Roadha Mihaaru
ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު: ސުޒޭން

ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު: ސުޒޭން

29 އެޕްރީލް 2017

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ މިހާރު އޮތް ހާލަތުން އަރައިގަންނަން މިރޭ ކްލަބް ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ މިހާރު އޮތް ހާލަތުން އަރައިގަންނަން މިރޭ ކްލަބް ވެލެންސިއާ އަތުން މޮޅުވުން މަޖުބޫރު ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ދެ ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގައި ވިކްޓަރީ އޮތްއިރު ވެލެންސިއާ އޮތީ އެއް ޕޮއިންޓާ އެކު ފުލުގަ އެވެ. މި ބުރުގައި ދެ ޓީމަށް ބާކީ ދެ މެޗު އޮތްއިރު އިތުރު އެއް ބުރު އަދި އެބައޮތެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ހަތަރު ވަނައިގައި މިވަގުތު އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

"ވިކްޓަރީ މި ހާލަތުން އަރައިގަންނަން ވަރަށް ބައިވަރު ޕޮއިންޓް ބޭނުންވޭ. އެހެންކަމުން މިއީ ވަރަށް މުހިއްމު މެޗެއް. އެކަމަކު އިތުރު އުނދަގޫތަކާ ކުރިމަތިވެފައި އޮތީ. އެއީ (މުހައްމަދު އާރިފް) ބަކާ އާއި މުސްތަފާ (ސެޑިކް) ނުލާ ގާތްގަނޑަކަށް ކުޅެން ޖެހެނީ. ކޮންމެ ގޮތެއް ވިޔަސް މި ހާލަތުން އަރައިގަންނަންޏާ މޮޅުވުން މަޖުބޫރު މެޗެއް މިއީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މެޗާ ކުރިމަތިލާއިރު ވެލެންސިއާ އަށް ޕްރެޝަރެއް ނެތް ކަމަށާއި އެ ޓީމުން ޓާގެޓެއް ވެސް ހަދާފައި ނެތް ކަމަށެވެ.

"ވިކްޓަރީ ޓާގެޓެއް ހަދައިގެން މަސައްކަތްކުރާއިރު އުނދަގޫ ހާލަތެއްގައި މިއޮތީ. އެ ޕްރެޝަރު އެބައޮތް. އަނެއްކާ މިއީ އަޅުގަނޑަށް އެހާ ފަރިތަ ސަރަހައްދެއް ވެސް ނޫން މިއީ ރެލިގެޝަން ސަރަހައްދަކީ. އަލަށް ކަންނޭގެ މިހާލަތަށް ޓީމެއް ވެއްޓިގެންދާއިރު އޭގައި މި މަސައްކަތްކުރަނީ. އެކަމަކު ވެސް މީގައި ހުރި އުނދަގޫތަކާ އެކު މަސައްކަތްކުރެވޭތޯ ބަލާނަން،" ސުޒޭން ބުންޏެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ވެލެންސިއާގައި ޓާގެޓެއް ނެތް ކަމަށް ސުޒޭން ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ވެލެންސިއާ އިން ސީޒަން ފެށުނީއްސުރެ މަސައްކަތްކުރަމުން އަންނަނީ ވަކި ޓާގެޓަކަށް ކަމަށެވެ.

ސުޒޭން ބުނީ އޭނާ އެހެން ބުނީ ވެލެންސިއާ އަށް އިހުތިރާމްނުކުރުމުގެ ގޮތުން ނޫން ކަމަށާއި ވެލެންސިއާގައި ޓާގެޓެއް އޮތް ކަމުގެ މައުލޫމާތު ނެތުމުން ކަމަށެވެ.

އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ވިކްޓަރީ ބަލިވިއިރު ސުޒޭން ބުނީ އެ މެޗާ ބަލާއިރު މިރޭގެ މެޗު ހުރިހާ ގޮތަކުން ބެލެންސް ވާނެ ކަމަށެވެ. މާޒިޔާ އަކީ ވަރުގަދަ ޓީމަކަށް ވުމުން އެ ޓީމާ ދެކޮޅަށް ޑިފެންސިވްކޮށް ބޮޑަށް ރާވާއިރު މިރޭ ފެނިގެންދާނެ ހުރިހާ ކަމެއް ހަމަހަމަކޮށް ކަމަށް އޭނާ ބުންޏެވެ.

ފެސްކޯ ވެސް ބުނީ ދެ ޓީމަކީ ވެސް އެއްވަރެއްގެ ދެ ޓީމަށް ވުމުން މިރޭ ވަރަށް ބެލެންސް ފުޓްބޯޅައެއް ފެނިގެންދާނެ ކަމަށާއި ކުޅިބެލުންތެރިން ހިތްހަމަޖެހޭ ފަދަ މެޗެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މިރޭގެ މެޗުން މޮޅުވެގެން ޓީމުގެ ހާލަތު ބަދަލުވުމުގެ ފުރުސަތު އޮތުމުން މިއީ ވަރަށް މުހިއްމު މެޗެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

"ކުރިއަށް ދިއުމަށް އަޅުގަނޑުމެން ހޯދަން ޖެހޭ ޕޮއިންޓް ހޯދަން ފެށުމަށް ރަނގަޅު މެޗެއް ވިކްޓަރީ މެޗަކީ،" ފެސްކޯ ބުންޏެވެ. "މިރޭ ވަރަށް ބެލެންސްކޮށް ފެންނާނެ. ރަނގަޅު އެޓޭކްތަކެއް ކުރެވޭނެ ކަމަށް ގަބޫލުކުރަނީ."