Roadha Mihaaru
ޔުނައިޓެޑް ވިކްޓަރީން ވެލެންސިއާ ބަލިކޮށްފި

ޔުނައިޓެޑް ވިކްޓަރީން ވެލެންސިއާ ބަލިކޮށްފި

24 އެޕްރީލް 2017

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ބަލިވެ ކްލަބް ވެލެންސިއާ އަޑިގަނޑުން އަރައިނުގަނެވި، އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0 އިން ބަލިވެ ކްލަބް ވެލެންސިއާ އަޑިގަނޑުން އަރައިނުގަނެވި، އިތުރު ހުރަސްތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ފަސް މެޗު ކުޅުނުއިރު ވެލެންސިއާ އޮތީ މޮޅެއް ނުލިބި އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ. ފުރަތަމަ ބުރުގައި ދެ މެޗު އޮތްއިރު، ދިވެހި ޕްރިމިއާ ލީގަށް ހޮވޭނީ ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

ލީގުގެ ކުރީކޮޅު މައްސަލަތަކާ ދިމާވި ޔުނައިޓެޑް ވިކްޓަރީ މިވަނީ މި މޮޅާ އެކު، ތިން ޕޮއިންޓް ހަމަކޮށް ހަ ވަނަ އަށް އަރައިފަ އެވެ. އާ ކޯޗު މުހައްމަދު ނަޒީހާ އެކު ޔުނައިޓެޑް ވިކްޓަރީ ފެނުނީ ތަފާތުކޮށެވެ. ޓީމު ރޫހާ އެކު ކުޅުނުއިރު، މަސައްކަތުގެ ރޭޓް ވެސް ފެނުނީ ރަނގަޅުކޮށެވެ.

މިރޭގެ މެޗުގެ ހަމައެކަނި ލަނޑު ޔުނައިޓެޑް ވިކްޓަރީއަށް ކާމިޔާބުކޮށްދިނީ 29 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ނާވީ މުހައްމަދެވެ. ޒިވްކޮވިޗް ޓިހޯމިރް އޭރިއާ ތެރެއިން ޖައްސާލި ބޯޅަ ނާވީ ގޯލްކުރިމަތިން ޖެހުމުން ގޯލުގެ ތެރެއަށް ވަނީ ވެލެންސިއާގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ފައިދަށުންނެވެ.

އޭގެ ކުރިން 13 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޒިވްކޮވިޗް ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް އަމާޒުވާން ދަނިކޮށް ފައިސަލް ވަނީ ވެއްޓިގެންފައި ދިފާއުކޮށްފަ އެވެ. އަދި 25 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ ޑޯޑޭ ހިލޭ ޖެހުމަކުން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ވެސް ފައިސަލް މަތަކުރި އެވެ.

ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން ޔުނައިޓެޑް ވިކްޓަރީއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ޒިވްކޮވިޗަށް މުޅިން ހުހަށް ލިބުނު ބޯޅަ އޭނާ އަށް ޖެހެން އޮތް ނަމަވެސް ދިނީ ކުރިއަށް އެ ވަގުތު ޖެހިލި ނާވީ އަށެވެ. އެކަމަކު އެ ބޯޅަ ތަންކޮޅެއް ބާރުވުމުން ނާވީއަށް އަތުވާގޮތެއް ނުވި އެވެ.

ފުރަތަމަ ހާފުގައި ވެލެންސިއާގެ ފަރާތުން ޔުނައިޓެޑް ވިކްޓަރީގެ ގޯލަށް މާ ނުރައްކާތެރި ބޯޅަތަކެއް އަމާޒެއް ނުވި އެވެ. އެކަމަކު 15 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ގޮޑްފްރޭ ވެސްޓް ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ގޯލުގެ ތިރީ ކަނަށް ވަންނަން ވަނިކޮށް ޔުނައިޓެޑް ވިކްޓަރީ ގޯލްކީޕަރު އާމިރޯފް ރުސްލާން އެ ބޯޅަ ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފުގައި ވެލެންސިއާ ފެނުނީ ކުރިއަށް ވުރެ ވަރުގަދަކޮށެވެ. މި ހާފުގައި އެ ޓީމުން ކުރިއަށް ވުރެ ހަމަލާތައް އިތުރުކުރި ނަމަވެސް ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ. އެގޮތުން 64 ވަނަ މިނެޓުގައި އިބްރާހިމް ހަމްދާން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ގޯލް ކުރިމަތިން ހުރަސްވެގެން ދިޔައިރު ޖަހާނެ ކުޅުންތެރިޔަކު ނެތެވެ.

އޭގެ ފަހުން 66 ވަނަ މިނެޓުގައި ވެސްޓުގެ ބާރު ޝޮޓެއް ޔުނައިޓެޑް ވިކްޓަރީ ކީޕަރު މަތަކުރި އެވެ. މެޗުގެ ފަހުކޮޅު ހިލޭ ޖެހުމަކުން ދެ ފަހަރެއްގެ މަތިން ވެލެންސިއާ އިން އޭރިއާ ތެރެއަށް ނުރައްކާތެރި ބޯޅަތަކެއް ލި އެވެ. އެކަމަކު ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ރަނގަޅަށް ކުޅުނު ކަމަށާއި މައްސަލައަކީ ގޯލެއް ނުޖެހުން ކަމަށެވެ. އަދި މި މެޗުން ބަލިވުމާ އެކު ވެއްޓުނީ އުދަނގޫ ފައްތަރަކަށް ކަމަށާއި އެކަމަކު މެނޭޖްމަންޓާ އެކު މަސައްކަތްކޮށްގެން މި ހާލަތުން އަރައިގަންނަން މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

"މާލެ ލީގު (ގާތްގަނޑަކަށް) ދެބައިވީ އިރު ވަރަށް ފަހަތުގައި މިއޮތީ. މިއީ އުނދަގޫ ހާލަތެއް. މިކަމުން އަރައިގަންނަން މަސައްކަތްކުރާނަން،" ފެސްކޯ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި ލީގުގެ ތެރެއަށް ވަދެގަތުމަށް މި ތިން ޕޮއިންޓް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.

"ރަނގަޅު ކުޅުމަކާ އެކު މުހިއްމު މޮޅެއް މިއީ. މިރޭ ކުޅުންތެރިން ދަނޑުމަތީގައި ކުރި މަސައްކަތް ފެނިއްޖެ. ގާތްގަނޑަކަށް 85 ޕަސެންޓުގައި ކުޅުންތެރިންގެ ވޯކް ރޭޓް އުޅެނީ. އެވަރުގައި އުޅެންޏާ މާނައަކީ، އަނެއް ޓީމުގެ ފަރާތުން ލޫޕްހޯލްތަކެއް ހޯދޭނެޔޭ،" ނަޒީހު ބުންޏެވެ.

އެކަމަކު ބުނީ ޕްރެކްޓިހުގައި ބައިވެރިވަނީ 15 ވަރަކަށް 16 ވަރަކަށް ކުޅުންތެރިން ކަމަށާއި އެހެންވެ ޕްރެކްޓިސް ކުރަން ދަތި ކަމަށެވެ. އަދި ސްކޮޑުގައި ނަމަކަށް ތިބި ކުޅުންތެރިންގެ އުނިކޮށް ބުރަކޮށް މަސައްކަތްކުރާނެ ކުޅުންތެރިންތަކެއް ހޯދުމަށް މެނޭޖްމަންޓާ އެކު މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.