ ގާސިމަކީ އިދިކޮޅު ލީޑަރަކަށް ވާތީ އޭނާއާ ދެކޮޅަށް ބޭއިންސާފުން ކަންކަން ކުރަނީ އެވެ.